ދިވެހިންގެ ބަޔަކާ ގުޅިގެން ތަމަޅަ ޓައިގަރުން 3 ނޮވެމްބަރު 1988ގައި ރާއްޖެ ހިފަން ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށް މަހަކު 9،000ރ. ދޭން ނިންމި ނިންމުމަށް ކަންބޮޑުވުމާއި ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަހީދުވި ސިފައިންނާއި ހަމަލާ ނާކާމިޔާބުކޮށްލުމުގައި އާދަޔާ ހިލާފު ހިތްވަރު ދެއްކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ޝަރަފުގެ ނިޝާން ދީފައިވާ ސިފައިންނަށް އިނާޔަތް ދިނުމުގެ އުސޫލެއް އިއްޔެ ގެޒެޓްކުރި އެވެ. އެގޮތުން:
ޝަހީދުވެ ސިފައިންގެ އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި މަންްމަ، ބައްޕަ، ދަރިން އަދި ހުވަފަތްވި އަނބިމީހާއަށް މަރުވަންދެން ކޮންމެ މީހަކަށް މަހަކު 9،000ރ.
ހުރަވީ ރަން މެޑަލް ދީފައިވާ ފަރާތްތަކަށް - މަހަކު 9،000ރ.
ހުރަވީ ރިހި މެޑަލް ދީފައިވާ ފަރާތްތަކަށް - މަހަކު 8،000ރ.
ހިތތްވަރުގަދަ ކުލަ ދީފައިވާ ފަރާތްތަކަށް - މަހަކު 6،000ރ.
ރާއްޖޭގެ އިގުތިސޯދު ވަރަށް ބޮޑަށް ދަށްވެ، ކުރިއަށް އޮތް އަހަރުތަކުގައި ބޮޑު ދަރަންޏެއް ދައްކަން ޖެހި، ހަރަދުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާ ދީފައިވާ ދަނޑިވަޅުގައި މި ވަރުގެ ހަރަދެއް ކުރަން ނިންމުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައިވެ އެވެ.
ތަފްސީލް - ފާތިމަތު ނަމަކަށް ކިޔާ މީހަކު 'އެކްސް'ގައި ލިޔެފައި ވަނީ ޝަހީދުންގެ ދަރިން މިހާރު މެދު އުމުރަށް އަޅާފައިވާއިރު، އެ ދަރިންނަށް 9،000ރ. ދިނުމަކީ އެ ދަރިންގެ ބަފައިންގެ ގުރުބާނީއަށް އިހުތިރާމު ކުރުމެއް ވެސް ނޫން ކަމަށެވެ. އޭނާ ސިފަކުރީ އެއީ އެ ދަރީންނަށް ކުރާ މަލާމާތެއްގެ ގޮތުގަ އެވެ.
"ހަގީގަތުގައި ވެސް މި ޝަހީދުންނަށް އިހުތިރާމް ކުރަން ބޭނުން ނަމަ، ކޮރަޕްޝަން ހުއްޓުވައި އެ މީހުންގެ ފުރާނަ ދިން ގައުމު ރަނގަޅުކޮށް އިސްލާހު ކުރަންވީ. އެ މީހުންގެ ބޮޑުވެ އުމުރުން ވެސް މިހާރު ދުވަސްވެފައި ތިބޭ ދަރިންނަށް އަތްފޯރުވާންވީއެއް ނޫން،" ފާތިމަތު ލިޔެފައިވެ އެވެ.
އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ލިޔުއްވާފައިވަނީ 1988ގައި ޝަހީދުވީ މީހެއްގެ އެންމެ ހަގު ދަރި ވެސް މި ވަގުތު ހުންނާނީ 37 އަހަރު ވެފައި ކަމަށެވެ. އެ މީހުންނަށް ވަޒީފާ އަދާކޮށްގެން އާމްދަނީ ލިބޭނެ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
"އެކަނިވެރި މައިންނަށް [18 އަހަރު ނުފުރޭ ދަރިން ތިބޭ ނަމަ] އިނާޔަތް ލިބޭނެ. ދޮށީ އުމުރުގެ ކޮންމެ މީހަކަށް [މަހަކު] 5،000ރ. ލިބޭނެ،" ޖެނިފާ ލިޔުއްވާފައިވެ އެވެ.
މުހައްމަދު ރުވައިދު ނިމްރީހު ނަމަކަށް ކިޔާ މީހަކު ވެސް 'އެކްސް'ގައި ލިޔެފައިވަނީ މި ކަމަކީ ޝަހީދުންގެ ދަރީންނަށް އިހުތިރާމުކޮށް އަގު ވަޒަން ކުރުމެއް ނޫން ކަމަށެވެ. އެ ދަރީންނަކީ މިހާރު ވަޒީފާ އަދާކޮށްގެން އާމްދަނީ ހޯދައިގެން އަމިއްލަ ދިރިއުޅުމެއް މިހާރު ބިނާކޮށްފައިވާ ބޮޑެތިވެފައިވާ މީހުންކަން އޭނާ ވެސް ފާހަގަކުރި އެވެ.
"މިއީ މިހެން ހޭންޑްއައުޓް ކުރާނެ ވަގުތެއް، ހާލަތެއް އަދި ޖާގައެއް ވެސް އޮތް ކަމެއް ނޫން. ދެން އޮތީ ކޮން ކަމެއް؟ ފުލުހުންގެ ދަރިންނަށް ހާއްސަ ޖޮބް ކޯޓާއެއް؟،" އޭނާ ލިޔެފައިވެ އެވެ.
މުހައްމަދު ނަމަކަށް ކިޔާ މީހަކު ލިޔެފައިވަނީ މިއީ ވިޔަފާރިތައް ދަށްވެ، އަގުތައް އުފުލި، މީހުން ބިކަވެފައިވާ ދަނޑިވަޅެއް ކަމަށެވެ. ސަރުކާރުގައި ފައިސާގެ ތާށިކަން އޮތް ކަމަށް ބުނަމުން ވެސް ވެރީންގެ ސިޔާސީ އެޖެންޑާއަކަށް ފެތޭ ކަމަކަށް ވަންޏާ، ކުއްލިއަކަށް އުކާލަން ވެސް މި ސަރުކާރުގައި ފައިސާ ހުންނަ މަންޒަރު ފެންނަ ކަމަށް އޭނާ ލިޔެފައިވެ އެވެ.
އަހުމަދު ލޫތު ޝާހިދު ނަމަކަށް ކިޔާ މީހަކު 'އެކްސް'ގައި ލިޔެފައިވަނީ ގައުމީ ބަތަލުންނަށް ޝަރަފު ދިނުމަށް ދެކޮޅު ނުހަދާ ކަމަށާއި ނަމަވެސް މިއީ އެކަން ކުރެވޭނެ ވަރުގެ ހާލަތެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
"އިގްތިސާދު މިހާ ދަށް ހާލަތެއްގައި، މަސައްކަތްތެރިން ވަރަށް ބުރަ މަސައްކަތްކޮށްގެން ކިރިޔާ އަސާސީ މުސާރައަކަށް 9،000ރ. ހޯދޭ ހާލަތުގައި، ޝަހީދުންގެ ލޭގެ ގާތް ތިމާގެ ހުރިހާ މީހުންނަށް 9،000ރ. ދިނުމަކީ އިންސާފެއް ހެއްޔެވެ؟ އަހަރެންނަކަށް ހީއެއް ނުވޭ،" އޭނާ ލިޔެފައިވެ އެވެ.
މިއީ ހަމަޖެހޭ ސިޔާސަތެއް ގޮތުގައި ހިންގާ ކަމަށް ވުރެ ބޮޑަށް، ސިޔާސީ އަދި ސަރުކާރުގެ ޕީއާރު މަގުސަދެއް ގޮތުގައި ކުރާ ކަމެއް ގޮތަށް ގަބޫލުކުރެވޭ ކަމަށް ވެސް ލިޔެފައިވެ އެވެ.
'ޝަހީދުންނަށް އިހުތިރާމުކުރަން، އެކަމަކު މި ވަގުތަށް 9،000ރ. އެއީ ބޮޑު ހަރަދެއް'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ