މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުނުކުރުމަށް އެދި އެމްއެމްސީން ރައީސަށް ސިޓީއެއް ފޮނުވައިފި

ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުނުކުރުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މީޑިއާ ކައުންސިލުން މިއަދު ސިޓީއެއް ފޮނުވައިފިއެވެ. މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި މީޑިއާ ކައުންސިލުން ބުނީ، އެ ބިލު އިއްޔެ ފާސްކުރީ ބިލު މަޖިލީހަށް ހުށަހެޅީއްސުރެ، އެ ކައުންސިލާއި، ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބާ ކައުންސިލާއި، ނޫސްވެރިންނާއި، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން، މި ބިލަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކަމަށެވެ. މީޑިއާ އާ ގުޅުންހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހެޔޮ ނިޔަތެއްގައި އެދޭ ނަމަ، ފުޅާކޮށް މަޝްވަރާކުރުމަށާއި، ގިނަ ބައެއްގެ ބައިވެރިވުމާ އެކު ދިރާސާކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދިއުމަށް ފެށުނީއްސުރެ އެދެމުން އައިކަން މީޑިއާ ކައުންސިލުން ފާހަގަކުރިއެވެ. އެކަމަކު މިއަހަރުގެ ދެވަނަ ދައުރު ނިންމާލައި އޮގަސްޓް މަހުގެ މެދުތެރެއިން ޗުއްޓީއަށް ދިޔަ މަޖިލީހުން ދައުރުން ބޭރުން އަވަސް ދުވެއްޔެއްގައި ބިލުގެ މަސައްކަތް ކުރިއަށް ގޮސް ނިންމާލުމުގެ ސަބަބުން އެތައް މައްސަލައެއް ފެންމަތިވެގެން އަންނާނެ ކަމަށް، އެ ކައުންސިލްގެ ބަޔާނުގައި ވެއެވެ. "މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ، މީޑިއާ ރެގިއުލޭޓްކުރުމުގެ ބަދަލުގައި ކޮންޓްރޯލްކުރެވިގެން ދާނެއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ތައާރަފްކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ." މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. ކޮންމެ ޑިމޮކްރަސީއެއްގެ ވެސް އެންމެ މައި އެއް ތަނބަކީ މިނިވަން ނޫސްވެރިކަން ކަން ފާހަގަކޮށް މީޑިއާ ކައުންސިލުން ބުނީ، މި ބިލު ތަސްދީގުކުރުމުގެ ސަބަބުން ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާ ދެކޮޅަށް ފާރަވެރިވުމުގެ ގޮތުން ކުރެވޭ ތަހުގީގީ، އަދި ޖަވާބުދާރީކުރުވުމުގެ ނޫސްވެރިކަން ހުއްޓުމަކަށް އަންނާނެ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވާނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖޭގެ ރޭންކިން ވަރަށް ބޮޑަށް ދަށްވެގެން ދިއުންކަން އެ ކައުންސިލުން ފާހަގަކުރިއެވެ. މި ބިލު ތަސްދީގުކުރާ ހިސާބުން މީޑިއާ ކައުންސިލް އުވިގެން ދާނެކަން ފާހަގަކޮށް އެ ކައުންސިލުން ބުނީ، ކައުންސިލް އުވިގެން ދިޔަ ނަމަވެސް، މިނިވަން ނޫސްވެރިކަމުގެ ރޫހު ދެމި އޮންނާނެ ކަމަށެވެ. ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން, ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލް ބިލު އިއްޔެ ފާސްކުރީ ގިނަ އަދަދެއްގެ ނޫސްވެރިން ދެކޮޅު ހަދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ. ބިލު ފާސްކުރަން 60 މެންބަރުން ވޯޓުދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓުދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި 151 ނޫސްވެރިންގެ ސޮޔާ އެކު ހުށަހެޅި ޕެޓިޝަންގައި ހުރި ކަންބޮޑުވުންތަކަށް، ކޮމިޓީން ގެނައި އިސްލާހާ އެކު ފަރުވާ ލިބިފައިވާ ކަމަށް ބުނެ އެ ޕެޓިޝަން ވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. އަދި، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނާއި ސަރުކާރުން އަންނަނީ މިއީ 'އަބުރު ރައްކާތެރިކޮށްދޭ' ބިލެއް ކަމަށް ބުނެ ބިލު ޕްރޮމޯޓުކުރަމުންނެވެ. ބިލަށް އިސްލާހުތަކެއް ގެނައި ނަމަވެސް ނޫސްވެރިން އިހުތިޖާޖުކުރަނީ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެއެވެ. އެ ގޮތުން، ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ގޮވާލާފައެވެ. އަދި، ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގުނުކުރައްވަން ނޫސްވެރިން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލަމުންނެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ، ސަރުކާރާ ގުޅުން އޮންނަ، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެ ބިލު އެންމެ ފުރަތަމަ ހުށަހެޅުއްވިއިރު ހުރީ 'ކޮންޓްރޯލް ކުރުމުގެ' ސިފަތަކެއް ކަމަށެވެ. ނަމަވެސް، އެ ސިފަތައް ބިލުން ކަނޑުވާލައި މިހާރު އެއީ މީޑިއާތައް ރެގިއުލޭޓުކުރާ ބިލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މީޑިއާ ބިލު އެންމެ ފުރަތަމަ ފެނިވަޑައިގެން ދުވަހު، އެއީ އެންމެ ފަހުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ތައްޔާރުކުރި ބިލު މިކްސްއެއް ކަމަށެވެ. އެ ކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކޮށް، ބިލާ ގުޅިގެން ގިނަ ކަންބޮޑުވުންތައް ހުރި ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި، އެގޮތުން ބިލު ފާސްވެގެން އަންނައިރު މަގާމުގައި ހުންނެވި ނަމަ، ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ