އެމެރިކާގެ ވާހަކަ ތަކުގައި މުޅިން ވެސް ހުރީ މަކަރު: އީރާން

އެމެރިކާގެ ރައީސްގެ ވާހަކަތަކަކީ "މަކަރުވެރި ވާހަކަތަކެއް" ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެ އެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ސުލްހަވެރި ހައްލެއް ބޭނުންވާ ކަމަށާއި ފިޔަވަޅު އެޅުމުގެ އިޚުތިޔަރު މިހާރު އޮތީ ޤަޠަރަށް ކަމަށް ދޯހާގައި ހުންނަވައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.އެ މަނިކުފާނު ބޭނުންފުޅު ވަނީ އީރާނާއެކު ޑީލެއް ހަދަން ކަމަށާއި ނަމަވެސް އީރާނުގެ ލީޑަޝިޕުން އެކަން ނުކޮށްފިނަމަ، ''މެކްސިމަމް ޕްރެޝަރެއް'' ދިނުން ނޫން ގޮތެއް ނޯންނާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އީރާނަށް ނިއުކްލިއާ ހަތިޔާރެއް ގެންގުޅުމަށް ފުރުސަތު ނުދެއްވާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.ޓްރަމްގެ މި ވާހަކަތަކަށް ރައްދު ދެއްވާ އައްބާސް ވިދާޅުވީ ފަލަސްތީނަށް ހަމަލާދިނުމަށް އިސްރާއީލަށް ތާއީދުކޮށް، ސޫރިއާއަށް ހަމަލާދީ، އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކާއި އަސްކަރީ އިންޒާރުތައް ދީފައި ވަނީ އެމެރިކާއިން ކަމަށެވެ.އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އެމެރިކާ އަކީ މަކަރުވެރިންގެ ގޮތުގައި ސިފަކުރެއްވިއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމުގައި ވިދާޅުވެ އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله އަލީ އަލް-ޚާމަނާއީ ވެސް ވަނީ އެމެރިކާއަށް ފާޑުވިދާޅުވެފައި އެވެ."ޣައްޒާގެ ކުޑަކުދިންގެ ބޮލަށް އެޅުމަށް ޒަޔަނިސްޓު [އިސްރާއީލުގެ ޔަހޫދީ ފައުޖުން] ބޭނުން ކުރަމުންދާ 10 ޓަނުގެ ބޮންތައް އެމެރިކާގެ ބާރުން،" ފޯރުކޮށްދެމުންދާ ކަމުގައި ހާމަނާއީ ވިދާޅުވި އެވެ. ޚާމަނާއީ ވިދާޅުވީ ޓްރަމްޕްގެ ބައެއް ވާހަކަފުޅުތަކަކީ ޖާވާބުދާރީވާ ކަހަލަ ވާހަކަފުޅުތަކެއްވެސް ނޫން ކަމަށެވެ."އެ ވާހަކަތަކުގެ ފެންވަރު އެހާ ދަށް ކަމުން އެއީ އެ ވާހަކަތައް ދެއްކި މީހާއަށް ލިބުނު ބަދުނާމެއް އަދި އެމެރިކާއަށް ލިބުނު ބަދުނާމެއް،" ޚާމަނާއީ ވިދާޅުވިއެވެ.ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އަދި، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ގިނަ ހަތިޔާރުތަކަކީ ޓްރަމްޕްގެ އަމުރަށް އެމެރިކާއިން ފޯރުކޮށްދެމުންދާ ހަތިޔާރުތަކެކެވެ. މީގެ އިތުރުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވެސް ހޮނިހިރު ދުވަހު ނޭވީ އޮފިސަރުންގެ އެއްވުމެއްގައި ވިދާޅުވީ ސުލްހައިގެ މެސެޖްތައް ޓްރަމްޕް ދެއްވާއިރު، އަނެއްކޮޅުން ނަސްލު ނައްތާލާނެ ކަމުގެ އިންޒާރުވެސް ދެއްވަމުން އަންނަ ކަމަށެވެ."މި ރައީސްގެ ކޮން ވާހަކައެއްތޯ އަޅުގަނޑުމެން ގަބޫލުކުރަންވީ؟ އެ މަނިކުފާނު ދެއްވާ ސުލްހަވެރިކަމުގެ މެސެޖްތޯ، ނުވަތަ އިންސާނުން ޤަތުލުކުރުމުގެ މެސެޖްތޯ؟" ޕެޒެޝްކިއަން ވިދާޅުވިއެވެ.އަދި ޓްރަމްޕް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުއްވުމަކީ ބައިނަލްއަގްވާމީ ގޮތުން ފާޑުކިޔުން އަމާޒުވި ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ