ސްރީ ލަންކާއަށް އެރި ތޫފާނަށް ފަހު އެކަން މެނޭޖު ކުރުމުގައި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ސޯޝަލް މީޑިއާގައި ރައީސް އަނޫރާ ކުމާރަ ދިސާނަޔަކައަށް ފާޑުކިޔާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ މިނިސްޓަރު ސުނިލް ވަޓަގަލާ ފުލުހުންނަށް އަންގަވައިފި އެވެ.
ފުލުހުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އޭނާ ވަނީ އެފަދަ ކޮމެންޓް ކުރާ ފަރާތްތަކާ ދެކޮޅަށް ކުއްލި ހާލަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ފުލުހުންނަށް އަންގަވައިފަ އެވެ.
"ކާރިސާއެއްގެ ތެރޭ އަބުރު ކަތިލުމާއި އަބުރާ ބެހުން ފަދަ ދޮގު ވާހަކަތައް ދެއްކުމަކީ އަދަބު ދެވޭނެ ކުށެއް. ސޯޝަލް މީޑިއާގައި ރައީސަށް ދަނީ ވަރަށް ބޮޑަށް ބަދުބަސް ރައްދު ކުރަމުން. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޒިންމާވާ ފަރާތްތައް ހައްޔަރުކޮށް އެމީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާ،" ސުނިލް ވިދާޅުވި އެވެ.
ނަމަވެސް ދާދި ފަހުން ދެއްވި ތަގުރީރުގައި ރައީސް އަނޫރާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގެ ގާނޫނު ހަމައެކަނި އަމަލު ކުރާނީ ކާރިސާތަކުގެ ހާލަތްތަކުގައި އެކަނި ކަމަށެވެ.
ކާރިސާ މެނޭޖު ކުރާ ގޮތާ ބެހޭ ގޮތުން އިދިކޮޅު ލީޑަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އިދިކޮޅު ލީޑަރު ރަނިލް ވިކްރަމަ ސިންހާ ވިދާޅުވީ ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަ ދިނުމުގައި ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށެވެ.
ކުއްލި ހާލަތުތައް މެނޭޖު ކުރުމަށް މި އަހަރުގެ ކުރީކޮޅު ގިނަ ވޯކްޝޮޕްތަކެއް ބޭއްވުނު ނަމަވެސް، އިދިކޮޅުން ބުނީ ޑިޒާސްޓާ މެނޭޖްމަންޓް ގާނޫނުގެ މައިގަނޑު މާއްދާތައް މިދިޔަ މަހުގެ 27 ވަނަ ދުވަހު ތަންފީޒު ކުރެވިފައި ނުވާ ކަމަށެވެ.
މިދިޔަ މަހު 28 ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމި ނިންމުމަށް ފާޑުކިޔައި އިމަޖެންސީ ޑިއުޓީ އަދާކުރާ ޑިޕާޓްމަންޓްތައް ޕެރަލައިޒްވެފައިވާ ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަންދޫބުން ވަނީ މިހާރު ކުރިމަތިވެފައިވާ ކާރިސާގައި ސަރުކާރަށް އަމިއްލައަށް ނުކުރެވޭނެ ކަމަށާއި ތޫފާން ދިތުވާގެ ސަބަބުން ގައުމު އަލުން އާރާސްތުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ.
ލަންކާގެ ރައީސަށް ފުރައްސާރަކުރާ މީހުން ހައްޔަރުކުރަން ފުލުހުންނަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ