އިސްލާމީ މުޖުތަމަޢުތަކަށް ބަލައިފިނަމަ ކޮންމެ މުޖުތަމަޢުތަކެއްގައިވެސް މައްސަލަތަކެއް އެބަހުއްޓެވެ. ބޮޑެތި ފާފަތައް ކުރުން މިވަނީ ޢާންމުވެފައެވެ. ބަނގުރަލާއި މަސްތުވާ ތަކެތީގެ ވަބާ މިވަނީ ޢާންމުވެފައެވެ. ޒިނޭކުރުމާއި ވައްކަންކުރުމާއި މަކަރާޙީލަތް ހެދުން ފަދަ އެތައް ކަމެއް މިވަނީ ޢާންމުވެފައެވެ. މިކަންކަމުގެ އިތުރުން ވަރިގިނަވުމާއި ދަރިންނަށް އަޅައިނުލުމާއި މައިންބަފައިން ނުބެލުން ފަދަ އެތައް ކަމެކެވެ.
މިބާވަތުގެ އެއްވެސް ކަމަކީ އިޞްލާޙް ނުކުރެވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް އިޞްލާޙްކުރެވޭނީ މުޖުތަމަޢު އެކުގައި މަސައްކަތްކޮށްގެންނެވެ. އެންމެން ގުޅިގެން މަސައްކަތްކޮށްގެންނެވެ.
ވިސްނާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދީނަށް ގޮވައިލެއްވެވި ޒަމާނަކީ މުސްލިމަކު ނެތް ޒަމާނެކެވެ. އެންމެން ޝަރީކުކުރި ޒަމާނެވެ. އެންމެން ބޮޑެތި ފާފަތައް ކުރި ޒަމާނެވެ. އިސްލާމްވީ އެމީހުންނެވެ. ހިތަށްއެރިހައި ނުބައި ކަމެއް ކުރަމުން އައި މުޝްރިކުންނެވެ.
އެމީހުން އިސްލާމްވީ ކީއްވެގެން ހެއްޔެވެ؟ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުފުޅު ކުރެއްވެވި ގޮތުންނެވެ. މީސްތަކުންނާއިމެދު ބެހެއްޓެވި އޯގާތެރިކަމުންނެވެ. އިޚްލާޞްތެރިކަމާއިއެކު ނަޞޭޙަތް ދެއްވެވުމުންނެވެ.
މިއަދު އަހުރެމެންނަކީ މުސްލިމުންނެވެ. މާފަސޭހައިން ކަންކަން ޤަބޫލުކުރެވޭނެއެވެ. ބޭނުންވަނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުފުޅު ކުރެއްވެވި ފަދައިން ޢަމަލުކުރުމެވެ. އިޚްލާޞްތެރިކަމާއިއެކު ނަޞޭޙަތް ދިނުމެވެ. އެންމެން އެކުގައި މުޖުތަމަޢު އިޞްލާޙްކުރަން މަސައްކަތްކުރުމެވެ.
މުޖުތަމައުތަކުގެ ވެރިންގެ ދައުރު ވަރަށް ބޮޑެވެ. އެމީހުންނަކީ ﷲ ތަޢާލާގެ ޙުކުމްފުޅުތައް ތަންފީޛްކުރަން ޙަވާލުވެގެން ތިބި ބައެކެވެ. ނަޞޭޙަތް ދިނުމުން އިޞްލާޙްނުވެ ކުށްކުރާ މީހުންނަށް ފިޔަވަޅު އެޅުމަކީ ވެރިންގެ މަސްއޫލިއްޔަތެކެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުޖުތަމަޢުގެ އެންމެން ގުޅިގެން މަސައްކަތްކޮށް، ވެރިން އެމީހުންގެ މަސްއޫލިއްޔަތު އަދާކޮށްފިނަމަ ހުރިހާ ކަންކަންވެސް އިޞްލާޙްކުރެވޭނެއެވެ. ބައަކު އިޞްލާޙްވާން މަސައްކަތްކުރާނަމަ ﷲ ތަޢާލާ އެބައަކަށް އެކަން ކުރެވޭނެ މަގުފަހިކޮސް ދެއްވަވާނެތެވެ. އެއީ ޔަޤީންކަމެކެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚް ޢަބްދުލްމަޖީދު އިފްތާލްގެ ދަރުސަކުން
އެންމެން ގުޅިގެން މަސައްކަތްކޮށް، ވެރިން އެމީހުންގެ މަސްއޫލިއްޔަތު އަދާކޮށްފިނަމަ އިޞްލާޙްނުކުރެވޭނެ ކަމެއް މުޖުތަމަޢަކު ނުއޮންނާނެ!: ޝައިޚް ޢަބްދުލްމަޖީދު އިފްތާލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ