އިވާ ނެތަސް ނަޝީދުގެ އިތުބާރުނެތް މައްސަލަ ކުރިއަށް ގެންދެވޭނެ - ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ މައްސަލަ، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ރިޔާސަތުގައި ނެތަސް ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދާތީ އެކަމަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްގައެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް މަޖިލީހުން ނިންމާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.
މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ އިން މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެމްބަރުންގެ ތަރުތީބުން މަޖިލީހުގެ ރައީސްގެ ގަރާރުގެ މައްސަލަ ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާ ކުރިއަށް ގެންދަންޖެހޭނެ ކަމަށް ސުޕްރީމްކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. އަދި އެ މެންބަރުންނަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައިގެ ގަރާރެއް ކުރިއަށް ނުގެންދެވޭ ހާލަތެއް މެދުވެރިވިޔަސް، މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންތައްތައް ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެ ހުކުމުގައި ވެއެވެ. އެގޮތުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ޖަލްސާ އާއި އެ މަނިކުފާނުގެ ކެބިނެޓަށް ރުހުން ދިނުމުގެ ކަންކަމަކީ ގާނޫނުއަސާސީގެ ދަށުން މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަން ކަމުން، އެއިން އެއްވެސް ކަމެއް ނުކުރުމުގެ އިހްތިޔާރު މަޖިލީހަށް ލިބިގެން ނުވާ ކަމަށް އެހުކުމުގައި ވެއެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ރައްޔިތުންގެެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ. މި މައްސަލަ ކުރިއަށް ނުންދެވިފައިވަނީ މި މައްސަލައިގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބުރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، މި މައްސަލަ އެޖެންޑާކުރި ޖަލްސާތަކަށް މަޖިލީހުގެ ނައިބުރައީސް ސަލާމް ފޮނުވާފައިވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ