ފެނުގެ މައްސަލަ ހައްލުނުވާތީ ފުވައްމުލަކު ރައްޔިތުން އަދިވެސް އިހުތިޖާޖުގައި

ރާއްޖޭގައި ތިންވަނައަށް މީހުން އެންމެ ގިނަ ސިޓީ ފުވައްމުލަކުގެ ފެނުގެ މައްސަލަ އަދިވެސް ހައްލުނުވާތީ އެ ސިޓީގެ ރައްޔިތުން ހަވީރުގެ އިހުތިޖާޖަށްފަހު، މިރޭވެސް އިހުތިޖާޖުކުރަން ފަށައިފިއެވެ. ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން ކެނޑި، ފެނަށް ޖެހުނީ މިދިޔަ ހޯމަ ދުވަހުގައެވެ. މި މައްސަލަ އެއްކޮށް ހައްލުވާން ހައެއްކަ ގަޑިއިރު ނަގާނެ ކަމަށް ސަރުކާރުން އިއްޔެ މެންދުރުފަހު ބުނިނަމަވެސް، އޭގެ ފަހުން ވެސް ފެން ނުލިބޭ މައްސަލަ ހައްލުނުވެ ވަނީ ދިގުލައިގެން ގޮސްފައެވެ. އެހެންވެ ފުވައްމުލަކުގެ ބައެއް އާންމުން ވަނީ އެކަމާ ގުޅިގެން ފުވައްމުލަކުގެ ފެން ޕްލާންޓް ކުރިމަތީ މިއަދު ހަވީރު އިހްތިޖާޖުކޮށްފައެވެ. އެ އިހްތިޖާޖުގައި ބައިވެރިވި މީހަކު ބުނީ، ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ހާލަތު ރަނގަޅުކުރަން މަސައްކަތްކުރާނަމަ، ފުވައްމުލަކުގައި މިހާރު ހުރި ފެން ޕްލާންޓާއި ގުޅުންހުރި ވަސީލަތްތައް ރަނގަޅުކޮށް، އެންމެ އެދެވޭ ގޮތުގައި އެ ވަސީލަތްތަކުގެ ބޭނުން ހިފާނެ ކަމަށެވެ. އޭނާ ބުނީ ސަރުކާރުން ފުވައްމުލަކު ރައްޔިތުންގެ ހާލަތު ބަލައި، އަޅާލާ މަންޒަރު ނުފެންނަ ކަމަށެވެ. "އަޅުގަނޑުމެން މިތިބީ ފުވައްމުލަކު ރައްޔިތުންގެ އެންމެ އަސާސީ އެއް މުހިންމު ޚިދުމަތުން މަހްރޫމުވެ، ހާލުގަ ޖެހިފަ،" އިހުތިޖާޖުގެ ބައިވެރިން ގޮވަމުން ދިޔައެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ ފެނުގެ މައްސަލަ ހައްލުނުވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރު އިސްވެރިންގެ އިސްތިއުފާއަށް ގޮވައިފައެވެ. https://sun.mv/213805 އިއްޔެ ނޫސްވެރިންނަށް ދިން މައުލޫމާތުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ފުވައްމުލަކުގެ ފެން ސަޕްލައި ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީ (އެމްއެފްޑީއޭ)އާއި ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ސްޓެންޑަޑާ އެއްގޮތަށް ޑިސްއިންފެކްޓްކޮށްފައިވާ ކަމަށާއި، ފެން ރައްކާކުރާ ތާނގިތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. ހީނާ ވިދާޅުވި ގޮތުގައި މިހާތަނަށް ފަސް ލީޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1،300 ކޭސް ފެނާއި، 500 މިލިލީޓަރުގެ 1،000 ކޭސް ފެން ވައިގެ މަގުން ފުވައްމުލަކަށް ވަނީ ފޯރުކޮށްދީފައެވެ. ކުއްލިއަކަށް މިފަދަ ބޮޑު މައްސަލައެއް ދިމާވެފައިވާއިރު ގިނަ ބައެއްގެ ކަންބޮޑުވުމާއި ނުރުހުން އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ