އުފާވެރިކަމާއި ހިތްހަމަޖެހުމާއި ތަނަވަސްކަން އިތުރުވުމަށް އެދޭ މީހާ ޞަދަޤާތް ކުރަން ﷲ ތަޢާލާ އަންގަވައި އެއީ އެންމެ ހެޔޮ އަޅުކަމުގެ ތެރެއިން ލައްވަވާފައިވަނީ ފައިސާއާއި ތަކެތިން ޞަދަޤާތްކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ ގިނަބައަކު އުޅޭނެކަން ދެނެވޮޑިގެންވާއިރުއެވެ. އެހެންވެ ޞަދަޤާތް ކުރެވޭނެ ލުއިފަސޭހަގޮތްތައް ވަނީ ލައްވަވައިފައެވެ.
މީސްތަކުންނޭވެ! ތިމާއަށް ހިތްދަތިކަމެއް އިޙްޞާޞްކުރަންޖެހިއްޖެނަމަ ތަނަވަސް އެކުވެރިންގެ ގާތަށްގޮސް އެމީހުން އުޅޭގޮތާއި ކުރާ ކަންކަން ބެލުމުގެ ބަދަލުގައި ނިކަމެތި ފަޤީރުންގެ ގާތަށްދާށެވެ. ދޭނެ އެއްޗެއް އަތުގައި ނެތްނަމަ އެމީހުންނާއި ވާހަކަދައްކާލައިގެން، އެމީހުންނަށް ހިނިތުންވެލައިގެން ނަމަވެސް އެމީހުންނަށް ހިތްހަމަޖެހުމެއް ހޯދައިދެވޭތޯ ބަލާށެވެ! އެއީވެސް ހަމަ ޞަދަޤާތެވެ.
މިހެން ބުނުމުން ތަނަވަސް މީހުންގެ ކިބައިން ލިބޭނެ އެހީތެރިކަން މާބޮޑުވާނެ ކަމަށް ހީކުރެވިދާނެއެވެ. އެކަން އެހެންވެވެސްދާނެއެވެ. ނަމަވެސް އަހުރެން ބުނާނީ ޙަޤީޤީ ހިތްހަމަޖެހުމެއް ލިބެން އޮތީ ފަޤީރުންގެ ގާތަށް ގޮސްގެން ކަމަށެވެ. އެހެނީ އެމީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުން އެކަލާނގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންކަމަށްވާތީއެވެ.
އެއްވެސް ޙާލެއްގައި މިދައްކަނީ އަތުގައި ކާނެ އެއްވެސް ނެތި، ބަނޑުފުރާމަ މުއްތިނުކުރެވިގެން އުޅެންޖެހޭ ހާލަތުގެ ވާހަކައެއް ނޫނެވެ. އެޙާލަތުގައި ތަނަވަސް މީހެއްގެ އެހީތެރިކަމަށް އެދެން ދިއުމަކީ މުޅިން ތަފާތުކަމެކެވެ. ވިސްނައިލަންޖެހޭނެ ކަމަކީ އެމީހެއްގެ ކިބައިން ކަމަކަށް އެދެންޖެހޭނީ ދެން އެހެން ގޮތެއް ނެތިގެން ކަމެވެ.
ޢާންމު ގޮތެއްގައި ހިތްދަތިވާ ވަޤުތު ތަނަވަސް އެކުވެރިންގެ ގާތަށް ދެވެނީ މުޅިން ތަފާތު މަޤްޞަދެއްގައެވެ. އެއީ އޭނާއާއިއެކު ވަޤުތު ހޭދަކުރުމުން ހިތްހަމަޖެހުން ލިބޭތީއެވެ. ކޮފީއާއި އަގުބޮޑުކެއުން ލިބޭތީއެވެ. އެހެން ކަންކަންވެސް ފުދޭތީއެވެ.
އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. މީހުން ކިޔައިދީފައިވާ ވާހަކަތަކަށް ބުރަވެ ހުރެ ބުނަމެވެ. ނިކަމެތިންނަށް އޯގާތެރިވުމަށްވުރެ، އެމީހުންނަށް އެހީތެރިވުމަށްވުރެ އަވަހަށް ހިތްދަތިކަން ފިލައިގެންދާ އެހެންކަމެއް ނެތެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ނޫނީ ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟ ކޮންމެ ކަމެއް ކުރިމަތިވިޔަސް އަސްތަގްފާރުކުރުން ގިނަކުރަން އެއޮންނަނީ އެސަބަބަށްޓަކައެވެ.
ވީމާ ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ އެންމެ ނިކަމެތި ޙާލުގައި އުޅޭ އެކުވެރިންގެމަތިން ހަނދާންކުރާށެވެ. އެމީހުންނަށް ހެޔޮފޯރުކޮށްދޭށެވެ. އެމީހުންނަށް އުފާވެރިކަން ހޯދައިދޭން ގަދައަޅައި މަސައްކަތްކުރާށެވެ! މައްސަލަތައް ޙައްލުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ
ތަކުރާރުކޮށްލާނަމެވެ. ދަތިޙާލުގައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮސްދެވޭނެ ތަނަވަސްކަން ނެތުމަކީ މައްސަލައެއް ނޫނެވެ. ހިތްހެޔޮކަމާއިއެކު ވާހަކަދައްކާލައި ހިތްވަރުދީ ހެޔޮދުޢާކޮށްދިނުމަކީވެސް ހަމަ ޞަދަޤާތެވެ.
ތަނަވަސްކަންހުރި މީހުންނަށް ބުނަމެވެ! ހިތްދަތިކަމެއް ކުރިމަތިވާ ޙާލަތުގައި ދީލަތިކަން އިތުރުކުރާށެވެ! ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން ގިނަކުރާށެވެ! އުފާވެރިކަން ދާދި އަވަހަށް ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ހިތްދަތިކަމުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ