ބީލަމަށް ނުލައި 206 ޕްރޮޖެކްޓު ބަހާލުމަށް ހިންގި ބޮޑު ހިޔާނާތާ ގުޅިގެން މިނިސްޓަރުންގެ މައްސަލަ ވަކިވަކި ތަހުގީގު ކުރަން ޖެހޭ ކަމަށް، ޓެންޑަ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވައުދު ފުއްދުމަށްޓަކައި 206 ޕްރޮޖެކްޓެއް އަމިއްލަ ކުންފުނިތަކާ ހަވާލުކުރީ ބީލަމަކަށް ނުލައި، އަދި އެއްވެސް ހާމަކަމެއް ނެތި އެވެ.
އެއީ މާލިއްޔަތު ގާނޫނާ ހިލާފު އަމަލެއް ކަމަށާއި ބުރާސްފަތި ދުވަހު ބާސެލޯ ނަސަންދުރާގައި ބޭއްވި ޕްރޮޖެކްޓުތަކުގައި ސޮއިކުރުމުގެ ހަފުލާ ލައިވްކޮށް ދުރަށް ދެއްކިއިރު، އެއީ ރޯމާދުވާލު ރައްޔިތުންގެ ކުރިމަތީގައި ދައުލަތް ލޫޓުވާލުން ގަދަ ޖަރީމާއެއް ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
އޮޑިޓު އޮފީހާއި ފިނޭންސް މިނިސްޓްރީގައި ވެސް ގިނަ އަހަރުތަކެއް ވަންދެއް އުޅުއްވި ޒަރިޔަންދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ދައުލަތުން ހިންގަން ބޭނުންވާ މަޝްރޫއުއެއްގެ އެންމެ ހެޔޮއަގާއި، އެ މަސައްކަތެއް ކުރުމުގެ ތަޖުރިބާ އާއި ގާބިލުކަން ހުރި ފަރާތްތައް ދެނެނުގަނެ، އެ މަސައްކަތަކަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގުތަކެއްގައި، ކެބިނެޓުން ބޭނުންވާ ފަރާތްތަކަކަށް ބަހާލުމަކީ، ދައުލަތަށް މާލީ ގޮތުން ގެއްލުމެއް ދިނުމާއި، ވަކި ފަރާތަކަށް ފައިދާ ހޯދާދިނުމުގެ ނިޔަތުގައި ކެބިނެޓުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއް" ކަމަށެވެ.
މިތުހުމަތުގެ ތަހުގީގު މިހާރުގެ ކެބިނެޓްގައި ހިމެނޭ ކޮންމެ ވަޒީރެއްގެ މައްޗަށް ވަކިވަކިން ހިންގަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މާލިއްޔަތު ގަވާއިދުގެ 10.22 ވަނަ މާއްދާ ހަތަރު ފަހަރު ބަދަލުކޮށްފައިވާ ކަމަށާއި ބަދަލު ގެނައީ ބިޑަކާއި ނުލާ ކެބިނެޓުން ބޭނުންވާ ފަރާތަކަށް މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ކަމަށާއި، ތަޖުރިބާއެއް ނެތް ފަރާތްތަކަށް ވެސް އަގުބޮޑު ޕްރޮޖެކްޓުތައް ހަވާލު ކުރެވޭ ގޮތަށް ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
އެ ބަދަލާއެކު މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކުން ވެސް ގެރެންޓީއެއް ބަހައްޓާކަށް ނުޖެހެ އެވެ. ނަމަވެސް މިފަހަރު 206 ޕްރޮޖެކްޓު ބަހާލި 53 ކުންފުންޏަށް ވެސް މަޝްރޫއުގެ އަގުގެ 15 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްގެ ގޮތުގައި ދެއެެވެ.
މިއީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ހިންގާ ޕްރޮޖެކްޓުތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ހަގީގަތަކީ މި މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރީ، ބީއެމްއެލް މެދުވެރިކޮށް ކުންފުނިތަކަށް 9 ޕަސެންޓު އިންޓަރެސްޓުގައި ލޯނު ހަމަޖައްސައިފަ އެވެ. ކުންފުނިތަކަށް ލޯނު ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ވެސް ދައްކަން ޖެހޭނީ ސަރުކާރުންނެވެ.
ޒަރިޔަންދު ވިދާޅުވީ މަޝްރޫޢުތައް ހަވާލުކުރެވުނު ކުންފުނިތަކުގެ ތެރޭގައި އުވާލުމުގެ މަރުހަލާގައި ހުރި "ހަރަކާތްތެރި ނޫން" ކުންފުނިތައް ހުރި ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. އަދި 100 މިލިއަން ރުފިޔާއިން މަތީ އަގުގެ ޕްރޮޖެކްޓުތައް ހަވާލުކުރި ބައެއް ކުންފުނިތަކުގައި އެފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގޭނެ ތަޖުރިބާ އާއި މާލީ ގާބިލްކަން ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގެ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީގައި ނެތް އަދި އެފަދަ މަސައްކަތެއް ކުރިކަމުގެ އެއްވެސް ހެއްކެތް ނެތް ކުންފުނިތައް ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހު އަމިއްލަ 53 ކުންފުންޏަކާ ހަވާލުކުރި 206 މަޝްރޫއުގެ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ސަރުކާރާ ގުޅުން ހުރި ފަރާތްތަކާ އެވެ. އޭގެ ތެރޭގައި ޕީއެންސީއަށް ނިސަބަތްވާ މަޖިލީހުގެ ފަސް މެންބަރެއްގެ ކުންފުނިތަކަށް 746 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވެ އެވެ.
ދައުލަތަށް ގެއްލުންވާ ގޮތަށް ޕްރޮޖެކްޓުތައް ބަހާލުމުން މިނިސްޓަރުންގެ މައްސަލަ ވަކިވަކިން ތަހުގީގުކުރަން ޖެހޭ: ޒަރިޔަންދު ދައުލަތަށް ގެއްލުންވާ ގޮތަށް ޕްރޮޖެކްޓުތައް ބަހާލުމުން މިނިސްޓަރުންގެ މައްސަލަ ވަކިވަކިން ތަހުގީގުކުރަން ޖެހޭ: ޒަރިޔަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ