ކްރިސްޓޯފާ ނޯލަންގެ އާ ފިލްމު "ދަ އޮޑިސީ" ފުރަތަމަ ހަފުތާ ބަންދުގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 264.1 މިލިއަން ޑޮލަރު ހޯދައި ބޮޑު ރެކޯޑެއް ގާއިމުކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ދަ އޮޑިސީ" ވަނީ 73 ގައުމެއްގެ 12,800 އަށް ވުރެ ގިނަ ސިނަމާތަކުގައި ދައްކައިގެން އިއްޔެ ނިޔަލަށް 264.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ.
މި ފިލްމު އުފެއްދުމަށް 250 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، އިޝްތިހާރު ކުރުމަށް 125 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އެއާ އެކު، ފުރަތަމަ ހަފުތާ ބަންދުގައި ވަނީ ފިލްމު އުފައްދަން ދިޔަ ހަރަދު ހޯދައިފަ އެވެ.
މިއީ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ނޯލަންގެ ފިލްމީ ކެރިއަރުގައި ފުރަތަމަ ހަފުތާ ބަންދުގައި ދުނިޔޭގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. "ދަ އޮޑިސީ" އެ މަގާމު ހޯދީ ނޯލަންގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ދަ ޑާކް ނައިޓް ރައިސަސް" އާއި "އޯޕަންހައިމާ" ފަހަތަށް ޖައްސާލުމަށް ފަހުގަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މުޅި ފިލްމު އައިމެކްސް ކެމެރާއިން ޝޫޓްކޮށްފައިވާއިރު މި ފިލްމަށް އައިމެކްސް ތިއޭޓަރުތަކުން އެކަނިވެސް 51.8 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މުޅި ދުނިޔޭގައި ވެސް މިވަގުތު ހުރީ ޓްރޫ އައިމެކްސްގެ އެންމެ 40 ތިއޭޓަރެވެ.
"ދަ އޮޑިސީ"ގެ މުހިންމު ރޯލުތައް ކުޅެފައި ވަނީ މެޓް ޑޭމަން، އޭން ހެތުވޭ، ޓޮމް ހޮލަންޑް، ޒެންޑާޔާ، ރޮބަޓް ޕެޓިންސަން އަދި ޗާލީޒް ތެރަން އެވެ.
މި ފިލްމަށް ރޮޓަން ޓޮމޭޓޯސްގައި 95 ޕަސެންޓުގެ ކްރިޓިކްސް ރޭޓިން ލިބިފައިވާއިރު، އޯޑިއެންސް ސްކޯ އުޅެނީ 97 ޕަސެންޓުގަ އެވެ.
މި ފިލްމަކީ ގްރީކްގެ މަޝްހޫރު ޅެންވެރިޔާ ހޯމާ ލިޔެފައިވާ "ދަ އޮޑިސީ" ކިޔާ 3،000 އަހަރުވީ މަޝްހޫރު ތާރީޚީ ޅެމެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ވާހަކަ ބިނާކޮށްފައި ވަނީ ޓްރޯޖަން ހަނގުރާމައަށް ފަހު، ރަސްގެފާނު އޮޑިސިއަސް (މެޓް ޑޭމަން) އޭނާގެ އަމިއްލަ ވަޒަން ކަމަށްވާ އިތާކާ އަށް އެނބުރި ދިއުމަށް ކުރާ ދިގު، އަދި ބިރުވެރި ދަތުރަށެވެ. އެ ދަތުރުގައި ކަނޑުގެ ރާޅުތަކާއި ގްރީކް ކާބަފައިންގެ ގަބޫލުކުރުންތަކާ ގުޅޭ އެކި ކަހަލަ ބިރުވެރި ކަންކަމާ އޭނާއަށް ކުރިމަތިލާން ޖެހެ އެވެ. އެ ދަތުރަށް 10 އަހަރު ހޭދަވާއިރު، އޭނާގެ އަނބިމީހާ ޕެނެލޮޕީ (އޭން ހެތަވޭ) އާއި ފިރިހެން ދަރިފުޅު ޓެލެމާކަސް (ޓޮމް ހޮލޭންޑް) ގޭގައި އޭނާގެ އިންތިޒާރުގައި ތިބެ އެވެ.
"ދަ އޮޑިސީ" ފުރަތަމަ ހަފުތާ ބަންދު ނިންމާލީ ރެކޯޑް އާމްދަނީއަކާ އެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ