ޔުނިފޯމް ބަދަލުކުރުމަކީ ހަރަދުބޮޑު، ބޭކާރު ކަމެއް: ނަޝީދު

ސްކޫލުތަކުގެ ދަރިވަރުން މިހާރު ވެސް ތިބެނީ އެކަށީގެންވާ ވަރަށް ނިވާވެގެން ކަމަށާއި ޔުނީފޯމު އަޅާ ގޮތް ބަދަލުކުރުމަކީ ހަރަދުބޮޑު ބޭކާރު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ސާކިއުލާއެއްގައި ވަނީ 2027 ވަނަ އަހަރުން ފެށިގެން، ސަރުކާރު ސްކޫލުތަކުގެ ދަރިވަރުންގެ ޔުނިފޯމަށް ބަދަލުގެންނަކަން އިއުލާންކޮށް، އުސޫލު އާންމުކޮށްފައެވެ.އެ އުސޫލުގެ ދަށުން ގެނެސްފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި، ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހެދުމާއި، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓެއް ލާނަމަ، ހަރުވާޅުލާން ޖެހުން ހިމެނެއެވެ.އެ އުސޫލާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ މެދުގައި ޚިޔާލު ތަފާތުވުން ވަނީ އުފެދިފައެވެ.އެ އުސޫލަށް ނަޝީދު ވެސް ފާޑުވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 90،000 އަށްވުރެ ގިނަ ދަރިވަރުން މިހާރު ތައުލީމު ހާސިލުކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ޔުނީފޯމަށް އެންމެ މަދުވެގެން ވެސް 900 ރުފިޔާ ޚަރަދުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.އާ އުސޫލުގައިވާ ގޮތުން، ހުރިހާ ދަރިވަރުންގެ ވެސް ރަސްމީ ޔުނީފޯމުގެ ގަމީހުގެ ކުލަ އަކީ ހުދު، މަޑު ރަތް، އުޑު ނޫ ނުވަތަ ޓީލް ފެހި ކުލަ އެވެ. ހަރުވާޅާއި ސްކާޓް އަދި ސޯޓު ހުންނަން ޖެހޭނީ ކަޅު ކުލަ ނޫނީ ނޭވީ ބްލޫކުލައިގަ އެވެ.ބުރުގާ އަޅާ ދަރިވަރުންގެ ބުރުގާގެ ކުލައިގައި ދެ އިހްތިޔާރެއް ވަނީ ދީފަ އެވެ. އެއީ ޔުނިފޯމާ އެއްކުލައެއްގެ އެކަމަކު އެއަށް ވުރެ ގަދަ ކުލައެއްގެ ބުރުގާ އެޅުން ނޫނީ ނޭވީ ބްލޫ އާއި ރޯޔަލް ގްރީން ގަދަ ރަތް އަދި ހުދު ކުލައިގެ ބުރުގާއެއް އެޅުމެވެ. އަޅާނެ ކުލައެއް ހަމަޖައްސާނީ ކުރާނީ ސްކޫލުންނެވެ.ބުރުގާ އަޅާ ދަރިވަރުންނަށް ޔުނީފޯމު ކުލައިގެ ގަދަ ކުލައެއް ބުރުގާއަށް ބޭނުން ކުރެވޭނެ އެވެ. އެއީ ނޭވީ ބްލޫ، ރޯޔަލް ގްރީން ޑާކް ރެޑް ނުވަތަ ހުދު ކުލަ ބޭނުން ކުރުމެވެ. ނޫނީ ފަޓުލޫނު ނުވަތަ ސްކާޓް ކުލައިގެ ބުރުގާ ބޭނުން ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ