މިފްކޯގެ އައިސްޕްލާންޓުތަކުގެ ކެޕޭސިޓީން ބޭނުންކުރަމުންދަނީ 12 ޕަސެންޓު ކަމަށާއި ނަމަވެސް، އައިސްޕްލާންޓު އެޅުން ހުއްޓާލެވެން ނެތީ ފަރުމަސްވެރިންނަށް އައިސްޕްލާންޓު ބޭނުންވާތީ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އޭނާ ސުވާލުކުރެއްވީ ބ. ކުޑަރިކިލުގައި އަޅަން ވައުދުވި އައިސްޕްލާންޓުގެ މަސައްކަތް ކުރިއަށް ނުދަނީ ކީއްވެތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، އައިސް ނުލިބުމުގެ މައްސަލައަކީ މިދިޔަ ސަރުކާރުގައި މަސްވެރިންނަށް ވަރަށް ބޮޑަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ. އަދި މިދިޔަ ސަރުކާރުގައި ބައެއް އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމުން، އެތަންތަން ހުއްޓި ބޮޑު މުސީބާތެއް ކުރިމަތިވިކަމަށް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، މިހާރު ވެސް ރާއްޖޭގައި 74 އައިސްޕްލާންޓު ހުރި އިރު އޭގެ ތެރެއިން 27 އައިސްޕްލާންޓު މިފްކޯއިން ހިންގަމުންދާ ކަމަށެވެ. ނަމަވެސް، މިފްކޯއިން ހިންގާ އައިސްޕްލާންޓުތަކުގެ ތެރެއިން، ބޭނުންކުރަމުންދަނީ އަހަރެއްގެ ތެރޭގައި އެ ޕްލާންޓުތަކުގެ ޖުމްލަ ކެޕޭސިޓީގެ 10-12 ޕަސެންޓު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ސިޔާސަތެއް ކަމަށްވާ މަސްދޯނިތަކުގައި އައިސްޕްލާންޓް ގާއިމްކުރުމުގެ މަސައްކަތާއެކު، މިހާރު މިފްކޯގެ އައިސްޕްލާންޓުތަކުން ބޭނުންކުރާ ކެޕޭސިޓީ ދަނީ އިތުރަށް ދަށްވަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އަދިވެސް ރަށްރަށުގައި އައިސްޕްލާންޓު އެޅުމަށް މަސްވެރިން އެދޭ ކަމަށާއި ވަކިން ހާއްސަކޮށް ފަރުމަސްވެރިން އެކަމަށް އެދޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ފަރުމަސްވެރިންނަކީ އެހާ ބޮޑެތި އުޅަނދުތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ނުވާތީ އެ އުޅަނދުތަކުގައި އައިސްޕްލާންޓު ބެހެއްޓެން ނެތުމުން، އަދިވެސް އައިސްޕްލާންޓުތައް އެޅުން ހުއްޓާލެވެން ނެތް ކަމަށެވެ.
”މި ޒަމާނުގައި ވަރަށް ބޮޑަށް ޓްރެންޑްވަމުން އެބަ އާދޭ ފަރުމަސްވެރިކަން. ފަރުމަސްވެރިންނަކީ އެހާ ބޮޑެތި ދޯނިތަކުގައި އުޅަނދުތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ނުވާތީއާ އެކީގައި، އަދިވެސް އަޅުގަނޑުމެންނަކަށް ނެތޭ އައިސްޕްލާންޓުތައް އެޅުން ހުއްޓާލެވޭކަށް. އެއީ ހަމަ ފަރުމަސްވެރިންނަކީ ވެސް ވަރަށް ބޮޑު މުޖުތަމައުއެއް މިއަދު އެނގޭތޯ ވަރަށް ބޮޑު ކޮމިއުނިޓީއެއް،“ ޝިޔާމް ވިދާޅުވިއެވެ.
ކުޑަރިކިލަކީ ވެސް ވަރަށް ބައިވަރު ފަރުމަސްވެރިން އުޅޭ ރަށެއްކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، އެ ރަށުގައި އައިސްޕްލާންޓު އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި މިހާރު އެ އައިސްޕްލާންޓު ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި ދެ ހަފްތާ ތެރޭގައި މަސައްކަތް ފަށައި، ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އައިސްޕްލާންޓު ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އައިސްޕްލާންޓު އެޅުން ހުއްޓާލެވެން ނެތީ ފަރުމަސްވެރިންނަށް އައިސްޕްލާންޓުތައް ބޭނުންވާތީ: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ