ސާފު ނުވުމުންނާއި ހުއްދަ ނުނަގާތީ، ކާބޯތަކެތީގެ ޚިދުމަތްދޭ 25 ތަނެއް ބަންދުކޮށްފި
މާލެ ސިޓީ ކައުންސިލާއި ކާބޯތަކެއްޗާ ބެހޭ އިދާރާ (އެމްއެފްޑީއޭ) ގުޅިގެން މާލެއާއި ވިލިމާލޭގެ ކާބޯތަކެތި ވިއްކާ ތަންތަނުގެ ތެރެއިން 25 ތަނެއް އިއްޔެއާ ހަމައަށް ބަންދުކޮށްފިއެވެ. ސިޓީ ކައުންސިލުން ބުނީ، މި ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮޕަރޭޝަންގައި ސައި ހޮޓާތަކާއި ޓޭކްއަވޭގެ ޚިދުމަތާއި ކެއުންބުއިމުގެ ޚިދުމަތް ދިނުމަށް އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ ތަންތަނުގެ އިތުރުން ގަވައިދާ ޚިލާފަށް ޚިދުމަތްދޭ ތަންތަން ބަލަމުން އަންނަ ކަމަށެވެ. ޗާންދަނީމަގުގައި ހުންނަ ހަންގްރީ ބާޑްސް ބަންދުކޮށް ނޯޓިސް ހަރުކުރަނީ --- ފޮޓޯ: މާލެ ސިޓީ ކައުންސިލް މި އޮޕަރޭޝަންގެ ދަށުން އެމްއެފްޑީއޭގެ ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ނޯޓިސް ދީ ބަންދުކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން، އިއްޔެގެ ނިޔަލަށް މިހާތަނަށް 25 ތަނެއް ބަންދުކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. ކެފޭއެއް ބަންދުކޮށް ނޯޓިސް ހަރުކުރަނީ --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް ކައުންސިލުން އިތުރަށް ބުނީ، މި އޮޕަރޭޝަންގެ ދަށުން ގިނަ ތަންތަން ބަލަން ޖެހޭތީ، އޮޕަރޭޝަން ކުރިއަށް ގެންދާ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އިތުރުކުރަން ނިންމީ ކިހާ މުއްދަތަކަށް ކަމެއް ކައުންސިލުން އަދި ނުބުނެއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާލޭގެ ހަ ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސަރަހައްދެއްގައި ކައުންސިލާއި އެމްއެފްޑީއޭގެ ޖޮއިންޓް ޓީމެއް ހަރަކާތްތެރިވާ ގޮތަށް ކަމަށާއި މާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައި ނިމުމުން ވިލިމާލޭގައި ހުރި ތަންތަން ވެސް ބަލަން ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ