އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަމްސް އެއިޑުން ހަރަކާތްތަކެއް ފަށައިފި

އަންހެން ކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް، މަމްސް އެއިޑް ޖަމިއްޔާއިން މި އަހަރު ވެސް ހަރަކާތްތަކެއް ފަށައިފިއެވެ. މަމްސް އެއިޑުން ބުނީ، މި ހަރަކާތްތައް މި އަންނަ މަހުގެ 16ގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ. މި އަހަރުގެ ހަރަކާތްތަކުގެ ޝިއާރަކީ، އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ލިބޭ އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމެވެ. އެ ހަރަކާތްތަކުގެ ތެރެއިން، އަންނަ ހުކުރު ދުވަހުގެ ރޭ "ސްޓްރޯންގް ވިމެން، ސޭފް ވިމެން ސެލްފް ޑިފެންސް"ގެ ނަމުގައި ވޯކްޝޮޕެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މި ވޯކްޝޮޕް އިންތިޒާމު ކުރަނީ، ފުލުހުންނާއި އެމްއެންޑީއެފާއި ވެލްނަސް ކުލަބާއި އެސޯސިއޭޝަން ފޯ ވިމެން އެމްޕަވަމެންޓް ގުޅިގެންނެވެ. މަމްސް އެއިޑް ޖަމިއްޔާއިން ބުނީ، މި ހަރަކާތުގައި ހިލޭ ބައިވެރިވެވޭނެ ކަމަށާއި މިއީ ހަމައެކަނި އަންހެނުންނަށް ޚާއްސަކޮށް ބާއްވާ ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕް އޮންނާނީ ވެލްނަސް ކްލަބްގައި ހުކުރު ދުވަހުގެ ރޭ 20:00އެވެ. އެ ރެއާ ހަމައަށް، ވޯކްޝޮޕްގައި ބައިވެރިވާން މަމްސް އެއިޑުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެ ޖަމިއްޔާއިން ބުނީ ވޯކްޝޮޕްއަށް އާންމުންގެ ތާޢީދު ވަރަށް ބޮޑަށް ލިބޭ ކަމަށާއި އެ ވޯކްޝޮޕުގެ ބޭނުމަކީ، އަންހެނުންނާއި އަންހެން ކުދިންނަށް ދިމާވާ ތަފާތު އަނިޔާތަކަށް ހޭލުންތެރި ކުރުވުމާއި އެ އަނިޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ކިޔައި ދިނުން ކަމަށެވެ. މި ހަރަކާތުގެ އިތުރަށް، އެ ޖަމިއްޔާއިން ވަނީ، އަންނަ މަހު ދެ ވަނަ ދުވަހުގެ ރެއަށް ކުއިޒެއް ރާވާފައެވެ. އެ ކުއިޒުގެ ބޭނުމަކީ، މަޖާ މާހައުލެއްގައި ވާދަވެރި ޓީމްތަކެއް ހަދައި، އަންހެނުންނަށް ދިމާވާ ތަފާތު އަނިޔާތަކަށް ހޭލުންތެރި ކުރުން ކަމަށްވާއިރު، މި އިވެންޓުގައި ދެ ޖިންސުގެ މީހުންނަށް ބައިވެރިވެވެއެވެ. އެގޮތުން، މި ހަރަކާތުގައި ހަތަރު މީހުންގެ ޓީމަކަށް 200 ރުފިޔާގެ ފީއެއް ނަގަން ވަނީ ނިންމާފައެވެ. ކުއިޒްގައި ރަޖިސްޓްރީވުމަށް އެ ޖަމިއްޔާއިން އަންނަ ހަފުތާގައި ހުޅުވާލާނެއެވެ. މަމްސް އެއިޑުން ވަނީ، މި ކުއިޒުގެ ވަނަތަކަށް ހޮވޭ ތިން ޓީމަކަށް އަގުހުރި އިނާމުތަކެއް ހަމަޖައްސާފައެވެ. މި ކުއިޒް ނައިޓްވެސް މަމްސް އެއިޑްއިން ބޭއްވުމަށް ހަމަޖެހިފައިވަނީ އެސޯސިއޭޝަން ފޯ ވިމަން އެމްޕަވަމަންޓްއާއި (ޝީ)އާއި އެޗްއާރްސީއެމްއާ ގުޅިގެންނެވެ. ހަމައެހެންމެ، އަންހެނުންނަށް ކުރާ އަނިޔާއާ ގުޅިގެން ރައްކާތެރިވެވޭނެ ގޮތްތަކާއި އަނިޔާއަކީ ކޮބާކަމާއި ރާއްޖޭގައި ލިބޭނެ އެހީތަކަށް އަލި އަޅުވާލައިގެން އޮންލައިން ވެބިނާއެއް ބާއްވާނެ ކަމަށް މަމްސް އެއިޑުން ވަނީ ބުނެފައެވެ. މި ހަރަކާތްތަކުގެ އިތުރަށް އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހޭލުންތެރި ކުރުމުގެ ކެމްޕެއިންއެއް ކުރިއަށް ދާނެ ކަމަށް މަމްސް އެއިޑުން ވަނީ ބުނެފައެވެ. އަދި، އަންހެނުންނާއި އަންހެން ކުދިންނަށް ލިބެމުންދާ ކޮންމެ އަނިޔާއަކީ ވެސް، މުޖުތަމަޢުގެ އިސްނެގުމާއެކު ރަނގަޅު ކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި އެޖަމިއްޔާއިން ވަނީ ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ