މިސްކިތްތަކަކީ ﷲގެ މަތިން ހަނދުމަކުރުމަކުރުމަށާއި އަޅުކަންކުރުމަށްޓަކައި މި ބިންމަތީގައި ލައްވާފައިވާ ﷲ ގެ ގެކޮޅުތަކެވެ. އެތަންތަނުގެ ޙުރުމަތާއި ޤަދަރު ކޮންމެ މުސްލިމަކު ދަމަހައްޓަންޖެހޭއެވެ.
މިކަންކަން ޙާޞިލުކުރެވޭނީ ދަރިންގެ ހިތްތަކުގައި ލޯބި ޖެއްސުވުނުވަރަކުންނެވެ. މިސްކިތްތަކަށް ޚިދުމަތްކުރުމުގެ އާދަ ދަރިންގެ ކިބައިގައި އަށަގެންނެވުނު ވަރަކުންނެވެ. މިސްކިތްތަކަށް ޚިދުމަތްކުރަންވީ އެއީ ކުރިން މިބަޔާންކުރިފަދައިން ބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތައް ކަމަށްވާތީއެވެ.
ކުޑަކުދިން ގޮވައިގެން މިސްކިތަށް ގޮސްއުޅޭ ބައްޕައިން އެކުދިން ގޮވައިގެން ގޮސް އުޅޭއިރު މިސްކިތަށް ކިތަންމެ ކުޑަކުޑަކަމެއް ނަމަވެސް ކޮށްދެވޭތޯ ބަލާށެވެ! އެއީ ވެއްޓިފައި އޮންނަ ކުނިކޮޅެއް ނެގުން، ބޮޑަށް ކިލާވެފައި ހުރިކަމަށް ފާހަގަކުރެވިއްޖެނަމަ އެތަނެއް ސާފުކޮށްލުން ފަދަ ކިތަންމެ އާދައިގެ ކަމެއް ނަމަވެސްމެއެވެ.
އެވަރުގެ ކުޑަކުޑަކަމެއްވެސް ބަދަލުވެގެންދާނީ ވަރަށް ފައިދާހުރި، ވަރަށް ބޮޑު ކަމަކަށެވެ. އެހެނީ އެއީ ދަރިފުޅަށް ނަގައިދެވޭ އެންމެ އަގުހުރި ފިލާވަޅެވެ. ދަރިންނަށް ދައްކައިދެވޭ އެންމެ ފައިދާކުރާނެ ނަމޫނާއެވެ.
މިސްކިތްތައް ބަލަހައްޓަން ރަސްމީކޮށް ވަކިބައަކާއި ޙަވާލުކުރެވިފައިވީނަމަވެސް މިސްކިތަކަށް ކިތަންމެ ކުޑަކުޑަ ޚިދުމަތެއް ކޮށްދިނަސް އެކަމުގެ ފައިދާ އެމީހަކަށްކުރާނެއެވެ. އެކަމަށް ޘަވާބުދެއްވަވާނެތީއެވެ! ވީމާ ހަމައެކަނި ދަރިން މިސްކިތަށް ގެންދިއުމުގެ ބަދަލުގައި މިސްކިތްތަކަށް ޚިދުމަތްކުރަން ލޯބިޖެހިފައިވާ ކުދިންގެ ގޮތުގައި ތަރުބިއްޔަތުކުރަންވެސް މަސައްކަތްކުރާށެވެ! އެކަން ކުރެވޭނީ އެކަމުގެ ނަމޫނާ މައިންބަފައިން ދައްކައިދިނީމައެވެ.
މިސްކިތްތަކުގެ ޙުރުމަތް ކަނޑައި ބޭނުންހައި ކަންކަން ކުރަމުން އެގެންދަނީ މިސްކިތްތަކަށް ދަރިންގެ ހިތްތަކުގައި ލޯބި ޖެއްސުވިފައި ނެތުމުންނެވެ. ވީމާ މިއީ ބެލެނިވެރިންގެ ބޮލުގައި އެޅިފައި އޮތް ވަރަށް ބޮޑު ޒިންމާއެކެވެ.
އިތުރުކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ މިސްކިތްތައް ހަޑިކުރާ މީހުންނަށެވެ. ރިޔާސީ ގަނޑުވަރު ފަދަ މުހިންމު ތަންތަނުގެ ކައިރިއަށް ކުނިއަޅަން ގިނަ ބައަކު ޖެހިލުންވެއެވެ. އެއީ ސެކިޔުރިޓީ ކެމެރާތަކަށް އަރާނެތީއެވެ. ބައްލަވަ! މިސްކިތްތަކަށާއި މިސްކިތްތަކުގެ ގޯތިތެރެއަށް ކުނިއަޅައި ހަޑިކުރާތަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ބިރުގަނެ ބޮޑަށް ޖެހިލުންވާންވީ އެކަމަށް ނޫންހެއްޔެވެ؟ މަސައްކަތްކުރަންވީ މިސްކިތްތަކާއި މިސްކިތްތަކުގެ ގޯތިތެރެ ސާފުތާހިރުކޮށް އެކަމުން ލިބިގެނެވެންހުރި ޘަވާބު ލިބިގަންނަން ނޫންހެއްޔެވެ؟
ދުޢާއަކީ އަޅުގަނޑުމެން އެންމެންކީވެސް މިސްކިތްތައް ދެކެ ލޯބިވާ އަދި މިސްކިތްތަކަށް ޚިދުމަތްކުރާ ބައަކު ކަމުގައި ލެއްވެވުމެވެ. އަދި އެގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގެ ތައުފީޤް ދެއްވެވުމެވެ! އާމީން
މިސްކިތްތަކުގެ އަގު އަންގައިދީ މިސްކިތްތަކަށް ޚިދުމަތްކުރުމުގެ އާދަ ދަރިންގެ ކިބައިގައި އަށަގަންނުވަން މަސައްކަތްކުރަންޖެހޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ