މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، މަހަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގައި ގާއިމުކުރާ 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ކާރުހާނާ ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ނިންމައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކަންނެލި މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުރިހަމައަށް ފުއްދޭނީ މި ފެކްޓްރީގެ މަސައްކަތް ނިމުމުން ކަމަށެވެ. މި ކާރުހާނާ ބިނާކުރުމަށްޓަކައި ހުޅުމާލެއިން 25,000 އަކަފޫޓުގެ ބިމެއް މިހާރު ވަނީ ހަމަޖައްސާފައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ 40 އަހަރު ދުވަހު ރާއްޖޭގައި މަސް ބަންދުކުރާ ފެކްޓްރީއެއްގެ ގޮތުގައި ހުރީ ހަމައެކަނި ފެލިވަރު ކަމަށާއި، މަސްވެރިކަމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވެއެވެ. ނަމަވެސް މިހާރު ކުރިއަށްދާ މަޝްރޫއުތަކާއެކު، ރާއްޖޭގައި މިހާރު ހުރި 105 ޓަނުގެ ޕްރޮސެސިން ކެޕޭސިޓީ ތިން ގުނަ އިތުރުވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތަށް ގެންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލުކުރުމާ ގުޅިގެން، މިފްކޯއިން މަސްގަތުމަށް ދައުލަތުން އަހަރަކު ބިލިއަނުން ސަބްސިޑީ ދޭންޖެހުނު ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މިހާރު މިފްކޯއަށް މަސްގަތުމަށް ސަރުކާރުން އެއްވެސް ސަބްސިޑީއެއް ދޭން ނުޖެހޭ ކަމަށާއި، އެކަން މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެން އެބަ ގަބޫލުކުރަން ދިވެހިރާއްޖޭގެ މަހަށް އާމްދަނީ އިތުރު ކުރެވޭނީ މަހަށް އަގު އެއްކޮށްގެން (ވެލިއު އެޑް ކޮށްގެން) ބޭރު ކުރީމަކަން. އެކަމަކު ސިޔާސީގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މިތިބެނީ. އަޅުގަނޑު މިއަދު ދަންނަވަން ކެރޭ، އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސްގަންނާކަށެއް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ނުދެން،" ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި މިފްކޯއިން ކަންނެލި ގަންނަން ފަށާފައިވާ ކަމަށާއި، މިހާރު ގަންނަމުންދަނީ 10 ކިލޯއިން މަތީގެ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކަމަށެވެ. ހުޅުމާލޭގައި ގާއިމުކުރާ އާ ކާރުހާނާއާއެކު، ކަންނެލި މަސްވެރިކަމުގެ ސިނާއަތަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކަންނެލި ބަންދުކުރާ ކާރުހާނާ 18 މަސްތެރޭ ނިންމައި އޮޕަރޭޝަނަށް ގެނެވޭނެ: ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ