އައްޑޫގެ އިދާރީ ހިންގުން ރޫޅުމަކީ ހިތްދަތިކަމެއް، އެކަމަކު ވަކިވިޔަސް އަހުވަންތަކަމަށް ބަދަލެއް އަންނާކަށް ނުޖެހޭ: ނިޒާރު އައްޑޫގެ އިދާރީ ހިންގުން ރޫޅުމަކީ ހިތްދަތިކަމެއް، އެކަމަކު ވަކިވިޔަސް އަހުވަންތަކަމަށް ބަދަލެއް އަންނާކަށް ނުޖެހޭ: ނިޒާރު

އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިޔުމަކީ ލިބުނު ހިތްދަތިކަމެއް ނަމަވެސް އެއީ މީދޫ އާއި ހުޅުދޫއާ ދެމެދު އޮތް އެކުވެރިކަމާއި އަހުވަންތަކަމަށް ބަދަލެއް އަންނަންޖެހޭ ސަބަބެއް ނޫން ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ސޯޝަލްމީޑިއާގައި ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިޔުމަކީ ދެކެން ބޭނުންވި ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް މީދޫ އާއި ހުޅުދޫ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރައްވާ ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި ފޭދޫ ރައްޔިތުންގެ ނިންމުމަކީ ހަރުދަނާ ދުރުވިސްނޭ ނިންމެއްގެ ގޮތުގައި ސިފަ ކުރައްވައި ނިޒާރު އެ އަވަށުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވި އެވެ.
"އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ވަކިވުމަކީ އެ ރައްޔިތުންނާއި އަޅުގަޑުމެންނާއި އެކު ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަހުވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއްނޫން. އަޅުގަނޑު އެދެނީ ކުރިއަށްވުރެ ގަދަކޮށް އައްޑޫގެ ތަރައްގީއަށް މުޅި އައްޑޫ އެއްކޮށް ނިކުމެ އަތުގުޅާލަން. ފިތުނަވެރި ބަހުސުތަކުން އެއްކިބާވެ އެކުވެރިކަމާއި އެކު ކުރިއަށް ދިއުން،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ އިދާރީ ހިންގުމުން ވަކިވެ މީދޫ އާއި ހުޅުދޫގައި ވަކި ދެ ކައުންސިލް އުފެއްދުމަށް އެ ދެ ރަށުގެ ރައްޔިތުން ނިންމި ނިންމުމަކީ އެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކަށް ނިމުން ގެނުވާނެ ނިންމުމެއް ކަމަށް އުއްމީދު ކުރައްވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އަދި އައްޑޫ ސިޓީ ކައުންސިލުގެ އިދާރީ ހިންގުމުގެ ތެރޭގައި ތިބުމަށް ފޭދޫ ރައްޔިތުން ނިންމި ނިންމުމަކީ އައްޑޫ އަތޮޅުގެ ތަރައްގީ އާއި ކުރިއެރުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އައްޑޫ މީދޫ އަދި އައްޑޫ ހުޅުދޫ ރައްޔިތުންނަށް އަރުވާނެ ޔަގީންކަމަކީ އަޅުގަޑު ތިޔަ ލޮބުވެތި ރައްޔިތުންނާއި ދޭތެރޭ އެއްވެސް ތަފާތެއް ނުކުރާނެކަން. އަދި އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުން ވެސް ގުޅިގެން އެކުވެރިކަމާއި އެކު ތަރައްގީ ލިބިގަތުމަށް ކުރިންވެސް ކުރިހެން މަސައްކަތް ކުރިއަށް ގެންގޮސްދެއްވުން،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ އިދާރީ ހިންގުމުން ވަކިވާން ފެނޭތޯ ބެލުމަށް މިއަދު ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ މެދުގައި ނެގުނު ވޯޓުގައި ފޭދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީގެ ބައެއްގެ ގޮތުގައި ދެމިތިބޭށެވެ.
މިހާތަނަށް ފޭދޫގައި ބެހެއްޓި ފަސް ވޯޓު ފޮށީގެ ނަތީޖާވެސް ލިބިފައިވާއިރު 1131 މީހުން ވޯޓު ދިނީ ވަކިވާން ބޭނުންނުވާނެ ކަމަށެވެ. ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 447 މީހުން ވޯޓު ދިނެވެ. މާލޭގައި ހުރި ވޯޓު ފޮށިތަކުގެ ނަތީޖާއިން ވެސް ބުރަވެވެނީ ފޭދޫ އައްޑޫ ސިޓީގެ ބައެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ.
ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. މިއަދު ފެންނަ ނުފެންނަ ވޯޓުގައި އެހީ އެ ރަށް އައްޑޫ ސިޓީ ކައުންސިލުން ވަކިކުރުމަށެވެ. މި ވޯޓުގައި ވޯޓުލުމުގެ ހައްގު 4،368 މީހުންނަށް ލިބުނެވެ.
ސަރުކާރުން މިކަމުގައި ވަކި ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ރައްޔިތުންގެ މަޖިލީހުގައި ފޭދޫ ތަމްސީލުކުރާ ފޭދޫއަށް ނިސްބަތްވާ ދެ މެންބަރު ކަމަށްވާ އިބްރާހިމް ދީދީ އާއި އިސްމާއިލް ނިޒާރު ކެމްޕޭން ކުރައްވަމުން ގެންދެވީ ފޭދޫ ވަކިކުރުމަށެވެެ.
މިއަދުގެ ވޯޓުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް ފެންނަ ކަމަށެވެ.
ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 720 މީހުން ވޯޓު ދިންއިރު ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ.
މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 841 މީހުން ވޯޓު ދިންއިރު އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ދެމިއޮތުމަށް ވޯޓު ދިނީ 144 މީހުންނެވެ.
ވޯޓުލުން ކުރިއަށް ދިޔައީ އައްޑޫ އާއި މާލޭގަ އެވެ. މާލޭގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު، ހުޅުދޫ އާއި މީދޫގައި، ކޮންމެ އަވަށެއްގައި ތިން ފޮށި ބެހެއްޓި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ