މާލީ ބަޔާން ހުށަނާޅާ ޚަބަރާއެކު މެންބަރު ނިޒާރު ގޮވާލެއްވީ މީޑިއާ ތަޅު އަޅުވާ ބިލު އަވަސްކުރަން
ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު މާލީ ބަޔާން ހާމަނުކުރާ ޚަބަރު މީޑިއާތަކުން މިއަދު ރިޕޯޓުކުރުމާއެކު އެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު އެކަމާ ހިތްހަޖެހިވަޑައިނުގެން، މީޑިއާ ކޮންޓްރޯލް ބިލު އަވަސްކުރުމަށް ގޮވާލައްވައިފިއެވެ. މަޖިލީހުގެ އިދާރާއިން ވަނީ ޖުމުލަ 93 މެންބަރުންގެ ތެރެއިން 88 މެންބަރެއްގެ މާލީ ބަޔާން މިއަދު ހާމަކޮށްފައެވެ. މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގެ ތެރެއިން މިހާތަނަށް އެ އިދާރާއަށް ލިބިފައިވާ ހުރިހާ މާލީ ބަޔާނެއް މިހާރު ހާމަކޮށްފައިވާ ކަމަށެވެ. އެކަމަކު، ފަސް މެންބަރަކު މާލީ ބަޔާން ހާމައެއް ނުކުރެއެވެ. އެއީ ކޮން މެންބަރުންނެއް ކަމެއް މަޖިލީހުގެ އިދާރާއަކުން ނުބުނެއެވެ. އެކަމަކު، މަޖިލީހުގެ ވެބްސައިޓުގައި ވާގޮތުން މިހާރު މާލީ ބަޔާން ހާމަނުކުރަނީ ފަސް މެންބަރެކެވެ. އެއީ: މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި މެންބަރު ނިޒާރު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާއްމުކުރި މިއީ ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބައެއް މީޑިއާތަކުން މީގެ ކުރިން ނުދޭހާ ބޮޑު ސަމާލުކަމެއް މިފަހަރުގެ މާލީ ބަޔާންތަކަށް މިދިނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މާލީ ބަޔާން، އެ އޮންނަ އުސޫލުގެ ތެރެއިން އާއްމުކުރަމުންދާ ކަމަށާއި އެގޮތަށް އެކަން ކުރަނީ މަޖިލީހުގެ ގަވާއިދުގައި ލިޔެވިފައިވާތީ ކަމަށެވެ. އަދި އެ ގަވާއިދާއި އެއްގޮތަށް އަމަލުނުކުރާ މެންބަރުންނާމެދު މަޖިލީހުން އެ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޚާއްސަކޮށް މަޖިލީހުން އެފަދަ އެއްވެސް ފިޔަވަޅެއް ނުވަތަ ބަޔާނެއްވެސް ނެރެފައި ނުވަނީސް ބައެއް މީޑިއާތަކުން ލިސްޓު ހަދައި އާންމުކޮށް، ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ޚަބަރު ޝާއިއުކުރުން އޭނާ ވަނީ ކުށްވެރިކުރައްވައިފައެވެ. އަދި އޭނާ ގޮވައިލެއްވީ މީޑިއާ ކޮންޓްރޯލް ބިލު އަވަސްކުރުމަށެވެ. "މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު އަވަސްކުރަން އަޅުގަނޑު ގޮވައިލަން. އަދި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެންވިޔަސް މި ބިލު އަވަހަށް ފާސްކުރަން އަޅުގަޑު ގޮވާލަން،" ނިޒާރު ވިދާޅުވިއެވެ. https://sun.mv/210823 މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވައިކުރާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަންޖެހޭނެއެވެ. އެހެންވެ، މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ މޭ މަހުގެ 28ވަނަ ދުވަހަށް އެއް އަހަރު ފުރުމުން، މި މަހުގެ 31ވަނަ ދުވަހުގެ ކުރިންނެވެ. މާލީ ބަޔާން މަޖިލީހުން އާއްމުނުކުރާ ފަސް މެންބަރުންގެ ޚަބަރުތައް މިއަދު މީޑިއާތަކުން ރިޕޯޓުކުރުމުން މީޑިއާތައް ތަޅު އަޅުވާ ބިލު ފާސްކުރުން އަވަސްކުރުމަށް މެންބަރު ނިޒާރު ގޮވައިލެއްވިއިރު، އެ ބިލަށް ސަރުކާރު މެންބަރުން ވަނީ ތާއީދުކުރައްވައިފައެވެ. އެކަން، ބިލުގެ ބަހުސްގައި ފާހަގަކުރެވުނެވެ. މީޑިއާ ކޮންޓްރޯލް ބިލު މިވަގުތު އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ. އެ ބިލާ ދެކޮޅަށް އެތައް ނޫސްވެރިންނެއް މުޒާހަރާކުރަމުން ދަނިކޮށް އެ ބިލު މަޖިލީހުން ބަލައިގަތުމުން މީޑިއާތަކުގެ ބޮޑެތި ކަންބޮޑުވުން އެބަހުއްޓެވެ. އަދި އެ ބިލަކީ މިނިވަން ނޫސްވެރިކަން މަރައިލާ، ނޫސްވެރިންނަށް ބިރު ދައްކައި، ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ނޫސްތައް ގެންދިޔުމަށް މަގުފަހިކުރާ ބިލެއް ކަމަށް މިޑިއާ ކައުންސިލާއި، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ވެސް ވަނީ ގޮވައިލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ