އެމްޑީޕީން ބޯހިޔާވަހިކަމުގެ ހަ ޑިމާންޑެއް ހުށަހަޅައި، ސަރުކާރަށް ދެ އަހަރުވާ ދުވަހަށް މުއްދަތު ދީފި
އިދިކޮޅު އެމްޑީޕީން ބޯހިޔަވާހިކަމާ ގުޅޭ ހަ ޑިމާންޑެއް ސަރުކާރަށް ހުށަހަޅައި، އެ ޑިމާންޑުތަކަށް އަމަލުކުރަން ސަރުކާރަށް ދެ އަހަރުވާ ދުވަހަށް މުއްދަތު ދީފިއެވެ. ރޭ އެ ޕާޓީން ވަނީ، "ކޮބާ ކޮބާ މަގޭ ފުލެޓު، ކޮބާ ކޮބާ މަގޭ ގޯތި" ނަމުގައި އެއްވުމެއް ބާއްވާފައެވެ. މި އެއްވުމުގައި ބޯހިޔާވަހިކަމުގެ އެކި މައްސަލަތަކާ ގުޅުން ހުރި ހަ ޑިމާންޑެއް ހުށަހެޅިއިރު، މިމަހު 17ގެ 20:30އާ ހަމައަށް އެމްޑީޕީން ވަނީ މުއްދަތެއް ދީފައެވެ. އެ ޕާޓީން ހުށަހެޅި ޑިމާންޑުތަކަށް ބަލާއިރު، ހުޅުމާލެ ތިން ފިޔަވައްސާއި ގިރާވަރު ފަޅާއި ގުޅީފަޅާއި އުތުރުތިލަފަޅުގެ ބިން ހިއްކުމަށް ފަހުގައި ނޫނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށް ވަނީ ގޮވާލާފައެވެ. އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި މާލޭގެ މޭޔަރު އާޒިމްއާއި އެޕާޓީގެ މެންބަރު މާޒް ސަލީމް: މި އެއްވުމުގައި ހަ ޑިމާންޑެއް ސަރުކާރަށް ހުށަހެޅި ---- ސަން ފޮޓޯ/ މޫސާ ނަދީމް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭނެ ކަމަށް އެމްޑީޕީ ސަރުކާރުގައި ކަނޑައަޅައި، އެއްބަސްވުން ހެދި މީހުންނަށް ލިސްޓުގައިވާ ގޮތަށް ފުލެޓު ދިނުމަށާއި ބާކީ ތިބި 9،763 މީހުންނަށް ފުލެޓު ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭންސް ހަމަޖައްސައި، ކުރިން ހަވާލުކޮށްފައިވާ 7،000 ފުލެޓްތަކުގެ މަސައްކަތް ފެށުމަށް އެ ޕާޓީން ގޮވާލިއެވެ. އިތުރު ޑިމާންޑުތައް: ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރި 4،000 ފުލެޓު ދިނުމަށް ހަދާ 'ކުލީ'ގެ އެއްބަސްވުން ގަނެވިއްކާ އެއްބަސްވުމަކަށް ބަދަލުކޮށްދިނުން ކުރީ ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ 4،000 ފުލެޓުގެ ކުލި ބޮޑު ނުކުރުމަށާއި ޑައުންޕޭމަންޓު ކަނޑާލުން ހުޅުމާލޭ ފޭސް ތިނަކާއި ގިރާވަޅު ފަޅާއި ގުޅީފަޅާއި އުތުރުތިލަފަޅުގެ ބާކީ ހުރި ބިންތައް ހިއްކުމުގެ މަސައްކަތް ފެށުމަށާއި ހިއްކާ ނިމިފައި ހުރި ގޯތިތައް ވެރިފަރާތާ ހަވާލުކޮށް، އެތަންތަނުގައި ދިރިއުޅެން ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ގެދޮރުވެރިޔާއާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40،594 އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ގޮވާލި އެމްޑީޕީން ބޭއްވި އެއްވުމުގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ ---- ސަން ފޮޓޯ/ މޫސާ ނަދީމް މި އެއްވުމުގައި އެމްޑީޕީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެޕާޓީގެ މެންބަރުން ބައިވެރިވެޑައިގެންނެވިއެވެ. https://sun.mv/212233 އެޕާޓީން މިދިޔަ މަހު ތިނެއްގައި ވެސް ބޮޑު އެއްވުމެއް ބޭއްވިއެވެ. މި އެއްވުމުގައި އެމްޑީޕީން ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިއްވި ޑިމާންޑުތަކާ އެއްގޮތަށް ކަންކަން ރަނގަޅުނުކުރާ ނަމަ، ސަރުކާރަށް ދެ އަހަރު ފުރޭ ދުވަސް ކަމަށްވާ މި މަހުގެ 17ވަނަ ދުވަހާ ދިމާކޮށް ބޮޑު އެއްވުމެއް ބާއްވަން، ނިންމާފައެވެ. ބޯހިޔާވަހިކަމަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާއިރު، ގިނަ ބަޔަކު މި ސަރަހައްދުގައި ދިރިއުޅެނީ ކުއްޔަށެވެ. އެކަމަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު، ޖަމިއްޔާތަކާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ގޯއްޗާއި ފުލެޓުތައް ހަވާލުކުރަން ސަރުކާރަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ