ޑުރަގު އެތެރެކުރާ މީހުންނަށް މި ސަރުކާރުން މަރުގެ އަދަބެއް ނުދޭނެ: އުމަރު

މި ސަރުކާރުން ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭނެ ކަމަށާއި އެކަމަކު އަދަބު އިއުލާނުކުރުމުން ޑުރަގު އެތެރެކުރުން މަދުވާން ފަށާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ. އުމަރު މިގޮތަށް ވިދާޅުވީ ދިވެހިރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ މަރުގެ އަދަބު ދޭން ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާގިރު ފާޅުކުރެއްވި ކަންބޮޑުވުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ. މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޒިޔާދު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި އެތެރެކުރުން ފަދަ މައްސަލަތަކުގެ އަދަބަކަށް, ދީނުގައި އޮތް ގޮތަކީ ކޮބައިކަން ފަތުވާ މަޖިލީހުން ބަލަން ޖެހޭ ކަމަށެވެ. އަދި، މަސްތުވާތަކެތި އެތެރެ ކުރުމުގައި ޝަރުޢީ ގޮތުން ދެވޭނެ އަދަބުތައް ވަރަށް ފުޅާ މިންވަރެއްގައި ބަލަން ޖެހޭނެ ކަމަށް އޭނާ ވަނީ ޚިޔާލު ފާޅުކުރައްވާފައެވެ. https://sun.mv/214845 މިކަމާ ގުޅޭގޮތުން "ސަން"އާ ވާހަަކަދައްކަވަމުން އުމަރު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުން އަޅާނެ ފިޔަވަޅެއް ކަމާ ދޭތެރޭ އޭނާއަށް އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ގިސާސް ހިފުން ރާއްޖޭގައި އަދިވެސް ތަންފީޒުކުރެވިފައި ނެތުން ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން، ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ވެސް ސަރުކާރުން އަޅާނެ ކަމަށް ބުނި މި ފިޔަވަޅު ތަންފީޒު ނުކުރާކަން އުމަރު ވަނީ ފާހަގަކުރައްވާފައެވެ. ފުރަތަމަ ކަމަކަށް މި ސަރުކާރު އަތުގައި ގަލަަމަކާއި ކަރުދާސްގަނޑަކާއި މައިކަކާ އޮވެއްޖިއްޔާމުން ކޮންމެ މަންޒަރެއް ވެސް ކުރަހާލެވިދާނެ. ހަނދުމަފުޅު ހުންނާނެ ރަސްމާލެއާއި މާލެެއާ ދެމެދު އެބައޮތް ޓަނެލެއް ކުރަހާލާފައި. ހަމަ އެގޮތަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބުދިނުން ވެސް އެއީ ހަމަ އެއް ކަމެއް. ތިއީ އަޅުގަނޑުމެން މި ކިޔާ ޕޮލިޓިކަލް އޮޕްޓިކްސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެހެންނަމަވެސް، ސަރުކާރުން މަރުގެ އަދަބު އިއުލާންކުރުމާ ގުޅިގެން މިހާރު ޑުރަގު އެތެރެކުރާ މީހުންގެ ހިތުގައި ބިރުވެރިކަން އުފެދި، ޑުރަގު އެތެރެކުރާ މިންވަރު މަދުވާން ފަށާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރަކީ އޭރުން ފެށިގެން މިއަދާ ހަމައަށް ވެސް ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ވަކާލާތުކުރެއްވި ބޭފުޅެކެވެ. އުމަރު ވިދާޅުވީ މިހާރު ވެސް އޭނާގެ ޚިޔާލު ބަދަލުނުވާ ކަމަށެވެ. އެކަމަކު، ޒިޔާދު ދެއްކެވި ވާހަކައަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން އުމަރު ވިދާޅުވީ މިހާ ހައްސާސް މައްސަލައެއްގައި ގޮތް ނިންމަންވާނީ ވަރަށް ވިސްނުންތެރިކަމާ އެކީގައި ކަމަށެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: -- ސަން ފޮޓޯ އޭނާ ވަނީ ގިސާސް ހިފުމުގެ ހުކުމް މިސާލަކަށް ނަންގަވާފައެވެ. އުމަރު ވިދާޅުވީ، ގިސާސް ހިފަނީ ކޯޓުގެ ތިން މަރުހަލާގައި 11 ފަނޑިޔާރުންގެ ބެންޗެއްގައި ހިމެނޭ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށެވެ. އެހެންކަމުން، ޑުރަގު އެތެެރެކުރާ މީހުންގެ މައްސަލައިގައި ވެސް މަރުގެ އަދަބު ދޭން ވާނީ 11 ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ އެންމެންގެ އިއްތިފާގުން ކަމަށް އުމަރު ވިދާޅުވިއެވެ. https://sun.mv/214845 "ޑުރަގު އެތެރެކުރާ މައްސަލައިގައި ގާނޫނުގައި ނެތް މިފަދަ ވަކި ތަފުސީލެއް ބުނެފައި. ތިން މަރުހަލާ މި ދެންނެވީ ފުރަތަމަ ދަށު ކޯޓު، ކްރިމިނަލް ކޯޓު. ދެން އޭގެ ފަހުން ހައި ކޯޓުގައި ތިއްބަވާނެ ބެންޗުގައި ތިން މީހުން. ދެން ސުޕްރީމް ކޯޓު މަރުހަލާގައި މުޅި ބެންޗު. ތިން މަރުހަލާ ތެރެއިން ދަތުރުކުރާ އިރުގައި އެންމެ ފަނޑިޔާރެއްގެ ރައުޔު ވެސް ތަފާތުވެގެން ނުވާނެ. މިއީ ގިސާސްގައި އަމަލުކުރާ ގޮތް. މި ވަރަށް ވޯޓާ ޓައިޓްކުރީމާ ޒިޔާދު އެ ވިދާޅުވާ މައްސަލައެއް ނުއުފެދޭނެ،" އުމަރު ވިދާޅުވެފައިވެއެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ވާގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދޭނެ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. ނުވަތަ 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ހުށަހެޅި މި ބިލަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހު ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި ބިލެކެވެ. ބިލުގެ ޖަދުވަލު އެކެއްގައި ހިމެނެނީ، މަަނާކޮށްފައިވާ މަސްތުވާތަކެއްޗާއި އެއިން އެއްޗެއް ނުވަތަ މާއްދާއެއް އެކުލެވޭ ނުވަތަ ހިމެނޭ އެއްޗިއްސެވެ. ރާއްޖޭގެ ގާނޫނުލް އުޤޫބާތުގައި ވެސް މަރުގެ އަދަބު އެބައޮތެވެ. އެކަން ކުރީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި 2014 ވަނަ އަހަރެވެ. އޭގެ ފަހުން މަރުގެ އަދަބު ތަންފީޒުކުރަން ބޭނުންވާ ހުރިހާ ކަމެއް ވަނީ ފުރިހަމަކޮށްފައެވެ. https://sun.mv/209447 މަރުގެ އަދަބާ ގުޅޭ ގޮތުން މި ސަރުކާރުން ދެއްކި ވާހަކައިގެ ޓައިމްލައިން: ޑިސެންބަރު 20، 2023 – ގިސާސް ހިފާނެކަމުގެ ޔަގީންކަން ދިން އޮގަސްޓް 14، 2024 – ޑުރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ގާނޫނެއް ޑްރާފްޓްކުރި އޮކްޓޫބަރު 22، 2024 – ގިސާސް ހިފަން ތައްޔާރުވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވި ޖުލައި 30، 2025 – ޑުރަގު ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާކުރާ ކަމަށް ރައީސް ވިދާޅުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ