ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ މަގާމުތައް ކަނޑައަޅައި، ވަޒީފާދޭ ގޮތަށް ގަވައިދަށް އިސްލާހެއް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން މަގާމުތައް ކަނޑައަޅައި، އެ މީހުންނަށް ވަޒީފާ ފަހިކޮށްދޭން އިއްޔެ ގަވައިދަށް އިސްލާހެއް ގެނެސްފިއެވެ. ދެހާސް ސައުވީސް ވަނަ އަހަރު އަމަލު ކުރަން ފެށި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދަށް އިސްލާހެއް އިއްޔެ ގެނެސްފައި ވަނީ، ފުރަތަމަ ފަހަރަށެވެ. މި ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް, އެ މީހުންނަށް ޚާއްސަ މަގާމުތަކެއް ކަނޑައަޅައި، ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން ޖެހޭ ގޮތަށް ގަވައިދު މިހާރު ވަނީ އިސްލާހުކޮށްފައެވެ. ގަވައިދުގައި ފާހަގަކުރި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމާއި ހަމަޖެއްސުމުގެ ހުރިހާ ކަންކަން ކުރަންވާނީ، ތިން މިންގަނޑަކާ އެއްގޮތަށެވެ. އެއީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާން ޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މިންގަނޑު ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލުގައި ޝާމިލުކުރުމަށް ވަޒީފާދޭ ފަރާތުން ގެންނަން ޖެހޭ ސަބަބުވެރި ބަދަލުތަކުގެ މިންގަނޑު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑު މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގައި ދެމިހުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި، އެ މީހަކު ވަޒީފާއަށް އައްޔަނު ކުރޭވޭތާ ގިނަވެގެން ރަސްމީ ފަސް ދުވަހުގެ ތެރޭގައި ވަޒީފާއާ ގުޅުން ހުރި މައުލޫމާތު, ވަޒީފާދޭ ފަރާތުން މިނިސްޓްރީއާ ހިއްސާކުރަންވާނެ ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. އެއާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގައި ދެމިތިބުމަށް މަގުފަހި ކުރުމުގެ ގޮތުން، އެ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ސެންސިޓައިޒޭޝަން ޕުރޮގްރާމުތައް ހިންގަންވާނެ ކަން ގަވައިދުގައި ފާހަގަކުރިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދޭ ގަވައިދު އިސްލާހުކުރިއިރު، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމުގެ ކަންބޮޑުވުން އޮވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ