24 ގަޑިއިރު ކުންފުނިތަކާއެކު ވަޒީރުން މަސައްކަތްކުރާއިރު ގާނޫނާ ގަވައިދަކާ ޚިލާފެއް ނުވާނެ: ޒަމީރު
މި ސަރުކާރުގެ ވަޒީރުން އަބަދުވެސް 24 ގަޑިއިރު ކުންފުނިތަކާއެކު މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމަށާއި، މަސައްކަތްކުރައްވާނީ ބަންޑާރަނައިބާއި އޮޑިޓަރު ޖެނެރަލްގެ ލަފާގެ މަތިން ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ބަހުސްކުރައްވަމުން ޒަމީރު ވިދާޅުވީ، އާންމުގޮތެއްގައި ދިވެހިރާއްޖޭގައި ހިންގާ ދިވެހި ކުންފުނިތަކުން ގަވައިދުން ޓެކްސްތައް ދައްކަމުން އަންނަ ކަމަށްވިޔަސް ބައެއް ކަހަލަ އިންވެސްޓްމެންޓްތަކުގައި ޓެކްސް ނުދައްކާ ކުންފުނިތައްވެސް އުޅޭ ކަމަށެވެ. ނަމަވެސް ޓެކްސް ނެގުމުގެ ކަންކަން ހަރުދަނާކުރުމަށް މީރާއާއެކީ ފިނޭންސް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވިއެވެ. ޒަމީރު ވިދާޅުވީ، މީރާގެ އިތުރުން ކަސްޓަމްސްއާއި ދައުލަތަށް އާމްދަނީ ވައްދާ އެހެނިހެން އިދާރާތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ވެސް އެހީތެރިކަން ދޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަންނަނީ މަޝްރޫއުތައް ވީ އެންމެ އަވަހަކަށް ފަށައި، ހުރިހާ ކުންފުންޏަކާއެކު ވެސް މެދުކެނޑުމެއްނެތި ގާތުން މަސައްކަތްކުރަމުންނެވެ. "ރައީސް ދެއްވާފަ އޮތް ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ހުރިހާ ވަޒީރުން ހަމަ އަބަދު އަބަދުހެން 24 ގަޑިއިރު މަސައްކަތްކުރަމުން ގެންދަނީ ކުންފުނިތަކާއެކުގައި. ޕްރައިވެޓް ކުންފުނިތަކާއި އަދި އޭގެ އިތުރުން އެސްއޯއީތަކާ ވެސް އެކުގައި. އަދި މިދެންނެވިހެން ކޮންޓްރެކްޓަރު ފައިނޭންސިންގެ ތެރެއިން ވެސް،" ޒަމީރު ވިދާޅުވިއެވެ. "އަޅުގަނޑުމެން ކުރާ ކަމެއް ގާނޫނަކާއި ގަވައިދަކާ ޚިލާފަކަށް ނުކުރާނަން، އެއީ އަބަދުވެސް ރައީސް އަންގަވާފަވާ ގޮތް، އެއާއެކު އަޅުގަނޑުމެން ބަންޑާރަނައިބާއި އޮޑިޓަރު ޖެނެރަލްގެ ލަފާގެ މަތިން ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށް މަސައްކަތްކުރަމުން ގެންދާނީ،" ޒަމީރު އިތުރަށް ވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓު 2026 މަޖިލީހަށް ހުށަހަޅާފައި -- ފޮޓޯ/ މަޖިލިސް މިއަދު ވެސް ޒަމީރު ވަނީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލުތައް ނުހިމެނުން ދިފާއުކުރައްވައިފައެވެ. ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން ވެސް ކުރެއްވި ޒަމީރު ވިދާޅުވި ގޮތުގައި އެކި މަގުސަދުތަކުގައި އޭރުވެސް އަދި މިހާރު ވެސް އެކި ފަރާތްތަކުން މަޝްރޫއުތައް ނިންމަންދޭ ތާރީޚަށް މަޝްރޫއުތައް ނުނިންމައެވެ. އެހެންކަމުން ރާއްޖެއަށް ފައިދާވާނީ މިހާރު މި ހުށަހަޅާ ގޮތަށް ބަޖެޓު ހުށަހަޅައިގެން ކުރިއަށް ދިއުމުންނެވެ. ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން އަމިއްލަ 53 ކުންފުންޏަކާ 206 މަޝްރޫއެއް އެއްފަހަރާ މި މަހުގެ ހަވަނަ ދުވަހު ހަވާލުކޮށްފައެވެ. އެ މަޝްރޫއުތައް ހަވާލުކުރި ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ މަޝްރޫއުތަކަށް ފައިސާ ދިނުން ހުއްޓުވުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މި މަހުގެ ނުވަ ވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވެސްވެއެވެ. އެއަށްފަހު އެ ޕާޓީން މިއަދު ޕީޖީއަށް ފޮނުވި ސިޓީގައި ވަނީ، އިއުލާނުކުރުމެއް ނެތި، އަދި ބީލަމަށްލުމުގެ އެއްވެސް އިޖުރާއަތެއް ފުރިހަމަކުރުމަކާ ނުލައި ސަރުކާރުން ބޭނުންވާ ފަރާތްތަކަށް މަޝްރޫއުތައް ހަވާލުކުރުމުގެ ބޭނުމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދަށް ހަތަރު ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވާ ކަމަށެވެ. މި ގަވައިދަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ކޮންމެ މަޝްރޫއެއް އެ މަޖިލީހުން ނިންމާ ކުންފުނިތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް"ގެ އުސޫލުން ހަވާލުކުރެވޭނެކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ގަޑުބަޑުވެ، ރާއްޖޭގެ މާލީ ނިޒާމަށް އޮންނަ އިތުބާރު އެއްކޮށް ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް އެ ސިޓީގައި ބުންޏެވެ. އަދި އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރީ ހާމަކަމެއް ނެތި ކަމަށް އެ ޕާޓީން ތުހުމަތުކުރިއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މި ހިނގައިދިޔަ މުއްދަތުގައި ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރަމުން އަންނަނީ ވާދަވެރި މާހައުލެއް ނެތި ސަރުކާރު ކުންފުނިތަކާއެވެ. އެހެންވެ އަމިއްލަ ކުންފުނިތަކުން އެކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ