ކާމިޔާބީން އެނގެނީ މާޒިޔާގައި މުސްތަގުބަލު ވެސް އެބައޮތްކަން: ހެނާންޑޭޒް ކާމިޔާބީން އެނގެނީ މާޒިޔާގައި މުސްތަގުބަލު ވެސް އެބައޮތްކަން: ހެނާންޑޭޒް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މެޗަކުން ބަލިނުވެ، މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، ޖުމްލަކޮށް މުޅި މުބާރާތުން ފެނުނު ކަންތައްތަކުން ފެނުނު ހަގީގަތަކީ އެ ކްލަބްގައި ކާމިޔާބީ ތަކުރާރުކުރެވޭނެ މުސްތަގުބަލެއް ވެސް އެބައޮތްކަން ކަމަށް ސްޕެއިނުގެ ކޯޗު، ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އެކެޑަމީގައި ޓެކްނިކަލް މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ވެސް ހާސިލްކޮށްފައިވާ ހެނާންޑޭޒަކީ، ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ އަށް އިރުޝާދުދޭ ބިދޭސީ ހަތް ވަނަ ކޯޗެވެ. އެހެން ގިނަ ކޯޗުންނެކޭ އެއްގޮތަށް އޭނާ ވެސް މި ވަނީ ފުރަތަމަ މުބާރާތުގައި ޗެމްޕިއަންކަން ހޯދައިފަ އެވެ.
މީގެ ފަސް ވަރަކަށް މަސް ދުވަސް ކުރިން، މާޒިޔާގެ ކޯޗުކަމާ ހަވާލުވިިއިރު ވެސް އޭނާ އަށް އެނގޭ ކަމަކީ، މާޒިޔާގައި ކާމިޔާބީ ތަކުރާރުކުރަން ޖެހޭނެކަން ކަމުގައި ހެނާންޑޭޒް ދެކުނެވެ.
އޭނާ ބުނީ، އެފްއޭއެމް ލީގު ކަޕް ފެށުނުއިރު ވެސް ފޭވަރިޓުންގެ ގޮތުގައި މާޒިޔާ އޮތުމުން، އޮތް ޗެލެންޖަކީ ގިނަ ދުވަސްތަަކަަކަށް ފަހު، ރާއްޖޭގައި ކުޅޭ ފުރަތަމަ މުބާރާތް ކާމިޔާބުކުރަން މަސައްކަތް ކުރުން ކަމަށެވެ.
ސްޕެއިން، ލިތުއޭނިއާ، އުޒްބެކިސްތާން، ކުވެއިތު އަދި ދެކުނު ކޮރެއާގައި ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ، ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ހެނާންޑޭޒް ބުނީ، ލީގު ކަޕްގައި މާޒިޔާ ކުރިއަށްދިޔައީ ޕްލޭނަކާ އެކު ކަމަށެވެ.
ހެނާންޑޭޒް، އެފްއޭއެމް ލީގު ކަޕްގެ ތަށި ހިފައިގެން.---- އަތޫފް އާތިފް / އަދަދު ސްޕޯޓްސް
"އަހަރެން ބެލީ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުރަން، ޒުވާން ކުޅުންތެރިން ވެސް ލައިގެން، ވަރަށް އުފަލުން ހަގީގަތުގައި މި ހުރީ، އަހަރެމެންނަށް ކުރެވުނު މަސައްކަތުން ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދެވިއްޖެ، އަދި، އަހަރެން އަލަށް މި ގައުމަށް އައީމަ ޖެހުނު ރަސްމީ މެޗުތަކުގައި ހުރިހާ ކުޅުންތެރިން ވެސް ޓެސްޓްކުރަން،" ފައިނަލް މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭޒް ބުންޏެވެ.
"އަހަރެން ވަރަށް އުފަލުން މި ހުރީ، ހަގީގަތުގައި މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް އުފާވެރި ހަބަރެއް. އަހަރެމެން ރަސްމީ މެޗުތަކެއް މި ގޮތަށް ކުޅެން ފެށުމަކީ، ދެން، އަހަރެމެންނަށް (ކްލަބްތަކަށް) ގައުމީ ޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ވެސް ފެށުނީ، އަހަންނަށް ފެންނަ ގޮތުގައި 19 އަހަރުން ދަށުގެ ސާފަށް ވެސް އެ ފައިދާ އޮތް، އުފާވެރި ވަގުތެއް ރާއްޖޭގެ ފުޓްބޯޅަ އަށް ހާއްސަކޮށް މާޒިޔާ އަށް،"
އޭނާ އަކީ ރާއްޖެ އަށް އާ މީހެއް ކަމަށްވުމުން، ގިނަ ޕްރެކްޓިސްތަކެއް ކޮށްފައި، މުބާރާތަކާ ކުރިމަތިލައި، މެޗުން މެޗަށް ކަންކަން ދަސްކޮށްގެން ބޭނުންވާ ކަންކަން ހާސިލްކުރެވުނުކަން ހެނާންޑޭޒް ފާހަގަކުރި އެވެ.
ހެނާންޑޭޒް ބުނީ، ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާއިރު އޭނާގެ ވިސްނުން ބައްޓަންކުރަނީ އެންމެންގެ ބައިވެރިވުން ކަށަވަރުކުރާ ގޮތަށް ކަމަށެވެ.
"ރަނގަޅު ލެވަލެއް ފެންނާނީ އެ ގޮތަށް، ޒުވާން ކުޅުންތެރިން ވެސް މަސައްކަތް ކުރޭ. ތަޖުރިބާހުރި ކުޅުންތެރިން ވެސް ރަނގަޅަށް މަސައްކަތް ކުރޭ. މި ބެލެންސް ހޯދުމަކީ މުސްތަގުބަލަށް އެޅޭނެ އެންމެ ރަނގަޅު ފިޔަަަވަޅު. އަހަރެން މި ހުރިހާ ކަމަކަށް ވަރަށް އުފާވޭ،" ހެނާންޑޭޒް ބުންޏެވެ.
"އަހަންނަށް މި ސާބިތުކޮށްދެވުނީ މިއީ ކުރެވޭނެ ކަމެއްކަން. މި ގޮތް ހޯދޭނެކަން، ޒުވާން ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިންގެ މިކްސް އަކުން ވެސް ތަށްޓަކާ ހަމައަށް ދެވޭނެކަން މި ފެނުނީ. މިއީ މުސްތަގުބަލަށް އޮތް ގޮތަކީ، އެންމެ އުފާ ކުރާ ކަމަކީ، މި ލެވަލްގައި ފެންވަރު ސާބިތުކޮށްދޭނެ ޒުވާން ކުޅުންތެރިން ނެރުން،"
ހެނާންޑޭޒް ބުނީ، ލީގު ކަޕްގެ އެންމެ ގިނަ ގޯލު ޖެހި 16 އަހަރުގެ ފޯވާޑް، މުހައްމަދު އިލާން އިމްރާންގެ އިތުރުުން މާޒިޔާ އިން ދެން ފުރުސަތު ދިން ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ