އައްޑޫ ވޯޓު: %52 މީހުން ވޯޓެއް ނުލާ

އައްޑު އަތޮޅުގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް މިއަދު ނެގި ވޯޓުގައި %52 މީހުން ވޯޓުލާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިިހިނެއް؟ - ހިޔާލު ހޯދުމުގެ މި ވޯޓު ނަގާފައިވަނީ، ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ. މި ވޯޓުގައި ގޮތެއް ނިންމަނީ، އައްޑޫ ކައުންސިލުން ވަކިވެ، މި ތިން ރަށުގައި ވަކި ކައުންސިލުތަކެއް އުފަންދަން ފެނޭތޯ ނުވަތަ ނުފެނޭތޯ އެވެ. 
ތަފްސީލް - އީސީން މީޑިއާތަކާ ދެންމެ ވަނީ މި ވޯޓުގައި ބައިވެރިވި ނިސްބަތް ކަމަށް މިހާތަނަށް އަންދާޒާކުރެވޭ އަދަދުތަކުގެ މައްޗަށް ތަފާސްހިސާބު ހިއްސާކޮށްފަ އެވެ.
މި އަދަދުތަކުން ދައްކާ ގޮތުގައި:
ވޯޓު ފޮށިތައް ބަންދުކުރިއިރު މުޅި ޖުމްލަ ވޯޓުލާފައިވަނީ 4510 މީހުން؛ އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ %47.1
5066 މީހަކު ވޯޓުގައި ބައިވެރިވެފައެއް ނުވޭ؛ އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ %52.9
ވޯޓުލުމުގެ ހައްގު ލިބިފައިވާ %52 ވޯޓުގައި ބައިވެރިވެފައި ނުވާއިރު، މި ވޯޓުގައި ވޯޓު ލުމުގެ ހައްގު 9،576 މީހުންނަށް ލިބިގެންވެ އެވެ. ވޯޓުލުމަށްޓަކައި އެ ތިން ރަށް އަދި މާލެ ހިމެނޭހެން މުޅި ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓި އެވެ.
ގިނަ ވޯޓުފޮށިތައް މިހާރު ގުނާ ނިމިފައިވާއިރު، މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވަކި ކައުންސިލެއް އުފައްދަން ބޭނުންވަނީ ހުޅުދޫ އަދި މީދޫ ރައްޔިތުންނެވެ. ފޭދޫގެ ނަތީޖާތައް ދައްކަނީ ވަކިވާން ބޭނުންނުވާ ކަމަށެވެ. 
މި ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރަން އީސީން ނިންމާފައިވަނީ މިރޭ 9 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ