އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީފި

ތެހެރާން (13 ޖޫން 2025) : ރޭ ދަންވަރު އިސްރާއީލުން އީރާނަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. އިސްރާއީލު ބުނާގޮތުން މި ހަމަލާތައްދިނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށާއި އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާއި ނިއުކްލިޔާ ސައެންޓީސްޓުން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެންނެވެ. އަވަހާރަކޮށްލަން ޖެހޭ އީރާނުގެ އަސްކަރީ އަދި މަދަނީ މަސްއޫލުވެރިންގެ ދިގު ލިސްޓެއް އެބައޮތް ކަމަށާއި މިއީ އެކަމުގެ ފެށުންކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއް ބުނެއެވެ. އިސްރާއީލުގެ ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ތެހެރާންގައި ހުންނަ އީރާނުގެ ރިވޮލިއުޝަރަނީ ގާޑުންގެ މައި މަރުކަޒާއި ތެހެރާންގެ އާންމުން ދިރިއުޅޭ ބައެއް އެޕާޓްމަންޓްތަކާއި އީރާނުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒު ހިމެނެއެވެ. މީގެ އިތުރުން އީރާނުގެ ދެ ސިޓީއެއްކަމަށްވާ ކަރްމާން ޝާހް އާއި ލުރިސްތާނުގެ ބައެއް ސަރަހައްދުތަކަށް ވެސް އިސްރާއީލުގެ ހަމަލާތައް އަމާޒުވިކަމަށް ޚަބަރުތައް ބުނެއެވެ. އިސްރާއީލުންވަނީ މިއީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ފުނޑާލައި ނިއުކްލިޔާ ޕްރޮގްރާމް އެއްކޮށް ނައްތާލުމުގެ ފެށުންކަމަށް ސިފަކޮށްފައެވެ. މި އޮޕްރޭޝަން އެތައް ދުވަހަކަށް ދިގު ދެމިގެންދާނެކަމަށާ ހަމަލާތައް ކާމިޔާބު ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއް ބުނެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ރައިސިން ލަޔަން"ގެ ނަމުގައި އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށިކަމާއި މި އޮޕަރޭޝަން ވަރަށް ކާމިޔާބުކަމަށް ބުނެފައެވެ. މީގެ އެތައް ހަމަލާތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އީރާނަށް ދޭނެކަމުގެ އިންޒާރުވެސް ނަތަންޔާހޫ ދީފައިވެއެވެ. އިސްރާއީލުގެ މި އުދުވާން އާ ބެހޭގޮތުން އީރާނުގެ މަސްއޫލުވެރިން އަދި ބަޔާނެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ ރަސްމީ މިޑީއާއިންވަނީ އެ ގައުމުގެ އެކި ސަރަހައްދުތަކަށް އިސްރާއީލުގެ އުދުވާނީ ހަމަލާތަކެއް އަމާޒުވަމުންދާކަން ހާމަކޮށްފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ކޮމާންޑަރު ޖެނެރަލް ހުސައިން ސަލާމީއާއި ނިއުކްލިޔާ ދެ ސައެންޓިސްޓަކު އަވަހާރަވެފައިވާކަން އީރާނުގެ ތަސްނީމް ނޫސް އެޖެންސީން ވަނީ ކަށަވަރުކޮށްދީފައެވެ. އިސްރާއީލުގެ އުދުވާނަށް އީރާނުން އަދި ރައްދު ދީފައިނުވިނަމަވެސް އިސްރާއީލުވަނީ އީރާނުން ރައްދު ދޭނެކަމަށް ބަލައި އިސްރާއީލުގެ ވައިގެ ސަރަހައްދާއި އެއާޕޯޓްތައް އެއްކޮށް ބަންދު ކުރިކަން އިއުލާންކޮށްފައެވެ. އަދި އިސްރާއީލުގެ ގައުމީ އެއާލައިންސްގެ ފަސިންޖަރު މަތިންދާބޯޓުތައްވެސްވަނީ ގައުމުން ބޭރަށް ގެންދަން ފަށާފައެވެ. މީގެއިތުރުން އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ ބިންގަރާސްތަކަށް ވަނުމަށް އެގައުމުގެ ރައްޔިތުންނަށް އަންގާފައެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ސިފައިންގެ ވެރިޔާއާއި ދިފާއީ ވަޒީރާއި އިސްރާއީލުގެ އިސް މަސްއޫލުވެރިންވެސްވަނީ ބިމު އަޑީގައިވާ ރައްކާތެރި ތަންތަނަށް ގެންދެވިފައިވާކަން އިސްރާއީލުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދެއެވެ. އިސްރާއީލުން އީރާނަށް ދިން އުދުވާނީ ހަމަލާތަަކާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރުބިއޯ ވަނީ މިއީ އެމެރިކާގެ ބައިވެރިވުން އޮވެގެން އިސްރާއީލު ހިންގާ އޮޕަރޭޝަނެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާ އިސްކަންދެނީ ގަލްފާއި މެދުއިރުމަތީގައިވާ އެމެރިކާގެ ސިފައިންނާއި ޑިޕްލޮމޭޓުންނާ އަދި އާންމުގެ ރައްކާތެރި ކަމަށްޓަކައި އަޅަންހުރި ފިޔަވަޅުތައް އެޅުމަށްކަމަށްވެސް ރޮބިއޯ ވިދާޅުވިއެވެ. ނަމަވެސް އެމެރިކާގެ ނޫހެއްކަމަށްވާ ޕޮލިޓިކޯ ބުނާގޮތުން އިސްރާއީލުގެ ހަމަލާތަކުގައި އެމެރިކާ ސީދާގޮތެއްގައި ބައިވެރި ނުވިނަމަވެސް އެމެރިކާވަނީ އިސްރާއީލުގެ އަސްކަރިއްޔާއަށް ބޭނުންވާ ޖާސޫސީ ގިނަ މައުލޫމާތުތަކެއް އިސްރާއީލަށް ފޯރުކޮށްދީފައެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނަށް ހަމަލާ ދިނުމުގައި އިސްރާއީލުގެ އެއްބޭނުމަކީ އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެމެރިކާއާއި އީރާން ކުރިޔަށްގެންދާ ވާހަކަތައް ނާކާމިޔާބު ކޮށްލުމެވެ. މުހައްލިލުން ވިދާޅުވާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ނިއުކްލިޔާ ފެތުރުން މަނާކުރާ މުއާހަދާއިން އީރާން ވަކިވެ އަމިއްލަ ނަފްސުގެ ދިފާއުގައި އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން ނިންމުމަކީ އީރާނުން ނިންމަފާނެ ނިންމުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ