އާ ޑްރޯންތަކުގެ ތިންވަނަ ޝިޕްމަންޓު ވެސް ރޭ އައްޑޫ އަށް ގެނެސްފި އާ ޑްރޯންތަކުގެ ތިންވަނަ ޝިޕްމަންޓު ވެސް ރޭ އައްޑޫ އަށް ގެނެސްފި

އެމްއެންޑީއެފް އަށް އަލަށް ގެންނަ ޑްރޯންތަކުގެ ދެވަނަ އަދި ތިންވަނަ ޝިޕްމަންޓެއް ރޭ އައްޑޫއަށް ގެނެސްފި އެވެ.
މިއީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގެނައި ޑްރޯންތަކާ ގުޅުންހުރި ތިންވަނަ ޝިޕްމަންޓެވެ. ޑްރޯންގެ ފުރަތަމަ ޝިޕްމަންޓު ގެނައީ ބެލަރޫސްގެ "ރޫބީ ސްޓާ އެއާވޭސް" ގެ Ilyushin Il-76TD މަރުކާގެ ބޯޓެއްގައި ބުދަ ދުވަހެވެ.
މިފަހަރު ގެންނަ ޑްރޯންތަކުގެ ޝިޕްމަންޓުތައް ގެނައީ "އެއާ މާސްޓާ" އެއާލައިނުގެ Boeing 737-8F2 މަރުކާގެ ބޯޓެއްގަ އެވެ. އެ ބޯޓު އައްޑޫއަށް ޖެއްސީ ރޭ މެންދަމު 2:44 ހާއިރު އެވެ.
މި ބޯޓު ރާއްޖެއަށް ދަތުރުކޮށްފައިވަނީ ޔޫއޭއީގެ ޝާރްޖަހް ސިޓީ އިންނެވެ. ރާއްޖެ އައުމުގެ ކުރިން ފުރަތަމަ ދެ ޝިޕްމަންޓު ގެނައި ބޯޓާ އެއްގޮތަށް މި ބޯޓު ވެސް ވަނީ ތުރުކީގެ ޑްރޯން އުފައްދާ ބައިކާރު ކުންފުނީގެ ޓެސްޓިން އަދި ޑްރޯން އުފައްދާ ފެސިލިޓީތަކެއް ހުންނަ ތެކިރްދާ ސިޓީ އަށް މަޑުކޮށްފަ އެވެ. މި ބޯޓު ތުރުކީއަށް ދިޔައީ ބުރާސްފަތި ދުވަހު އެވެ. އެނބުރި ޔޫއޭއީ އަށް ދިޔައީ އިއްޔެ އެވެ.
ޑްރޯންތަކުގެ ތިންވަނަ ޝިޕްމަންޓު ގެނައި އެއާމާސްޓާގެ ބޯޓު ރޭ ދަންވަރު އައްޑޫއަށް ޖައްސަނީ --- ފޮޓޯ: ފްލައިޓު ރާޑަރު
ޑްރޯންގެ ފުރަތަމަ ޝިޕްމަންޓުގައި ހިމެނުނީ 20 ފޫޓުގެ ތިން ކޮންޓެއިނަރުގަ އެވެ. ފަހު ދެ ޝިޕްމަންޓުގައި ހިމެނުނު ތަކެތީ ތަފުސީލެއް މިހާތަނަށް ނުލިބެ އެވެ. މި ކޮންޓެއިނަރުތަކުގައި ހިމެނެނީ ޑްރޯންތަކުގެ ވަކިވަކި ބައިތަކެވެ. ޑްރޯންތައް އެސެމްބަލްކޮށް ޓެސްޓު ކުރުމަށް ބައިކާރުގެ ޓީމެއް ރާއްޖެ އަންނާނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ގަނެފައިވަނީ ބައިކާރުން އުފައްދާ "ބައިރަކްތާރު އަކިންޗީ" ޑްރޯންތަކެކެވެ. ގަނެފައިވަނީ އެ މަރުކާގެ ތިން ޑްރޯން އާއި ގްރައުންޑް ކޮންޓްރޯލް ޔުނިޓެއް ކަމަށާއި މި ޑްރޯންތައް އޮޕަރޭޓް ކުރަނީ އައްޑޫގައި ގާއިމުކުރާ ސިފައިންގެ ވައިގެ މަރުކަޒުގައި ކަން އެނގިފައިވެ އެވެ.
ޑްރޯންތައް އޮޕަރޭޓުކުރަން އެމްއެންޑީއެފް އިން އަންނަނީ ގަމު އެއާޕޯޓުގައި ޑްރޯން ބޭސް އެއް ތަރައްގީ ކުރަމުންނެވެ.
ސަރުކާރުން ސިފައިންނަށް އިރުޝާދު ދީފައިވަނީ މި މަހުގެ ފަހުކޮޅު ރައީސް މުހައްމަދު މުއިއްޒު އައްޑޫއަށް ކުރައްވާ ދަތުރުގައި އެ ބޭސް އިފްތިތާހު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒު އައްޑޫއަށް ވަޑައިގަންނަވަނީ މި މަހުގެ ފަހު 10 ދުވަހުގެ ތެރޭގަ އެވެ.
މީގެ ކުރިން ގަތް ބައިކާރު ކުންފުނިން އުފައްދާ ބައިރަކްތާރު ޓީބީ-2 ޑްރޯންތައް ގަތުމަށް ސަރުކާރުން ކުރި ހަރަދު ވަނީ ސިއްރުކޮށްފަ އެވެ. ޑްރޯންތައް ގަންނަން ތުރުކީއާއެކު ވީ އެއްބަސްވުމާއި ޑްރޯންތަކުގެ ތަފުސީލު ދިނުމަށް، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރި 241 ކޮމިޓީގެ ބައްދަލުވުން ވެސް ޑިފެންސުން އެދިގެން ސިއްރުކުރި އެވެ.
އިތުބާރު ހުރި މަސްދަރުތަކުން ބުނާ ގޮތުގައި ޑްރޯން ގަތުމަށް އެއްބަސްވުމުން ހެދީ 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) އަށެވެ. މި ފައިސާ ހަރަދުކުރީ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުންނެވެ. މިފަހަރު ކުރި ހަރަދުގެ ތަފުސީލު ވެސް ސަރުކާރުން ހާމަ ނުކުރާއިރު، ވޭތުވެދިޔަ މަހެއްހާ ދުވަހު ދައުލަތުން މާލީ ހިސާބުތައް ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ