ހެރީ ޕޮޓާގެ ލީޑަށް އެކްޓަރުން ލިބިއްޖެ
ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މިހާތަނަށް އުފެދުނު އެންމެ ނުފޫޒުގަދަ ފްރެންޗައިޒް ކަމަށްވާ "ހެރީ ޕޮޓާ" ފްރެންޗައިޒް ރީބޫޓުކޮށް އުފައްދާ ސީރީޒްގެ ލީޑް ރޯލުތަކަށް އެކްޓަރުން ލިބިއްޖެއެވެ. ވޯނަބްރޮސްއިން ދާދި ފަހުން އާންމުކޮށްފައިވާ ގޮތުގައި އަލަށް ނެރޭ ސީރީޒްގެ ލީޑް ކެރެކްޓަރުން ކަމަށްވާ "ހެރީ ޕޮޓާ"އާއި "ހަމައިނީ ގްރޭންޖާ" އަދި "ރޮން ވީޒްލީ"ގެ ރޯލަށް އެކްޓަރުން ވަނީ މިހާރު ލިބިފައެވެ. އޮރިޖިނަލް ފޮތްތަކުގައި ފަށާއިރު ކެރެކްޓަރުންގެ އުމުރަކީ ގާތްގަނޑަކަށް 11 އަހަރެވެ. އެއާއެކު އަލަށް ހަމަޖައްސާފައިވާ އެކްޓަރުންގެ އުމުރަކީ ވެސް 11 އަހަރެވެ. މި އެކްޓަރުންނަކީ މީގެ ކުރީން އިތުރު ޕްރޮޖެކްޓަރުން މަސައްކަތްކޮށްފައިވާ ބައެއް ނޫނެވެ. ހެރީގެ ރޯލަށް ހަމަޖައްސާފައިވާ އެކްޓަރަކީ ޑޮމިނިކް މެކްލޯގްލިންއެވެ. އަދި, ހަމައިނީގެ ރޯލަށް އެރަބެލާ ސްޓެންޓަން ހަމަޖައްސާފައިވާއިރު އެލެސްޓެއާ ސްޓައުޓް ފެންނާނީ ރޮން ވީޒްލީގެ ރޯލުންނެވެ. ޖޭކޭ ރޯލިންގެ ވާހަކަ ސީރީޒަށް ބިނާކޮށް ވޯނާ ބްރޮސްއިން 2001 ގައި ދައްކަން ފަށާފައިވާ ހެރީ ޕޮޓާ ސީރީޒްގެ އަށް ފިލްމެއް ވަނީ ނެރެފައެވެ. މި ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ނެރެފައިވަނީ 2011 ވަނަ އަހަރުގައެވެ. ޖުމްލަ އަށް ފިލްމާ އެކު ފިލްމު ފްރެންޗައިޒް ވަނީ 7.7 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. މި ކާމިޔާބީއަށް ބިނާކޮށް ވޯނާ ބްރޮސްއިން ލައިވް އެކްޝަން ޝޯއެއް އަލުން ފަށަން އުޅޭކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. މި ޝޯއަކީ އޮރިޖިނަލް ފިލްމުތަކުގެ ވާހަކަތައް އަލުން ރީބޫޓުކޮށް ސީރީޒެއްގެ ގޮތުގައި ދެއްކުމަށް ފަށާ ޝޯއެކެވެ. މިއީ ވޯނާ ބްރޮސްގެ ސްޓްރީމިން ސާވިސް "މެކްސް"އަށް ރިލީޒްކުރުމަށް ތައްޔާރުވާ ޝޯއެކެވެ. މައުލޫމާތު ލިބޭގޮތުގައި ޝޯގެ ކޮންމެ ސީޒަނެއް ބިނާކޮށްފައިވާނީ ވާހަކަ ފްރެންޗައިޒްގެ ފޮތަކަށެވެ. ދެ އަހަރުގެ ބޮޑެތި ބްރޭކް ނެގުމުގެ ބަދަލުގައި ކޮންމެ އަހަރެއްގައި ވެސް ޝޯގެ އާ ސީޒަނެއް ފެންނާނެ ކަމަށް ވޯނާ ބްރޮސްއިން އިޝާރާތްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ