މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލަން ވެފައިވާ އެއްބަސްވުން މިހާރު އޮތީ "ލައިފް ސަޕޯޓް" ގައި ކަމަށް ވިދާޅުވެ އެ އެއްބަސްވުން ހަމަ ކޮންމެ ވަގުތަކު ވެސް ނެތިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. ޓްރަމްޕް މިހެން ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުންތަކަށް އީރާނުން ދިން ރައްދު ގަބޫލުނުކުރައްވައި ބޭރުކޮށްލެއްވުމަށްފަހުގަ އެވެ.
އީރާނުގެ ހުށަހެޅުންތަކާ މެދު ޓްރަމްޕް ހިތާނުވެ، އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވުމާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އަނެއްކާވެސް އުފުލިފަ އެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ކުރަމުންދިޔަ އުންމީދުތަކަށް ވަނީ ހުރަސް އެޅިފަ އެވެ.
"ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން އޮތީ، ޑޮކްޓަރުން އައިސް ބަލާފައި، ދެން ދުނިޔޭގައި އޮންނާނެ ކަމަށް އޮތީ އެއް ޕަސެންޓުގެ ފުރުސަތެކޭ ބުނާ [ވަރަށް] ބޮޑު 'ލައިފް ސަޕޯޓެއް' ގެ އެހީގައި،" ޓްރަމްޕު ވިދާޅުވި އެވެ.
އަނެއްކޮޅުން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، ކޮންމެ ފަދަ ހާލަތަކަށްވެސް އީރާނު އޮތީ ތައްޔާރަށް ކަމަށެވެ.
"ކޮންމެ އުދުވާނެއްގައި ރަނގަޅު ފިލާވަޅެއް ނަގައިދޭން އަހަރެމެންގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް،" އެކްސްގައި އަދި އޭނާ ލިޔުއްވާފައިވެ އެވެ.
މި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރާފައިވާއިރު، ސައުދީ އަރަމްކޯގެ އިސްވެރިޔާ އަމީން ނާސިރު ވިދާޅުވީ މިއީ ދުނިޔެ މިހާތަނަށް ދުށް އެންމެ ބޮޑު ހަކަތައިގެ ކްރައިސިސް ކަމަށެވެ. ހޮރްމޫޒް ކަނޑުއޮޅި މިއަދު ހުޅުވާލި ނަމަވެސް، ބާޒާރު ހަމައަކަށް އެޅެން މަސްތަކެއް ނަގާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މި ހަނގުރާމައިގެ ސަބަބުން ގަސްކާނާ ލިބުން ދަތިވެ، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ވެސް ވަނީ ނުރައްކާވެފަ އެވެ. އދ. އިން ހާމަކުރި ގޮތުގައި މިކަމުގެ ސަބަބުން އިތުރު 45 މިލިއަން މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިދާނެ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ ޝަރުތަކަށް އީރާނުން އެދިފައިވަނީ އެމެރިކާއިން އެ ގައުމުގެ ބަނދަރުތަކަށް ދީފައިވާ ނޭވަލް ބްލޮކޭޑް ނުވަތަ ކަނޑުގެ މަގުން ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށާއި، ބޭރުގެ ބޭންކުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމަށެވެ. ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނަމުންދަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ނައްތާނުލެވެނީސް މި ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ.
މިހާރު އޮތް ނުތަނަވަސްކަމާ އެކު، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހިމާޔަތް ދިނުމަށް އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއް އަލުން ފެށުމަށް ޓްރަމްޕް ދަނީ ވިސްނަވަމުންނެވެ. އަނެއްކޮޅުން އީރާނުން ބުނަމުންދަނީ އެމެރިކާއިން އެ ގައުމުގެ އުޅަނދުތަކަށް ހަމަލާދީފި ނަމަ، އެމެރިކާގެ މަނަވަރުތަކާއި އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ.
ހަނގުރާމަ މެދުކަނޑާލި އެއްބަސްވުން އޮތީ "ލައިފް ސަޕޯޓް" ގައި: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ