ދުނިޔެ ކާމިޔާބުކުރެވެން އޮތީވެސް އަދި އާޚިރަތް ކާމިޔާބުކުރެވެން އޮތީވެސް އެމީހެއްގެ ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވިގެންކަން އެއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވެން އޮތީ ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވެދީގެންކަން އެއީ ޤަބޫލުކުރަންޖެހޭނެ ކަމެކެވެ.
ތަފާތު މީހުން ތަފާތު ގޮތްގޮތަށް ވާހަކަތައް ދައްކާނެއެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ތަފާތު މައްސަލަތަކުގެ ވާހަކަ ދައްކާނެއެވެ. ނަމަވެސް މުޖުތަމަޢުގައި މިއަދު އޮތް އެންމެ ބޮޑު މައްސަލައަކީ އަވަސް އަވަހަށް ކައިވެނިތައް ރޫޅިގެންދިއުން ނޫންކަމަކަށް ނުހެދޭނެއެވެ. ވީމާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހިފައި މިވަނީ އެކަމުން ސަލާމަތްވެވޭނެ މަގެއް ހޯދުން ނޫންހެއްޔެވެ؟
މީސްތަކުންނަށް މާފުކުރުމާއިމެދު އެކި މީހުން ދެކޭގޮތް ތަފާތެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވޭގޮތުގައި މާފުކުރުމާއި ނުކުރުމުގެ ބާރު އެމީހަކަށް ލިބިގެންވެއެވެ. އަދި އެމީހަކު ބޭނުންނަމަ އެކަން އާޚިރަތް ދުވަހަށް މަޑުޖައްސައިވެސްލެވިދާނެއެވެ.
މިއީ އެއްވެސް ޙާލެއްގައި އެކަން އޮތްގޮތެއް ނޫނެވެ. މާފަށް އެދިއްޖެނަމަ މާފުނުކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. ކޮށްފައިވަނީ ކޮންބާވަތެއްގެ، ކިހައި ބޮޑު ކުށެއްކަންވެސް ބެލުމެއްނެތިއެވެ. މާނައަކީ ކުށުގެ ކުޑަ ބޮޑު މިނަށް ބެލުމެއް ނެތިއެވެ. އެހެނީ މީސްތަކުންނަށް މާފުކުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އަދި އެއިގެ އިތުރުން މާފުކުރާ މީހާއަށްވެސް ލޯބިވެވޮޑިގެންވެއެވެ.
މިއީ އިސްލާމް ދީނެވެ. މިދީނުގައި އަމަލުކުރަންހުރި ކަންކަމަށް އަމަލުނުކުރަން ދެއްކޭނެ އެއްވެސް ބަހަނާއެއްނެތެވެ. ވީމާ މީހަކު ކުށެއް ކުރުމުން މާފުކޮށްފައި ބޮޑުކުށެއް ކުރުމުން މާފުނުކުރުމަކީ އެއްވެސް ގޮތަކުން އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. ރަނގަޅަށް އަޑުއަހާށެވެ! ތަކުރާރުކޮށް މިބުނަނީއެވެ. ތިބާގެ މުސްލިމް އަޚާ މާފަށް އެދުމުން މާފުނުކޮށް ހުރެވޭނެ އެއްވެސް ކުށެއް ނެތެވެ.
ރަނގަޅަށް އަޑުއަހާށެވެ! އެއްވެސް މީހަކަށް މާފުކުރުމާއި ނުކުރުމަކީ ތިމަންމެން ދެމީހުންގެ މެދުގައިޮ އޮތް މައްސަލައެއް ކަމަށް ބުނެ ނިންމައެއް ނުލެވޭނެއެވެ. އެހެނީ އެ މައްސަލައަކީ މާފުދޭންޖެހޭ މީހާ އާއި ﷲ ތަޢާލާ އާއިދެމެދުގައިވާ މައްސަލައެކެވެ. އެހެންވެސް އެހެން ފަރާތަކާއި ތިމާ އާއި ދެމެދުގައި އޮތް މައްސަލައެއް ނޫނެވެ.
ރަސޫލް ﷺ މީސްތަކުންނަށް މާފުކުރަން ޙަދީޘްކުރެއްވެވިއިރު ޙަދީޘްކުރެއްވެވި ބަސްފުޅަށް ވިސްނާށެވެ! މާފުކުރަންވީ އެސަބަބަށްޓަކައެވެ. "ތިއަބައިމީހުން އެކަކު އަނެކަކަށް މާފުކުރާށެވެ! ސުވަރުގޭގައިވާ ފަރާތުގެ ރަޙްމަތަށް އެދިއެވެ."
މާފުނުކުރުމަކީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެކެވެ. މާފުކުރުމަކީ ސުންނަތުގައި ކުރަން އޮތްކަމެކެވެ. އިސްލާމް ދީނުގައި އެކަމެއް ކުރަން އަންގަވާފައިވާ ކަމެކެވެ. ވީއިރު އެއީ މިވެނި މީހަކާއި ގުޅުންހުރި ކަމެއްކަމަށް ނިންމާނީ ކިހިނަކުންހެއްޔެވެ؟ އެއީ ކުރެވިގެންވާނެ ކަމެއް ހެއްޔެވެ؟
ދެމަފިރިންނޭވެ! އެކުގައި އެތައް އަހަރެއްވަންދެން ދިރިއުޅުމަށްފަހު ފޯނުން މެސެޖެއް ފެނުމުން އެއީ މާފުނުކުރެވޭވަރުގެ ކަމެއްކަމަށް ނިންމައި ކައިވެނި ރޫޅާލާ ހިސާބަށް ކަންކަން ތިއަ ގެންދަނީ ކީއްވެގެން ހެއްޔެވެ؟ އެކުށަށް މާފަށް އެދުމުން އެއީ މާފުނުކުރެވޭވަރުގެ ކުށެއްކަމަށް ތިއަ ނިންމަނީ ކޮން ދީނެއްގައި އެކަން އެގޮތަށް ކުރަން އޮވެގެން ހެއްޔެވެ؟ ހަމަޔަޤީނުންވެސް އިސްލާމް ދީނުގައި އަމަލުކުރަން އޮތީ އެގޮތަކަށް ނޫނެވެ.
ދިރިއުޅުމުގެ ކޮންމެ މަރުޙަލާއެއްގައި ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ސުންނަތަށް އަމަލުކުރާށެވެ! ދީނުގައި އޮތްގޮތަށް ޢަމަލުކރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ލިބޭނެ އުފާވެރިކަން މާބޮޑުވާނެއެވެ.
--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން
ދެމަފިރިން ވަކިވުމުގެ ވާހަކަ އެއްގޮތަކަށްވެސް ދައްކަން ނުޖެހި، ކުރިމަތިވާ ހުރިހާ ކަމެއް ޙައްލުކޮށްލައިގެން އުޅެން ބޭނުން ހެއްޔެވެ؟ ނިކަން މިމަގު ޚިޔާރުކޮށްބަލަ!: ޝައިޚް ހޮބްލޮސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ