އެމެރިކާ އިން ޗައިނާއަށް އިމްޕޯޓް ކުރާ މުދަލުން ނަގާ ޑިއުޓީ ޓެރިފް ވަގުތީ ގޮތުން ހުއްޓާލަން ޗައިނާ އިން ނިންމައިފި އެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމުގެ އުފެއްދުންތަކުން ނަގާ ޓެކްސް ހިމެނެ އެވެ.
ޗައިނާ އިން މިދިޔަ ހަފުތާގައި ދެ ގައުމުގެ ލީޑަރުންގެ މެދުގައި ބޭއްވި ބައްދަލުވުމަށް ފަހު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެމެރިކާ އިން ޗައިނާއަށް އިމްޕޯޓް ކުރާ ސޯޔާބީނުން އަދިވެސް %13ގެ ޑިއުޓީ ނަގަ އެވެ.
ޗައިނާގެ ސްޓޭޓް ކައުންސިލުން ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ބައެއް ދަނޑުވެރިކަމުގެ އުފެއްދުންތަކުން ނަގާ %15 ޑިއުޓީ އުވާލުމަށް ނިންމައިފަ އެވެ. އެއާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ލިބަރޭޝަން ޑޭ"ގެ ނަމުގައި ނަގަން އުޅުނު %10 ޓެރިފް ދެމެހެއްޓި އެވެ.
ދެކުނު ކޮރެއާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ޓްރަމްޕް ބައްދަލުކުރެއްވުމުން އެމެރިކާ އާއި އޭޝިއާގެ އިންވެސްޓަރުންނަށް ހިތްހަމަޖެހުން ލިބުނެވެ. ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް އަސަރުކޮށްފައިވާ ޓެރިފް މައްސަލައަށް ހައްލު ހޯދުމަށް ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދު ގުޅިގެން ކުރާ މަޝްވަރާތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ކަންބޮޑުވުންތައް އޮތީ ކުރިމަތިވެފަ އެވެ.
ޓްރަމްޕާއި ވައިޓް ހައުސް އިން ވަނީ އެ ބައްދަލުވުމަށް ވަރަށް ބޮޑަށް އިޖާބަ ދީފަ އެވެ. ނަމަވެސް ޗައިނާ އިން އެއްބަސްވި އެއްބަސްވުންތަކުގެ ތަފްސީލެއް ޗައިނާ އިން އަދި ހާމައެއް ނުކުރެ އެވެ.
"މިއީ އާންމު ގޮތެއްގައި އެ އެއްބަސްވުމަށް އަމަލު ކުރުމުގައި ދެ ފަރާތުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމުގެ ހެއްކެއް،" ބެއިޖިންގައި ހުންނަ ޓްރިވިއަމް ޗައިނާގެ ޑިރެކްޓަރު ރޮޖާސް ޕޭ ވިދާޅުވި އެވެ.
"އެ އެއްބަސްވުން ދަމަހައްޓާނެ ކަމުގެ އިޝާރާތެއް ވެސް އެބަ އޮތް."
އެމެރިކާގެ ސޯޔާބީންގެ އަގު މިދިޔަ އަހަރުގެ ޖޫން މަހު ވަނީ އެންމެ މައްޗަށް ގޮސްފަ އެވެ.
ނަމަވެސް ޗައިނާ އިން ސޯޔާބީނުން ނަގާ ޓެރިފް %13 ހިފެހެއްޓުމަށް ނިންމުމުގެ ސަބަބުން އެމެރިކާ އިން ޗައިނާއަށް އެކްސްޕޯޓް ކުރުމަކީ އާންމު ވިޔަފާރި ކުރާ ފަރާތްތަކަށް ވަރަށް ބޮޑު އަގު ބޮޑުވުމެކެވެ. އަދި ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ބްރެޒިލްގެ ހުށަހެޅުންތަކާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.
އެ ބައްދަލުވުމަށް ފަހު ވައިޓް ހައުސް އިން ބުނީ 2025 ވަނަ އަހަރުގެ ފަހު ދެ މަސްދުވަހުގެ ތެރޭގައި ޗައިނާ އިން މަދުވެގެން 12 މިލިއަން މެޓްރިކް ޓަނުގެ ސޯޔާބީން ގަންނަން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ކޮންމެ އަހަރަކު މަދުވެގެން 25 މިލިއަން ޓަނު ގަންނާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
ބެއިޖިން އިން އަދި އެ އަދަދުތައް ކަށަވަރު ކޮށްދީފައި ނުވާއިރު، ވިޔަފާރިވެރިން ދަނީ ބޮޑެތި ވިޔަފާރިތައް ހިނގާފާނެ ކަމުގެ ނިޝާންތައް ވަރަށް ގާތުން ބަލަމުންނެވެ.
ވައިޓް ހައުސް އާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އިން ވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް ޖަވާބެއް ނުދެ އެވެ.
އެމެރިކާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ނަގާ ބައެއް ޑިއުޓީ ޗައިނާއިން އުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ