ޝިއޯމީ އިލެކްޓްރިކް ކާރެއްގައި އަލިފާން ރޯވެ، ދޮރުނުހުޅުވި ޑްރައިވަރު މަރުވެއްޖެ
ޗައިނާގެ ޗެންގްޑޫގައި ޝިއޯމީ ކުންފުނީގެ އެސްޔޫ7 މަރުކާގެ އިލެކްޓްރިކް ކާރެއްގައި އަލިފާން ރޯވެ، ކާރުގެ ދޮރުތައް ތަޅުލެވި، ޑްރައިވަރު ސަލާމަތް ނުކުރެވެނީސް މަރުވެއްޖެއެވެ. ޗައިނާގެ ފުލުހުން ބުނެފައިވަނީ، އެ ހާދިސާ ހިނގާފައިވަނީ 31 އަހަރުގެ ޑެންގް ނަމަކަށް ކިޔާ މީހަކު މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވަމުން ދަނިކޮށް، އެހެން ކާރެއްގައި ޖެހި، މަގުގެ މެދުގައި ހުރި ބެރިއަރެއްގައި ޖެހުމުން ކަމަށެވެ. އެ ވަގުތު ކާރުގައި ރޯވުމުން، ބަޔަކު ގޮސް، ކާރުގެ ދޮޅު ހުޅުވަން މަސައްކަތް ކުރާ މަންޒަރު، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ. އެގޮތުން އެކަކު ދޮރު ހަލާކުކޮށްލައިގެން ހުޅުވަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުނުވާ މަންޒަރު ފެނެއެވެ. ޗައިނާގެ ނޫސްތަކުގައިވާ ގޮތުން ކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ބަޔަކު، އަލިފާން ނިއްވާ ފުޅިއެއް ގެނައި ހިސާބުންނެވެ. އެހެންނަމަވެސް ޑްރައިވަރު ސަލާމަތް ނުކުރެވުމުން އޭނާ މަރުވީއެވެ. މި ހާދިސާއާ ގުޅިގެން، އިލެކްޓްރިކް ކާރުތަކުގެ ސަލާމަތީ ކަންކަމާ މެދު، ޚާއްސަކޮށް ކަރަންޓް ނުލިބޭ ހާލަތްތަކުގައި ދޮރުތައް ހުޅުވުމަށް ދިމާވާ ދަތިތަކާ މެދު ސުވާލުތަކެއް ވަނީ އަލުން އުފެދިފައެވެ. ގިނަ އިލެކްޓްރިކް ކާރުތަކުގައި މިފަދަ ހާލަތްތަކުގައި ދޮރުތައް ހުޅުވުމަށް މެނުއަލް ސިސްޓަމްތައް ހުންނަކަން ފާހަގަކުރެވެއެވެ. ނަމަވެސް މި ސިސްޓަމްތައް ހުންނަ ތަންތަން ތަފާތުވުމާއި، އަދި ހާދިސާ ހިނގާ ވަގުތު މިފަދަ ނާޒުކު ހާލަތްތަކުގައި އެތަކެތި ހޯދައި ބޭނުން ކުރުމަކީ އާންމުކޮށް ދަތިކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. https://x.com/clashreport/status/1977850462847012989 މި ހާދިސާއަށްފަހު ޝިއޯމީ ކުންފުނީގެ ޝެއާގެ އަގު 8.7 ޕަސެންޓް ދަށަށް ގޮސްފައިވެއެވެ. މިއީ ޝިއޯމީ އެސްޔޫ7 ކާރެއްގައި ހިނގި ފުރަތަމަ އެކްސިޑެންޓެއް ނޫނެވެ. މީގެ ކުރިންވެސް މި ބްރޭންޑްގެ ކާރެއްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވާތީ، އިލެކްޓްރިކް ކާރު އުފައްދާ ކުންފުނިތަކުން ސަލާމަތީ ކަންކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ގޮވާލުންތައް ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް، ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކަރަންޓް ނުލިބޭ ހާލަތްތަކުގައި ފަސޭހައިން ދޮރުތައް ހުޅުވޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ވެސް ގޮވާލާފައިވެއެވެ. އިލެކްޓްރިކް ކާރުތަކުގައި ބޭނުންކުރާ ލިތިއަމް-އަޔަން ބެޓެރީތަކުގައި އަލިފާން ރޯވެއްޖެނަމަ، އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުން އާދައިގެ ކާރުތަކަށްވުރެ ބޮޑަށް ދަތިވާކަން ފާހަގަކުރެވެއެވެ. މިފަދަ ކާރުތަކުގެ ޑިޒައިންގައި، ކޮންމެ ހާލަތެއްގައި ވެސް ފަސޭހައިން ކާރުން ނުކުމެވޭނެ ގޮތްތަކެއް ހުރުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި މިހާރު ވަނީ ބެލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ