ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓްކަން ކިޔަވާ ދިވެހި ދަރިވަރުންނަށް ވިސާ އާއި މާލީ ބައެއް ކަންކަމުގައި ހުރި ދަތިތައް ފާހަގަކޮށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދެއްވާތީ، އެ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ސްޓޫޑެންޓް ލޯނުގައި 50 ވަރަކަށް ދަރިވަރުން ބާސެލޯނާގައި ޕައިލެޓްކަން ކިޔަވަ އެވެ. އެ ދަރިވަރުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ހިމަނައި، މިނިސްޓަރަށް ސިޓީއެއް ފޮނުވީ މިދިޔަ މަހު 22ގަ އެވެ.
ތަފްސީލު - ދަރިވަރުންގެ ފަރާތުން 'ދައުރު'އާ ވާހަކަ ދެއްކި އަހްސަން ނާޒިމް ބުނީ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދިޔުމުގެ ސަބަބުން މިހާރު ބައެއް ދަރިވަރުން ކިޔެވުން ހުއްޓާލައި، އެނބުރި ރާއްޖެ ދާން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
"މިކަންކަމަށް ހައްލެއް ނާންނަ ނަމަ، ދެން އިތުރު ޗޮއިސްއެއް ނޯންނާނެ ކިޔެވުން ހުއްޓާލައި ރާއްޖެއަށް އަނބުރާ ދިއުން ނޫން. އަޅުގަނޑުމެން އެދެނީ މިކަންކަމަށް ވީހާވެސް އަވަސް ހައްލެއް ލިބިގެން ދިޔުން،" އަހްސަން ބުންޏެވެ.
ސްޕެއިންގެ އެމްބަސީއެއް ރާއްޖޭގައި ނެތުމުން ވިސާ ޖަހަން ދާން ޖެހެނީ އިންޑިއާއަށް
ކޯހަށް ވިސާ ލިބެން ޖެހޭ މުއްދަތަކީ 18 މަސް. ނަމަވެސް ބައެއް ދަރިވަރުންނަށް އިންޑިއާއިން ވިސާ ލިބެނީ 16 މަސްދުވަހަށް
ވިސާގެ މުއްދަތު ތަފާތުވަނީ ދިއްލީން ލިޔުންތައް ފުރިހަމަކުރުމުގައި ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން
އިންޝުއަރެންސް އާއި ވިސާ ފީގެ ގޮތުގައި ލޯނުގެ ދަށުން އެއްވެސް މާލީ އެހީތެރިކަމެއް ނުލިބޭ
މުއްދަތު މަދުން ވިސާ ލިބުނު ކޮންމެ ދަރިވަރަކަށް އަލުން މުއްދަތު ޖަހަން 2،000 އެއްހާ ޑޮލަރު ހަރަދުކުރަން ޖެހުން
މިނިސްޓްރީން ދަރިވަރުންނަށް ސްޓައިޕެންޑުގެ ގޮތުގައި މިހާރު ދޭ 1،420 ޑޮލަރު (21،896ރ.)އަކީ، އެކަށީގެންވާ އަދަދެއް ނޫން
"އަޅުގަނޑުމެންގެ ކިޔެވުން މެދުކެނޑިގެން ނުދާނޭ ފަދަ މަގެއް ތަނަވަސް ކޮށްދިނުމުގެ ގޮތުން ޓޮޕްއަޕް ލޯނެއް ފޯރުކޮށްދެއްވުމުގެ އިންތިޒާމެއް ނަމަވެސް ހަމަޖައްސައިދެއްވުމަކީ، އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ،" ސިޓީގައި ދަރިވަރުން ބުންޏެވެ.
މި ސިޓީއާ ގުޅިގެން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
އަހްސަން ބުނި ގޮތުގައި މި ދަރިވަރުންގެ އިތުރުން ސަރުކާރުގެ ސްކޮލާޝިޕްގައި ޕައިލެޓްކަން ކިޔަވާ ބައެއް ދަރިވަރުންގެ ކޯހުގެ ފައިސާ ނުލިބޭކަން ޕައިލެޓްކަން ކިޔަވާ ސްކޫލުން ވަނީ ދަރިވަރުންނަށް އަންގައިފަ އެވެ.
ސްޕެއިންގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ދަތިތަކާ ގުޅޭ ސިޓީއެއް ސަރުކާރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ