ހުކުރު ދުވަހުގެ ހުކުރު ވަގުތު އެއާޕޯޓުތަކަށް މަތިންދާބޯޓު ޖެއްސުމަކީ ހުކުރު ވަގުތުގެ ހުރުމަތް ކެނޑުން ކަމަށް ވިދާޅުވެ، ދީނުގެ ނަމުގައި މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް މުހައްމަދު (ޖަނާބު) ދެއްކެވީ ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އުދުހުންތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލަަށް ބަހުސް ކުރައްވަމުން މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ ގާނޫނު އިސްލާހުކުރާއިރު ހުކުރު ވަގުތު އެއާޕޯޓުތަކަށް ބޯޓު ނުޖެއްސޭ ގޮތް ހަދަން ޖެހޭ ކަމަށެވެ.
ޑރ. އަހުމަދު އަބްދުﷲ ދީދީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަތުރުފަތުރަކީ އިސްލާމްދީނުގައި އެކަމަށް ހާއްސަ އަހައްމިއްޔަތެއް ދެވިފައިވާ ކަމަކަށް ވާތީ، ދަތުރުވެރިންނަށް ހާއްސަ ‘ރުހްސާ’ ތަކެއް އިސްލާމީ ޝަރީއަތުގައި ވަނީ ޝަރްއު ކުރެވިފައި ކަމަށެވެ.
މިގޮތުން ނަމާދު ގަސްރު ކުރުމާއި ޖަމްއު ކުރުމާއި، ފަހުން ގަޟާކުރާ ގޮތަށް ރޯދަ ދޫކޮށްލުމަކީ ދަތުރުވެރިންނަށް ހުއްދަވެގެންވާ ކަމެއްކަން ވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"ފިގްހުލް ވާގިއު ނުވަތަ ކޮންޓެކްސްޗުއަލް ޖުރިސްޕުރުޑެންސް ފަހްމްނުވާ މީހުން މިބާވަތުގެ ތާކުންތާކު ނުޖެހޭ ވާހަކަތައް ދީނުގެ ނަމުގައި ދެއްކުމުން މުޖުތަމަޢަށް ކުރާނެ ފައިދާއެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
އޭގެއިތުރުން ހުކުރު ދުވަހުގެ ހުކުރު ގަޑީގައި ޝެޑިއުލް ކުރެވިފައިވާ، ވައިގެ ދަތުރުތަކުގެ ސަބަބުން ހުކުރުގަޑީގެ ހުރުމަތް ކެނޑެންޖެހޭ އެއްވެސް ޝަރްއީ ސަބަބެއް ނޯންނާނެ ކަމަށް ވެސް ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.
ފިގްހުލް ވާގިއުއަކީ ޒަމާނާއި، ހާލަތާއި، ތަނާއި، އެ ތަނެއްގެ ސަގާފަތާއި މީސްތަކުން އާދަތަކަށް ބަލައި އިސްލާމީ އުސޫލުތަކާއި ހިލާފު ނުވާ ގޮތުގެ މަތީން ކަންކަން ތަންފީޒު ކުރުމެވެ.
މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވާ ގޮތުގައި މީގެ ކުރިން އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެސް އަދި މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އުސޫލު އޮތީ ހުކުރު ވަގުތު މަތިންދާބޯޓު ނުޖައްސާ ގޮތަށް ކަމަށެވެ.
ނަމަވެސް މައުމޫނުގެ ވެރިކަމުގައި ވެސް ހުކުރު ދުވަހުގެ ހުކުރު ވަގުތު ރާއްޖެއަށް މަތިންދާބޯޓު ޖައްސަ އެވެ. އަދި ހުކުރު ވަގުތު ބޯޓު ނުޖެއްސޭ ގޮތަށް އެއްވެސް އިރަކު އުސޫލެއް ހަދާފައި އޮތް ކަމެއް ނޭނގެ އެވެ.
ދީނުގެ ނަމުގައި މެންބަރު އިބްރާހިމް ދެއްކެވީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ ދީނުގެ ނަމުގައި މެންބަރު އިބްރާހިމް ދެއްކެވީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ