އާ ޗެއާޕާސަން އިންތިޚާބުކުރެވެންދެން، އެމްޑީޕީއަށް ވަގުތީ ޗެއާޕާސަނެއް އައްޔަންކުރަނީ
އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ މެންބަރަކު އިންތިޚާބުކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް އެ ޕާޓީގެ ގައުމީ މަޖިލީހުން ކަނޑައަޅާ މެންބަރަކާ ވަގުތީގޮތުން ހަވާލުކުރަން އިއްޔެ ނިންމައިފިއެވެ. ރޭ ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިދިޔަ އާދީއްތަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެން، އެ ޕާޓީގެ ހިންގުން ކުރިއަށް ގެންދާނެ ގޮތާއި ކޮންމެހެން ހަމަޖައްސަންޖެހޭ ކަންކަމާ މެދު އެ ޕާޓީގެ ލީޑާޝިޕުން އިއްޔެ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން, އިއްޔެ މެންދުރު ފަހު ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ދެ ނިންމުމެއް ނިންމި ކަމަށް އެމްޑީޕީން ބުންޏެވެ. އެއީ, އެމްޑީޕީގެ ޗެއާޕާސަންކަމަށް މީހަކު އިންތިޚާބުކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް އެ ޕާޓީގެ ގައުމީ މަޖިލީހުން ކަނޑައަޅާ ފަރާތަކާ ވަގުތީގޮތުން ހަވާލުކުރުމަށާއި، ޗެއާޕާސަންގެ އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ހުށަހެޅުމަށެވެ. އެ ކަންކަމުގައި ކުރިއަށް ދާނީ ހުޅުވާލެވިފައިވާ މާހައުލެއްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. މެއި 23، 2022ގައި އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒް, އެ މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރެއްވީ އާދީއްތަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. https://sun.mv/214308 އެ މަގާމުން އިސްތިއުފާދެއްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ފައްޔާޒު ލިޔުއްވި ގޮތުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ ވަރަށް ފޮނި އުންމީދުތަކާއެކުގައެވެ. ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ޕާޓީ ހިންގުމަށް ހުރި ބައެއް ދަތިތައް ހިއްސާކުރައްވައިފައެވެ. އެގޮތުން, އޭނާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައިނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުން ވެސް އިސް ސަފުގައި ތިއްބެވިކަން އޭނާ ފާހަގަކުރެއްވިއެވެ. އެއާއެކު ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ޕާޓީގެ އެތެރޭގައި ނުތަނަވަސްކަން އުފެދޭ މަންޒަރު މިހާރު ފެންނަ ކަމަށާއި އެކަމުގެ ސަބަބުން ޕާޓީގެ މަސައްކަތްތަކަށް ހިޔަނި އެޅޭ ކަމަށް ފައްޔާޒު އެ ސިޓީގައި ފާހަގަކުރެއްވިއެވެ. https://sun.mv/214313 ފަސް ސަފުހާގެ އެ ސިޓީގައި ފައްޔާޒު ވަނީ ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންނަށް ދެތިން އިލްތިމާސެއްް ވެސް ކުރައްވައިފައެވެ. އެގޮތުން، އެމްޑީޕީ މިހާރު ތަހައްމަލުކުރަމުންދާ ދަތި ކަންކަމުގެ އަލީގައި ޕާޓީގައި އެންމެ ލީޑަރެއް ހުންނާނެ ގޮތަށް އަސާސީ ގަވާއިދު ބަދަލުކުރުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ. އޭނާ ލިޔުއްވި ގޮތުގައި "އެއް އުރައެއްގައި ތިން ކަނޑިއަކަށް ނޯވެވޭނެ"އެވެ. އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވި އެއް ސަބަބަކީ އެ ޕާޓީގެ އިސްވެރިންގެ މައްޗަށް މެންބަރުން ބަސްބުނުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި ކަމަށް ވެސް އެ ސިޓީގައި އޭނާ ލިޔުއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ