ގުވަހާޓީ، އިންޑިއާ (ނޮވެމްބަރު 26) - އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުން އަމިއްލަ ގައުމުގައި ކުޅެ، ތާރީހުގައި ވެސް އެންމެ ތަފާތު ބޮޑު ލަނޑުގެ ނަތީޖާ އަކުން، ދެކުނު އެފްރިކާ އަތުން ބަލިވެއްޖެ އެވެ.
އިންޑިއާއާ ދެކޮޅަށް ދެކުނު އެފްރިކާ އިން ކުޅުނު ޓެސްޓް ސީރީސްގެ ފުރަތަަމަ މެޗުން މޮޅުވީ، 30 ލަނޑުންނެވެ. އަދި، ދެ ވަނަ މެޗުން ދެކުނު އެފްރިކާ އިން ވަނީ، 408 ލަނޑުން މޮޅުވެފަ އެވެ. މިއީ، މިހާތަނަށް ޓެސްޓް މެޗެއްގައި އިންޑިއާ އިން ލަނޑުގެ ގޮތުން އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.
ދެކުނު އެފްރިކާ އަތުން މި ބަލިވި މެޗުގެ ކުރިން، ޓެސްޓް މެޗެއްގައި އިންޑިއާ އިން އެންމެ ތަފާތު ބޮޑުކޮށް، ލަނޑުގެ ގޮތުން ބަލިވީ، 2004 ވަނަ އަހަރު ނާގްޕޫރުގައި ކުޅުނު މެޗުން އޮސްޓްރޭލިއާ އަތުންނެވެ. އެ ފަހަރު އޮސްޓްރޭލިއާ އިން އިންޑިއާ އަތުން މޮޅުވީ، 342 ލަނޑުންނެވެ.
އިންޑިއާ އަތުން 2-0 އިން ދެކުނު އެފްރިކާ އިން މި ޓެސްޓް ސީރީސް ކާމިޔާބުކުރިއިރު، މިއީ، 2000 ވަނަ އަހަރުގެ ފަހުން، ދެކުނު އެފްރިކާ އަށް އިންޑިއާގައި ލިބުނު ޓެސްޓް ސީރީސްގެ ފުރަތަަމަ މޮޅެވެ. އަނެއްކޮޅުން، މިއީ މިދިޔަ ދެ އަހަރު ތެރޭ އިންޑިއާ އިން ޓެސްޓް ސީީރީސް އަކުން އަމިއްލަ ފަސްގަނޑުގައި ބަލިވި ދެ ވަނަ ފަހަރެވެ.
މިދިިޔަ އަހަރުގެ ޓެސްޓް ސީރީސްގައި، ނިއު ޒީލެންޑު އަތުން 3-0 އިން އިންޑިއާ ބަލިވިއިރު، މިއީ، މިދިޔަ 12 އަހަރު ތެރޭގައި އިންޑިއާ އިން އަމިއްލަ ގައުމުގައި ކުޅެ، ޓެސްޓް ސީރީސް އަކުން ބަލިވި ފުރަތަމަ ފަހަރެވެ.
މި ފަހުން، އިންޑިއާ އިން ނެރުނު ނަތީޖާތަކަށް ބަލާއިރު، އެ ޓީމުގެ ކޯޗު، ގޯތަމް ގަމްބީރަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެ ގޮތުން، ގަމްބީރު، މިދިޔަ އަަހަރުގެ ޖުލައި މަހު، އިންޑިއާ ޓީމާ ހަވާލުވި ފަހުން، ކުޅުނު ޓެސްޓް މެޗުތަކަށް ބަލާއިރު، ހަތް މެޗުން މޮޅުވިއިރު، 10 މެޗުން ވަނީ ބަލިވެފަ އެވެ.
އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމަށް ލަދުވެތި ބައްޔެއް އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމަށް ލަދުވެތި ބައްޔެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ