މިދިޔަ ހުކުރު ދުވަހު ހ. ފެންޓެނޯއި ގޭގެ މަތީ ފަންގިފިލާއަކުން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާއާ ގުޅިގެން ފަސް ދުވަސް ފަހުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އެ ހާދިސާއާ ގުޅިގެން ގިނަ ކަންބޮޑުވުންތައް ފާޅުކޮށްފި އެވެ.
އެޗްއާރްސީއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައްސަލައިގައި އަނިޔާވި ޔުމްނު އެންމެ ފަހުން ފެނިފައިވާ އިމާރާތަކާއި, އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފުޓޭޖު އެކަނި ދައްކާފައިވާތީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ފުލުހުން އާންމުކުރި ވީޑިއޯއިން ފެނިގެންދިޔަ މީހުންގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ވެސް އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.
"ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމެއް،" ކޮމިޝަނުން ބުންޏެވެ.
ފުލުހުން އޭޕްރިލް 22، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާދިސާގައި އަނިޔާވި ޔުމްނު ފިޔަވައި މައްސަލައާ ގުޅުންހުރި އެހެން އެންމެންގެ ނަމާއި މައުލޫމާތު ހާމަކޮށްފައި ނުވާކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ބުނީ ހަމައެކަނި ޔުމްނުގެ މައުލޫމާތު ހާމަކުރުމަކީ ތަފާތުކުރުން ކަމަށެވެ.
"މީގެ ސަބަބުން އަނިޔާވެފައިވާ ފަރާތް އިތުރަށް ވިކްޓިމައިޒްވެގެން ގޮސްފައިވާތީ، މިއީވެސް ކޮމިޝަނުގެ ކަންބޮޑުވުމެއް ކަމުގައި ދަންނަވަން،" ކޮމިޝަނުން ބުންޏެވެ.
އޭގެއިތުރުން ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންގެ ތަހުގީގު ވަކި ގޮތެއް ކަނޑައެޅޭ މަރުހަލާއަކަށް ގޮސްފައި ނުވަނީސް، ހާދިސާ ހިނގައިދިޔަ ގޮތް ކަމަށް ދޭހަވާނެ ފަދަ ގޮތަކަށް ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެޗްއާރްސީއެމް އިން ފާހަގަކުރެ އެވެ.
އެގޮތުން ފުލުހުން އަމަލުކުރި ގޮތުން އެ މުއައްސަސާއަށް އާންމުންގެ އިތުބާރު ގެއްލި ތަހުގީގުގެ ނަޒާހަތްތެރި ކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ދެކޭ ކަމަށް ކޮމިޝަނުން ބުންޏެވެ.
"އެއްވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެތިބެ، ވަށާޖެހޭ، ފުރިހަމަ އަދި ނަޒާހާތްތެރި ތަހްގީގެއް ހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް މި ކޮމިޝަނުން ގޮވާލަން،" ކޮމިޝަނުން ބުންޏެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް ބުނެ އަދި މި މައްސަލައިގައި ޝާމިލްވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމަށް ތުހުމަތުކޮށް މި މައްސަލައިގެ ތަހްގީގަށް ނުފޫޒު ފޯރުވަމުން ދާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ކޮށްފައި ވާތީ އެކަންކަމަށް ތަހުގީގުގައި ރިޔާޔަތް ކުރާނެ ކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.
އެޗްއާރްސީއެމް އިން ވަނީ ޔުމްނު ވެއްޓުނު ހާދިސާގައި އޭނާގެ އާއިލާގެ ގަދަރާއި ކަރާމާތަށް އިހުތިރާމުކޮށް، އޭނާގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އެއްވެސް މީހަކު އާންމު ނުކުރުމަށް އެދިފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އެޗްއާރްސީއެމް އިން އެއްޗެއް ނުބުނާތީ އެ ކޮމިޝަނަށް ބޮޑެތި ފާޑުކިޔުންތަކެއް އޮތީ އަމާޒުވެފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއަށް ހަ ދުވަސްވީ ފަހުން ކަންބޮޑުވާ ކަމަށް ބުނެ އެޗްއާރުސީއެމްގެ ބަޔާނެއް ޔުމްނު ވެއްޓުނު ހާދިސާއަށް ހަ ދުވަސްވީ ފަހުން ކަންބޮޑުވާ ކަމަށް ބުނެ އެޗްއާރުސީއެމްގެ ބަޔާނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ