ލޯބިވެވުމުން... 65
"ނަފީ!... ތިކަން ދެން ދޫކޮށްލަބަލަ!... ކޮންމެ ކަމެއް މައްސަލައަކަށް ހަދަންވެއްޖެއްޔާ ކިހިނެއް އުޅޭނީ؟" ނިމާލު މަސައްކަތްކުރީ ނަފީސާއަށް ވިސްނައިދޭށެވެ. "އަހަރެން ބޭނުން ޔަލްވީއަށް މިވާހަކަ ދައްކަން" ނަފީސާ ފަހުގެ ނިންމުން އިއްވިއެވެ. "ތިކަމުން ނުކުންނާނެ ނަތީޖާ އެހާ ރަނގަޅެއް ނުވާނެ!..." ނިމާލު އިންޒާރު ދިނެވެ. ******** "އެވާހަކަ ނުބުނައްޗޭ!" އަފްސަމް ފޯނު ނެގިތަން ފެނުމުން ލިމްޔާ އެނދުގައި އޮވެފައި، ފުންމައިގެން ތެދުވިއެވެ. "ކޮން ވާހަކައެއް؟" އަފްސަމް ނޭނގޭކަމަށް ހެދުނެވެ. "މާގިނައިން ހޮޑުލެވުނު ވާހަކަ" ލިމްޔާގެ އަޑު ކުރިއަށްވުރެ މަޑުވިއެވެ. އޭގެ ކުރިން ލިމްޔާއަކީ ކަނޑު ދަތުރުތައް ކުރިއިރު ހޮޑުލީ މީހެއް ނޫނެވެ. އަމީރާއަށް އެކަން އެނގިއްޖެނަމަ، ވިސްނާނީ ކިހިނެއްކަން އެނގޭތީ، ލިމްޔާ ބޭނުންވީ އެކަން ސިއްރުކުރާށެވެ. "މަންމަ ބުނި ލިމްއަށް ކޮންމެ ކަމެއްވިޔަސް މަންމަ ކައިރީ ބުނައްޗޭ!... އެވާހަކަ ނުބުނެފިއްޔާ، އަހަރެން ކުށްވެރިވެދާނެ.. އުހުނ، ކުށްވެރިވާނެ..." އަފްސަމް ބޯ ހޫރައިލިއެވެ. "އެކަމަކު، ގަބޫލުކުރެވޭ ކަހަލަ ރީޒަންއެއް ބުނެފިއްޔާ ފަހަރެއްގަ އަހަރެންގެ ހިޔާލު ބަދަލުވެސް ވެދާނެ.." "މަންމަ ދިމާކުރާނެއޭ" ލިމްޔާ އަފްސަމްގެ އަތުން ފޯނު އަތުލަން އުޅުނެވެ. "ކީއްވެ މަންމަ ދިމާކުރަންވީ؟ އެއީ ދިމާކުރާ ކަހަލަ ކަމެއް ނޫނެއްނު.." އަފްސަމަށް ލިބުނީ ހައިރާންކަމެވެ. އޭނާ ލިމްޔާގެ އަތުގައި ނުޖައްސަން ފޯނު މައްޗަށް ނެގިއެވެ. "ދެން އެވާހަކަ ނުބުނައްޗޭ! އެހެންނޫނީ މަންމަ ހީކުރާނީ ލިމް ޕްރެގް...." ލިމްޔާ ކުޑަކޮށް ތެދުވެފައި ފޯނު އަތުލަން އުޅުނެވެ. ބުނެވެން އުޅުނު އެއްޗެއް ރޭކައިލުމުން ލިމްޔާ އަވަހަށް ވާހަކަ ހުއްޓައިލިއެވެ. ލިމްޔާއަށް ހަދައިލެވުނު ގޮތަކުން، އަފްސަމްއަށް އޭނާގެ ހަށިގަނޑު ސީދާ ނުކުރެވި، ލިމްޔާއާއިއެކު އެނދުމައްޗަށް ވެއްޓުނެވެ. ދެމީހުންގެ ނަޒަރު އެކަކު އަނެކަކަށް ހުއްޓިފައިވާއިރު، ކުރަން އުޅުނު ކަންތަކުގެ މަތީން އެކަކުވެސް ހަނދާނެއް ނެތެވެ. ލިމްޔާ ތެދުވަން އުޅުމުން، އަފްސަމް ލިމްޔާގެ އުނަގަނޑުގައި ހިފަހައްޓައި އިތުރަށް ގާތްކޮށްލިއެވެ. "ޕްރެގްވުން އެއީ ލަދުގަންނަންޖެހޭ ކަމެއްތަ؟ އަހަރެމެން މިއުޅެނީ މެރީކޮށްގެންނެއްނު.." ލިމްޔާ ލަދުން އުޅެންފެށުމުން، އަފްސަމް އޮތީ ލާނެތްގޮތަކަށް ހިނިތުންވެލައިގެންނެވެ. "އަހަރެން ވަރަށް ބޭނުން ބޭބީއެއް... އަހަންނަށް އެނގޭ ލިމްވެސް ބޭނުންވާކަން... ކިހިނެއްވާނެ ޓްރައި......" އަފްސަމްގެ ޖުމްލަ ފުރިހަމަނުކުރެވެނީސް ލިމްޔާ ލަދުން އަފްސަމްގެ އަނގަމަތީގައި އަތް އެޅިއެވެ. ކައިވެނިކުރިއިރު، އަފްސަމްދެކެ ލޯބިނުވެވުނަސް، މިއަދު ލިމްޔާގެ ހިތް ވަނީ އަފްސަމަށް ހިބައިން ދެވިފައެވެ. ލިމްޔާ އަފްސަމަށް އިތުބާރު ކުރެއެވެ. ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ދަރިއަކުވެސް ބޭނުންވެއެވެ. އެހެނަސް، ލަދުވެތިކަން އެއްފަރާތްކޮށް، އިސްވެ އަފްސަމާއި އެވާހަކަ ދައްކަން އޭނާއަށް ނުކެރެނީއެވެ. ******** "ކިހިނެއްވެފަ ތިއޮތީ؟..." ޔަލްވީ ފާހާނާއިން ނުކުތްއިރު، ރަޔާން ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އޮތްތަން ފެނުމުން، ސުވާލުކުރިއެވެ. "ކަމެއްނުވޭ!" ރަޔާން ދޫކޮށްލީ ފުން ނޭވާއެކެވެ. "އަނެއްކާވެސް ހޮޑުލެވުނީތަ؟" "މާ ވަރުބަލީތަ؟ ނޫނީ ފޫހިވެފަތަ؟..." ރަޔާން ކުރި ސުވާލަށް ޖަވާބުދޭން ޔަލްވީ ބޭނުންނުވީ، ރަޔާން މައުޟޫޢު ބަދަލުކޮށްލަން މަސައްކަތްކުރާކަން އެނގުމުންނެވެ. "ފޫހިވިޔަސް، މާލޭގަ ނޯންނާނެއެއްނު ކުރާނެ ކަމެއް" ޔަލްވީ އައިސް ކައިރީގައި އޮށޯވެލުމުން ރަޔާން ބުނެލިއެވެ. "ހިނގާ ބޭރަށް ނުކުމެލަން..." ވަރުބަލިވެފައި ހުއްޓަސް، ޔަލްވީ ބޭނުންވީ ރަޔާން އުފާކޮށްދޭށެވެ. "މާލޭގަ ނުޖެހޭ އަރާމު ވައިކޮޅެއްވެސް... އެހެންވެއޭ މިހާ ވަރަށް ހޮޑުލެވެނީ... ބީޗަށް ގޮސްލާފަ އަންނާނީ ދޯ... ހިނގާބަ ލިމްމެންނަން ގުޅަމާ!... އެމީހުންވެސް ދާނެ ކަންނޭނގެ..." ޔަލްވީމެން ތައްޔާރުވެގެން ނުކުތްއިރު، ނަފީސާ އިނީ ސިޓިންގްރޫމުގައި ޓީވީ ބަލާށެވެ. ނަފީސާގެ ކަންތައް ހުންނާނެގޮތް ރަޔާނަށް މާކުރިންވެސް އެނގެއެވެ. "މަންމައަށް ފެނިއްޖެއްޔާ، ދިޔަކަ ނުދޭނެ" ޔަލްވީ މާޔޫސްވިއެވެ. "މިހާ ލަސްވީމަ، ކޮންތާކަށް ތިދަނީ؟" ޔަލްވީ ބޭރު ދޮރު ހުޅުވައިލި އަޑަށް ނަފީސާ ތެދުވިއެވެ. "އަދި ލަހެއް ނުވެއެއްނު މަންމާ! ދިހައެއްނު އެޖެހީ... އަންނާނަން ވަރަށް އަވަހަށް ދޯ" ޔަލްވީ ރަޔާނަށް ބަލައިލާފައި ހިނިތުންވެލިއެވެ. "ދަރިފުޅު ތިހާލުގަ ހުރެގެން މިގަޑީ ބޭރަށް ދާނެކަމެއް ނެތް... ދެރަކަމެއް ވެދާނެ" ނަފީސާ ގޮތެއް ދުލެއް ނުކުރިއެވެ. "މަންމާ އަންނާނަމޭ އެއްޗެއް ގަނެގެން..." ނަފީސާގެ ކައިރިން ސަލާމަތް ނުވާނެކަން އެނގޭއިރުވެސް ޔަލްވީ މަސައްކަތް ކުރީ ބޭރަށް ދާށެވެ. "ކޯއްޗެއް ގަންނަން؟ ތާސާ!... އައިސްބަލަ" ނަފީސާ ވަގުތުން ތާސާއަށް ގޮވިއެވެ. "ގަންނަންޖެހޭ އެއްޗެހި ތާސާ ކައިރީގަ ބުނީމަ ގެނެސްދޭނެ... ދަރިފުޅު ނުދިޔަސް ރަޔާނަށްވެސް ތި އެއްޗެއް ގަނެގެން އާދެވިދާނެދޯ ހަމަ... ރަޔާނަށް ނުދެވެންޏާ، ގޭގަ ތިބޭނެ ތިކަންކަން ކުރަން މުސާރަ ދީފަ މީހުން ގެނެއްސަ..." ނަފީސާ އެހާ ފާޅުކަން ބޮޑުގޮތެއްގައި ރަޔާނާއި ދިމާއަށް އެހެން ބުނުމުން، ޔަލްވީގެ ހިތަށް ތަދުވިއެވެ. ރަޔާން ދެރަވާނެވަރު ޔަލްވީއަށް އެނގެއެވެ. އިތުރަށް ރަޔާން ދެރަވާނެ ކަހަލަ ކަމެއް ވެދާނެތީ، ޔަލްވީ ނިންމީ އެނބުރި ކޮޓަރިއަށް ވަންނާށެވެ. ފިރިމީހާގެ ދިފާއުގައި އެއްޗެއް ނުބުނުން އެއީ ޔަލްވީއަށް ހެދުނު ގޯހެކެވެ. ނަފީސާއަށް ދެވުނު ފުރުސަތެއްވެސް މެއެވެ. ކޮޓަރިއަށް ވަންއިރު، ރަޔާންގެ ތަބީއަތު ކުރިއަށްވުރެ ގޯހެވެ. ނަފީސާގެ ވާހަކަ ހުންނަ ގޮތުންނާއި ބުނެލާ ބަސްތައް ވިހަ ތީރެކޭ އެއްގޮތެވެ. ނަފީސާގެ ހިތް ރަނގަޅު ނޫންކަން ރަޔާންއަށް އެނގެއެވެ. "ސޮރީ" ޔަލްވީ ރަޔާންގެ ގައިގައި ބައްދައިލިއެވެ. "ހިނގާ މޫވީއެއް ބަލަން" ގޭތެރޭގައި ތަކުރާރުކޮށް އެއްކަމެއް ހިނގަން ފެށުމުން، ރަޔާނަށް މާގިނަ ދުވަހު ކެތް ކުރެވޭގޮތެއް ނުވިއެވެ. ހިތުގައި ގިނަވެފައިވާ ޝަކުވާތައް ދުލާއި ހަމައަށް އަންނަން ފެށިއެވެ. ރަޔާނަކީ މިނިވަންކޮށް އުޅެން ބޭނުންވާ މީހެކެވެ. އެހެނަސް، ނަފީސާ ރުހޭގޮތަށް ރަޔާނަށް އެއް ކަމެއްވެސް ނުކުރެވެއެވެ. ޔަލްވީއާއި ލިބެންއުޅޭ ދަރިފުޅުގެ ކަންތައްތަކުގައި ގޮތްކިޔެނީ ނަފީސާއަށް އެކަންޏެވެ. ނަފީސާ ބުނާގޮތް ނޫންގޮތެއް ހަދައިފިނަމަ، މައްސަލަ ގޯސްވެއެވެ. ނަފީސާގެ ކަމެއްގައި ރަޔާން ޔަލްވީގެ ކައިރީގައި ޝަކުވާއެއް ކުރިނަމަވެސް، ޔަލްވީ އެދެނީ ނަފީސާ ބޭނުންވާގޮތަށް ކަންތައް ކޮށްދިނުމަށެވެ. މަންމަގެ ކުރިމަތީގައި އަމިއްލަ ފިރިމީހާގެ ކުށެއް ފެންނަން ޔަލްވީ ބޭނުމެއް ނުވެއެވެ. އެއީ ރަޔާނާއިމެދު ވިސްނާފައި، ކަންތައް ކުރަން ޔަލްވީއަށް ފެންނަ އެންމެ ރަނގަޅު ގޮތެވެ. ރަޔާނަށް އެކަންކަން ބަރުދާސްތުކުރަން އުނދަގޫވާން ފެށިއެވެ. ނަފީސާއަކީ މަޔަކަށްވީތީ، ފުރަތަމަކޮޅު ހިތްވަރު ކުރެވުނަސް، ފަހުންފަހުން ރަޔާނަށް ހިތްވަރެއް ނުކުރެވެއެވެ. ގެއިން ބޭރުގައި ހޭދަކުރާ ވަގުތު ގިނަކުރަން ރަޔާނަށް މަޖުބޫރުވީ ގޯހެއް ހިނގާފާނެހެން ހީވާން ފެށުމުންނެވެ. އަމިއްލަ ދިރިއުޅުމަށް ގޮތްކިޔައި، ކަމެއް ކުރުމުގައި ރަޔާންގެ އެއްވެސް ބާރެއް ނެތުމުން، ކަންތައް ވާނީވެސް އެހެންނެވެ. ރަޔާނާއި ޔަލްވީގެ ގުޅުން ހީނަރުވާން ފެށިއެވެ. ދެމީހުންގެ ދެމެދަށް ދުރުކަމެއް އައެވެ. އެކަން ނިމާލަށް ފާހަގަ ނުވެއެއް ނުދިޔައެވެ. އެހެނަސް، ގޭތެރެއިން ރަޔާނާއި ބައްދަލުނުވާތީ، އެކަން ހައްލުކުރަން ވާހަކަ ދައްކާނެ ފުރުސަތެއް ނިމާލަކަށް ނުލިބުނެވެ. "މިރޭވެސް ރަޔާން ކާން ނާންނަނީދޯ؟" ކާމޭޒު ކައިރީގައި އިށީންގޮތަށް ނަފީސާ ފެށީ ރަޔާންގެ ވާހަކައެވެ. "އަފްސަމް ގުޅައިގެން ވަރަށް މުހިއްމު ކަމަކު ގޮއްސަ ވީ.." ޔަލްވީ ހެދީ ދޮގެވެ. "މަންމައަށް އެނގެޔޭ ރަޔާން ދާ ތަނެއް ދަރިފުޅަށްވެސް ނޭނގޭކަން..." ނަފީސާ ބުނެލިއެވެ. "ކޮންމެ ރެޔަކު އެއް ވާހަކައެއް ދެއްކުން ހުއްޓާލަންވެއްޖެއެއްނު..." ނަފީސާގެ ކަންތައްތައް ހުންނަގޮތުން ނިމާލު އިނީ ބޮލަށް އުނދަގޫވެފައެވެ. "ގޭގަ ތިބި ބަޔަކު ޝަކުވާނުކޮށް ކައިގެން ފޭބީމަ ހުންނާނީ ރަނގަޅަށް..." ރަޔާން ގެއަށް ދިޔައީ އެންމެން ނިދާހާއިރު ކޮށްފައެވެ. ކޮޓަރި ދޮރު ހުޅުވާލުމާއިއެކީ، ޔަލްވީ ތެދުވިއެވެ. ގަޑިއަށް ބަލައިލިއެވެ. ވަރުބަލިވެފައިވާ ޔަލްވީގެ ދެލޯ ފެނި ރަޔާނަށް ހިންދިރުވައިލެވުނެވެ. ހިތަށް އުނދަގޫ ގޮތެއް ވިއެވެ. ރަޔާންގެ ނަޒަރު ޔަލްވީގެ ބަނޑަށް ހުއްޓިފައި އިރުކޮޅަކު ހުއްޓެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލައެއްގެ ސަބަބުން އެ ދަރިފުޅަށް ދެރަގޮތެއް ވާކަށް ރަޔާން ކުޑަކޮށްވެސް ނޭދެއެވެ. ރަޔާން އުޅުނީ ކޮޓަރިން ނުކުންނާށެވެ. ޔަލްވީ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ރަޔާންގެ ގައިގައި ފުރަގަހުން ބައްދަލިއެވެ. "އަނެއްކާ ދަނީތަ؟" ވަރުބަލި އަޑަކުން ޔަލްވީ ސުވާލުކުރިއެވެ. "ހާދަ އިރަކު ނުނިދާ ކެތްކޮށްފީމޭ" ރަޔާން އިރުކޮޅަކު އެއްޗެއް ނުބުނެ ހިމޭނުން ހުއްޓެވެ. ޔަލްވީއާއި އެތައް ވާހަކައެއް ދައްކަން އޭނާ ބޭނުންވިއެވެ. ރަޔާން ޔަލްވީއާއި ދިމާއަށް އެނބުރުނީ އެވާހަކަތައް ފަށާނެގޮތެއް ވިސްނާފައެވެ. "ކީއްވެތަ ކާން ނާންނަނީ؟... ބޭރުގަ އުޅުނަސް، ކާގަޑީ އައިސްދެއްޗޭ! މަންމަ ހާދަ ޝަކުވާއެއް...." ޔަލްވީއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ. "ޔާލްގެ މަންމަ ބޭނުންވާ ގޮތް ނޫންގޮތަކަށް އަހަންނަކަށް މިގޭގަ އުޅެވޭކަށް ނެތްތަ؟" ރަޔާން މަޑުމަޑުން ޔަލްވީ ދުރުކޮށްލިއެވެ. ޔަލްވީ ދެލޯ ބޮޑުކޮށްލައިގެން ރަޔާނަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އޭގެ ކުރިން ރަޔާން ދުވަހަކުވެސް އެ ރާގުގައި ޔަލްވީއާއި ވާހަކަ ދައްކާފައެއް ނުވެއެވެ. ރަޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއީ ހުދު ރަޔާންވެސް ޔަލްވީއާއި ވާހަކަ ދައްކަން ބޭނުންވި ރާގެއް ނޫނެވެ. ރަޔާން ހަމަޖެހިލަން މަސައްކަތް ކުރިއެވެ. "ރެންއަށްވެސް އެނގެއެއްނު އެއީ މަންމަގެ ގޮތްކަން... އެއީ މަންމަ އަހަރެމެންދެކެ ލޯބިނުވާތީކީ ނޫނޭ.... މަންމަގެ ހުންނާނީ ފެންސީގޮތް... އަހަރެމެންނަށް މިގޭގަ ހެޕީކޮށް އުޅެވޭނީ މަންމަ ރުހޭގޮތަކަށް އުޅެގެންނެއްނު... މަންމަގެ ގޭގަ އުޅޭއިރު..." އެހެން ދުވަސްތަކެކޭ އެއްގޮތަށް ޔަލްވީ އެރީ ނަފީސާގެ ކޮޅަށެވެ. ރަޔާންގެ ހާލަތު އިހުސާސްވެގެން، އެންމެ ފަހަރަކު ނަމަވެސް، ރަޔާނާއި އެއްކޮޅަށް ޔަލްވީ ވާހަކަ ދައްކާނެކަމަށް ރަޔާނަށް އުއްމީދުކުރެވުނެވެ. އެހެނަސް، ކަންތައްވީ ކުރިންވެސް ވާގޮތަށެވެ. ރަޔާންގެ ގަދަރަށް އިހުތިރާމު ކުރާނެ މީހަކު ނެތެވެ. ރަޔާން އުއްމީދުކުރި މީހާގެ ފަރާތުންވެސް އެކަމެއް ނުފެނުނެވެ. "އަހަރެމެންނެއް ނޫން... ޔާލް އެކަނި ހެޕީވާނީ..." ރަޔާން ޔަލްވީގެ ވާހަކަ ހުއްޓުވިއެވެ. "ރެން ކީއްވެތަ ތިހެން ތި ވާހަކަ ދައްކަނީ؟" ޔަލްވީއަށް ޝަކުވާ ކުރެވުނެވެ. "ރެންވެސް ބޭނުން ވެގެނެއްނު މިކޮޅަށް އައީ..." "އެހެންވެއެއްނު މިބުނަނީ ރަށަށް ހިނގާށޭ... ޔާލްގެ ބަނޑުގަ ތިއޮތީ އަހަރެންގެ ދަރިއެއް.... މިދުވަސްކޮޅު ޔާލް ހެޕީކޮށް ގެންގުޅެން އަހަރެންވެސް ބޭނުންވެއޭ... ކަންކަން ކޮށްދޭންވެސް ބޭނުން... އެކަމަކު އަހަންނަށް މިތާކު އެއްވެސް ފުރުސަތެއް ނެތް... ދެއަތް އޮތަސް، އަހަރެންގެ ދެއަތް އޮންނަކަމެއް މިތާކު އިހުސާސެއް ނުވޭ!" "ރަށަށް ގޮސްގެން ކިހިނެއްތަ އުޅޭނީ؟" ޔަލްވީ ހުރީ ގޮތްހުސްވެފައެވެ. އެއްކޮޅުން ލޯތްބެވެ. އަނެއްކޮޅުން އަރާމު ދިރިއުޅުމެވެ. "އަހަރެން ޔާލް ބަލާނަމޭ... އަހަންނަށް ޔާލް ބެލޭނެއޭ..." ރަޔާން ޔަގީންކަން ދިނެވެ. "އެކަމަކު، އަހަރެމެން އައީ ވިހައިގެން ހަމަޖެހިގެން ރަށަށް ދާގޮތަކަށްނު..." ޔަލްވީއަށް ބުނެވުނެވެ. "ބޭނުންވި ގޮތަކަށް އެއްކަމެއްވެސް އެބަ ދޭތަ؟" ރަޔާން ހުރީ ހިތްހަމަނުޖެހިފައެވެ. "ޔާލް ވިސްނަބަލަ އަހަންނާ ދޭތެރޭވެސް... އަހަރެން އިންސަލްޓްވާއިރުވެސް ޔާލް އެއްވެސް އެއްޗެއް ހިތަކަށް ނާރާ" "އަހަންނަށް އެނގެއޭ މަންމަ ރަނގަޅަށް ނޫންކަން ކަންތައް ކުރަނީ... އެކަމަކު ރެން ވިސްނަބަލަ، މިތާ ހުރިހާ އެއްޗެއް އެބަ ލިބޭ... ބޭބީއަށް ބޭނުންވާ ހުރިހާ އެއްޗެއްވެސް މަންމަމެން އެހުރީ މިތަނުގަ ބަހައްޓަދީފަ... އަހަރެމެންނަށް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭ... ޑޮކްޓަރަށް ދައްކަންވެސް ދާކަށް ނުޖެހޭ.. ގެއަށް އެ އަންނަނީ.... ރަށަށް ގޮއްސަ ކިހިނެއް އެހެން އުޅެވޭނީ؟" ޔަލްވީ ހުރީ ރަޔާންގެ ރަށަށްދާން ބޭނުންނުވެފައެވެ. "އެންމެ ރަނގަޅު... ޔާލް ބޭނުން ނުވަންޏާ، ހުރޭ!... އަހަރެން ގޮސްދާނަން" ރަޔާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފޮށި ނެގިއެވެ. ޔަލްވީ އާދޭސް ކުރުމުންވެސް ރަޔާން ހުއްޓީ، ފޮށްޓަށް އޭނާގެ ހުރިހާ އަންނައުނެއް އަޅާފައެވެ. ރުޅި އައިސްގެން ގޮސް ޔަލްވީއަށް ހުރީ ރޮވިފައެވެ. ރަޔާން ފޮށި ހިފައިގެން ހިނގައިގަތުމުން، ޔަލްވީގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. "އަހަރެންވެސް ތިރަށުގަ ކެތްކުރީ ރެންއާ އެކީ އުޅެން ބޭނުންވާތީ... ކުރަން ބޭނުންނުވާ ކިތަންމެ ކަމެއް ކޮށްގެން ތިރަށުގަ އުޅުނީ... އަހަރެން ބޭނުމެއް ނޫނޭ އެދިރިއުޅުމެއް... އުފަލެއްވެސް ނުވެއޭ!... ފަސޭހައެއްވެސް ނޫނޭ!... މިއުފަލާ އަރާމު ދިރިއުޅުން ދޫކޮށްފަ، ތިރަށަށް ދާނީ މޮޔައެއް..." ރުޅި އައިސްގެން ޔަލްވީއަށް ކިޔުނީ އޭނާގެ ހިތުގައި ހުރި އެއްޗެއްސެއް ނޫނެވެ. ރަޔާންގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާ ފަސްއެނބުރި ބަލައިލީ އެއީ ޔަލްވީ ބުނި އެއްޗެއްކަން ޔަގީންނުވެގެން ބަލައިލާ ކަހަލަ ގޮތަކަށެވެ. ޔަލްވީއަށް ބުނެވުނު އެއްޗެއް ރޭކައިލިއިރު، ވަގުތު ފާއިތުވެއްޖެއެވެ. އެ ޖުމުލަތައް ހަމަޖައްސަން ބުނާނެ އިތުރު އެއްޗެއް ދުލަކަށް ނައެވެ. ހިތުގެ އެއްކޮޅަކުން ވިސްނައިދިނީ، ރަޔާން ރުޅިއަރުވައިލުމަށެވެ. ދަށްކޮށްލުމަށެވެ. އެކަމަކު، އެކަންވުމުން، ޔަލްވީގެ ހިތަށް ތަދުވިއެވެ. ރަޔާން ދަށްކޮށްލުމަކީ ޔަލްވީ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އޮޅުމަކުންވިޔަސް، އެކަން ވެއްޖެއެވެ. މާފަށް އެދެން ޔަލްވީ އަނގަ ހުޅުވައިލިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ