ފުރަތަމަ ރޭ ވެސް ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީންނާ ސުވާލުކޮށް، އެކަކު ހައްޔަރުކޮށްފި
ރޭ ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީންނާ ސުވާލުކޮށް، އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި، އެ ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާތީ، ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހުންނަށް ވަނީ އަންގަވައިފައެވެ. ފުލުހުން މިއަދު 'ސަން' އަށް ބުނީ ބިދޭސީން ޗެކްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭ މާލެއިން 23 ބިދޭސީން ހުއްޓުވައި ސުވާލުކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ހައްޔަރުކުރި ކަމަށެވެ. އަދި އެ ބިދޭސީ މީހާ އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ރައީސް އިއްޔެ ވިދާޅުވި ގޮތުގައި ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00އާ ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ވަނީ އަންގަވައިފައެވެ. އަދި، ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅު އެޅުމަށް ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ދަންނަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. https://sun.mv/215488 ފާހަގަކޮށްލެވޭ ގޮތުގައި ރައީސްގެ އެންގެވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ދަންވަރު ގަޑީ މަގުމަތީ އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރާނަމަ އެއީ ކަނޑައެޅިގެން ނަސްލީ ތަފާތުކުރުން ކަމަށާއި، ރާއްޖޭގެ ރައްޔިތުންނާއި އެމީހުންގެ ދަރިން ބޭރު ގައުމުތަކަށް ގޮސް އުޅޭއިރު މިފަދަ ފިޔަވަޅެއް އެޅީމާ ދެން ވާނެ ގޮތް ވިސްނާލުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ. އަދި ބިދޭސީއަކަށް ވީތީ ތަފާތުކުރުމަކީ މި ރާއްޖޭގައި އާއްމު ކަމަކަށް ވެގެން ނުވާނެ ކަމަށް ގިނަ ބަޔަކު ބުންޏެވެ. ހަމައެއާއެކު މި މައްސަލަ ބަލައި ތަހުގީގުކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ދަނީ ގޮވައިލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ