ބައްސާމްގެ މައްސަލަ ބެލުމުގެ ބާރު ގާނޫނުން ލިބޭ، ފީފާގެ ސަސްޕެންޝަންގެ ބިރެއް ނެތް: ކުރީގެ ޕީޖީ ޝަމީމް
އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެ، މިހާރު ވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލަ ބެލުމުގެ ބާރު ގާނޫނުން ރާއްޖެއަށް ލިބޭ ކަމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ. ބައްސާމް، ފީފާގެ ފައިސާއަށް ޚިޔާނަތްތެރިވީ މައްސަލަ ފީފާގެ ބަހެއް ނެތި ކްރިމިނަލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ނެގި ދިފާއު ކްރިމިނަލް ކޯޓުން އޮތީ ބަލައި ނުގަންނަން މިދިޔަ މަހު ނިންމާފައެވެ. އޭގެ ފަހުން، ފީފާގެ ބަހެއް ނެތި އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ، ބައްސާމްގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. https://sun.mv/214713 ޕީޖީ ޝަމީމް: ބައްސާމްގެ މައްސަލަ ބެލުމުގެ ބާރު ލިބޭ ގޮތް އޭނާ ވަނީ ކިޔައިދެއްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ ކުރީގެ ޕީޖީ ޝަމީމް ވަނީ މި ކަންތައްތަކަށް އަލިއަޅުވާލައި، ވަރަށް ތަފުސީލުކޮށް އަމިއްލަ ބްލޮގުގައި ލިޔުމެއް ހިއްސާކުރައްވާފައެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި، މި މައްސަލަ ބެލުމުގެ ބާރު ގާނޫނުން ރާއްޖެއަށް ލިބެއެވެ. ގާނޫނުލް އުގޫބާތުގެ 13 ވަނަ މާއްދާއާ ހަވާލާދީ ޝަމީމް ވިދާޅުވީ، ކުށެއްގެ ރުކުނެއް ކަމަށް ވެދާނެ އަމަލެއް ރާއްޖޭގައި ހިނގުމުން އެ ކުށަކަށް ގާނޫނުގެ އިޚުތިޞާސް ލިބޭ ކަމަށެވެ. މައްސަލަ ބެލުމުގެ ބާރު ރާއްޖެއަށް ލިބޭކަން އިތުރަށް ކަށަވަރުކޮށްދިނުމަށް ޝަމީމް ލިޔުއްވާފައިވާ ގޮތުގައި، ކުށްކުރީ ކޮންމެ ތަނެއްގައި ކަމަށްވީ ނަމަވެސް، ދިވެއްސަކު ނުވަތަ ރާއްޖޭގައި ދިރިއުޅޭ މީހަކު ކުރާ ކުށެއް ބެލުމުގެ ބާރު ރާއްޖޭގެ އިދާރާތަކަށް ލިބޭ ކަމަށް އެ މާއްދާގެ ތިނެއްގައި ބުނެފައިވެއެވެ. https://sun.mv/213833 މީގެ އިތުރުން، މި މައްސަލައިގައި ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެ ކަމަށް ބައްސާމް އުފައްދާ ސުވާލަށް ވެސް ޝަމީމް ވަނީ ތަފުސީލީ ޖަވާބެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، މި މައްސަލައިގައި ރާއްޖެ ސަސްޕެންޑްކުރުމާ މެދު ގޮތެއް ނިންމާނީ ފީފާއިން ކަމަށެވެ. އެފްއޭއެމްގެ ރައީސް ބައްސާމާއި ފީފާގެ ރައީސް އިންފަންޓީނޯ ބައްދަލުކުރެއްވުން: ފީފާގެ ސަސްޕެންޝަންގެ ބިރެއް ރާއްޖެއަކަށް ނެތް ކަމަށް ޝަމީމް ވިދާޅުވޭ -- ފޮޓޯ/ ޖިއާނީ އިންފަންޓީނޯ، އިންސްޓަގްރާމް "ސަސްޕެންޑް ކުރިއަސް ވެސް، އެ ކަމަކީ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހުށަހެޅި ހިނގަމުންދާ މައްސަލަ ނުބެލޭންވީ ސަބަބެއް ނޫނެވެ. އަދި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ތަބާވާންޖެހޭ ކަމަށް ޤާނޫނުއަސާސީއާއި ޤާނޫނުގައި އޮތް ކަންކަމުގެ ތެރޭގައި ފީފާއިން ނިންމާފާނެ ގޮތަކަށް ބެލުމަކީ އޮތް ކަމެއް ވެސް ނޫނެވެ،" ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފީފާއިން ޤައުމެއް ސަސްޕެންޑްކުރަނީ ތިންވަނަ ފަރާތެއްގެ ނުފޫޒެއްގެ ދަށުން އެ ޤައުމެއްގެ ނެޝަނަލް އެސޯސިއޭޝަން ހިންގުމުގެ ކަންކަމާ ބެހި ހަދާނަމަ ކަމަށެވެ. ނަމަވެސް، ކޮރަޕްޝަންގެ މައްސަލައެއް ބަލައިގެން ފީފާއިން އެއްވެސް ޤައުމެއް ސަސްޕެންޑްނުކުރާ ކަމަށާއި ރާއްޖެއަށް ފީފާގެ ސަސްޕެންޝަންޝަންގެ ބިރު ނެތީ އެހެންވެ ކަމަށް ކުރީގެ ޕީޖީ ވަނީ ވިދާޅުވެފައެވެ. ފީފާގެ އަސާސީ ގަވައިދާ ހަވާލާދީ ތަޖުރިބާކާރު ވަކީލު ވިދާޅުވީ، ފީފާގެ މެންބަރަކަށް ވެވެނީ ކޮންމެ ގައުމެއްގެ ފުޓުބޯޅަ ތަމުސީލުކުރާ ރަސްމީ އިދާރާއަކަށް ކަމަށާއި އެފްއޭއެމްއަށް އެ ދައުރު ލިބުނީ ސަރުކާރުގެ ހުއްދައާ އެކީގައި ކަމަށެވެ. ބައްސާމް -- ފޮޓޯ/ އެފްއޭއެމް "ސަރުކާރުގެ ޝަރުޠަކީ ދިވެހިރާއްޖޭގައި ފުޓުބޯޅަ ތަރައްޤީކުރުމެވެ. ވީމާ، އެފްއޭއެމްއަށް ލިބޭ ފައިސާއަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ފުޓުބޯޅަ ތަރައްޤީކުރަން، ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާއެވެ،" ޝަމީމް ތަފުސީލުކޮށްދެއްވިއެވެ. ހަމައެހެންމެ، ފީފާ މެދުވެރިކޮށް ނުވަތަ އެ ނޫން ޖަމިއްޔާއެއް މެދުވެރިކޮށް އެފްއޭމްއަށް ފައިސާ ލިބުނަސް، އެއީ ދިވެހި ރައްޔިތުންނަށް ލިބޭ ފައިސާ ކަމަށާއި ޚިޔާނާތްތެރިވެވެނީ އެ ފައިސާއަށްކަން ކުރީގެ ޕީޖީ ފާހަގަކުރެއްވިއެވެ. ބައްސާމާ ދެކޮޅަށް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައަކީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ނުވަތަ 18 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ބައްސާމް ޚިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލައިގައި ވެސް ބައްސާމްގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ކޮށްފައެވެ. ހައިކޯޓަށް ހުށަހަޅައިގެން މި އުޅެނީ ވެސް މި މައްސަލައިގެ ތެރެއިން އުފެދުނު ހުސޫމާތެކެވެ. މި މައްސަލައިގައި ދަށު ކޯޓު މަރުހަލާގައި މިހާރު އޮތީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މި މައްސަލައިގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންނާއި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ