42ވަނަ އޭބީއޭ ކޮންފަރެންސް އަންނަ އަހަރު ރާއްޖޭގައި

އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް އަންނަ އަހަރު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ ކަމަށް، ގައުމީ ބޭންކް ބީއެމްއެލުން ބުނެފިއެވެ. މިއީ 2018ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އޭބީއޭގެ އޭޖީއެމާއި ކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެ. ބީއެމްއެލުން ބުނީ، އަންނަ އަހަރުގެ ކޮންފަރެންސްގައި މާލީ އަދި ބޭންކިން ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްވެ، ދާއިރާގައި ދިމާވާ މައްސަލަތަކާއި، ދާއިރާގައި ހުރި ފުރުސަތުތަކާއި، މާލީ ސިނާއަތުގެ މުސްތަގުބަލާ މެދު މަޝްވަރާކުރާނެ ކަމަށެވެ. މި ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި، އޭބީއޭގެ ނައިބު ޗެއާމަންގެ ގޮތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ހަމަޖެއްސީ މި ހަފުތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހު ބޫޓާނުގައި ބޭއްވި އެ އެސޯސިއޭޝަންގެ 41ވަނަ ކޮންފަރެންސްގައި ކަމަށް، ބީއެމްއެލުން މައުލޫމާތު ދެއެވެ. މިކަމާ ގުޅިގެން ޝަރީފް ވިދާޅުވީ، އޭބީއޭގެ 42ވަނަ ކޮންފަރެންސް ބާއްވަން ފުރުސަތު ލިބުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށާއި، މިއީ ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދާއިރާ ބޭރު ދުނިޔެއަށް ދައްކާލައި، ބޭރު ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ. އަންނަ އަހަރު ބާއްވާ އޭބީއޭގެ 42ވަނަ ކޮންފަރެންސްގައި އެ އެސޯސިއޭޝަންގެ މެންބަރު ގައުމުތަކުގެ ސީއީއޯއިނާއި އިސްވެރިންނާއި ބޭންކިން އިންޑަސްޓްރީގެ މާހިރުން ބައިވެރިވާނެ ކަމަށާއި، މި ކޮންފަރެންސްގައި މާލީ އަދި ބޭންކިން ދާއިރާއަށް މުހިންމު މައުޟޫއުތަކާ ގުޅޭ މަޝްވަރާތަކާއި، ވޯކްޝޮޕްތަކާއި ނެޓްވޯކިން ސެޝަންތައް ހިމެނޭނެ ކަމަށް، ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ