ފައިނަލުގައި ނިއު ބަލިކޮށް މާޒިޔާއިން ޔޫތު ޗެމްޕިއަންޝިޕް ދިފާއުކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ތަށި ކާމިޔާބުކަމާއެކު ދިފާއުކޮށްފިއެވެ. މިއީ މާޒިޔާއިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އެ ޓީމުން ވަނީ މިދިޔަ އަހަރުގެ އިތުރުން، 2011 ވަނަ އަހަރު ބޭއްވި 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ. މިއަހަރުގެ މުބާރާތްވެސް މާޒިޔާއިން ނިންމާލީ މެޗަކުން ބަލިނުވެ، ވަރުގަދަ ރެކޯޑަކާއެކުގައެވެ. ފައިނަލްގެ ކުރިން ކުޅުނު ލީގު ބުރުގެ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު މޮޅުވިއިރު، އެއްވަރުވީ ހަމައެކަނި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ޖުމްލަ ހަ ޓީމު ވާދަކުރި މި އަހަރުގެ މުބާރާތުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓްގެ އިތުރުން ދެން ބައިވެރިވީ ބުރު ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ކެޔޮދޫއެވެ. ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗު މާޒިޔާއިން ކާމިޔާބުކުރީ 4-1 ގެ ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އޭދަން އަޙްމަދު މޫސާ ޖަހައިދިން ލަނޑުން މާޒިޔާއިން މެޗުގެ ލީޑު ނެގިއެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ކެޕްޓަން މުޙައްމަދު އިލާން އިމްރާން ވަނީ މާޒިޔާގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 80 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަޙްމަދު ހަމްދާން އަޒްލީން ލަނޑެއް ޖަހައި، ނިއު ރޭޑިއަންޓަށް އުއްމީދެއް ހޯދައިދިން ނަމަވެސް، މާޒިޔާއިން ވަނީ މެޗުގެ ފަހުކޮޅު ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 90 ވަނަ މިނެޓުގައި ނައްސާހު އިބްރާހީމް ނާސިރު މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީ މުބާރާތުގެ ތަށި ކަށަވަރުކޮށްދިނީ އަލްހާން ފައިސަލް އަމީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ