ނުފޫޒުން އެއްކިބާކުރަން ބުނި ޖުޑީޝަރީއަށް ސީދާ އަތް ބާނަނީ ނުފޫޒުން އެއްކިބާކުރަން ބުނި ޖުޑީޝަރީއަށް ސީދާ އަތް ބާނަނީ

ދިވެހި ދައުލަތް ބެހިގެން ވަނީ، މިނިވަން ކަންމަތީ ހިނގަހިނގާ އޮންނަންޖެހޭ ތިން ބާރެއްގެ މައްޗަށެވެ. ވެރިކަން ހިންގުމުގެ ބާރު ސަރުކާރަށް, ގާނޫނު ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ކޯޓުތަކަށެވެ.
ގާނޫނުއަސާސީގައި ތަރުތީބުވެގެން އަންނަ ތިން މާއްދާއަކުން ބާރު ލިބި، މިނިވަން ވެފައިވާ މި ތިން ބާރު އެއްވުމަކީ ގާނޫނުއަސާސީގެ ބާރު ކެނޑުމެވެ. ވެރިކަމުގެ ސިފަ ގެއްލުމެވެ. ނަމަވެސް ކަޅާ ހުދުން ލިޔެފައިވާ މި އިބާރާތްތަކުގެ ހަގީގާ މާނައިގައި ތަންފީޒުވެގެން އަންނަ މަންޒަރު ނުފެނެ އެވެ.
އަދުގެ ރައީސް، ދައުލަތް ހިންގުމާ ހަވާލުވެވަޑައިގެންނެވި ދުވަހު ވަރަށް ބޮޑު ވައުދެއް ވެވަޑައިގެންނެވި އެވެ. އޮޅުވާލުމާއި އޮޅުމުގެ ތުހުމަތަށް ފުރުސަތު ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަ ބަހުންބަހަށް ތިރީގައި ނަކަލުކޮށްލާނަމެވެ.
"އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން. ވަކިން ހާއްސަކޮށް، ޢަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން,"
"މީގެ މާނައަކީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ," އަޑުހަރުކޮށް، ނޮވެމްބަރު 17، 2023 ގައި, ރައީސްގެ ހުވާމަތީގައި ހުންނަވާ ރައީސް ވިދާޅުވި އެވެ.
އެހެން ވިދާޅުވިތާ މިއަދަށް 465 ދުވަސް ވީ އެވެ. ރައީސްގެ ހަނދާނުން މި ބަސްތައް ކައްސާލީ ކަމެއް ނޭނގެ އެވެ. މިނިވަންކަން ކަށަވަރުކުރައްވާނެ ކަމަށް ވައުދުވެޑައިގެންނެވި, ޝަރުއީ ނިޒާމުގެ ކުންނުގައި އޮތް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް، ބެންޗު ކުޑަކުރުމުގެ މަސައްކަތް މިއޮތީ ފަށާފަ އެވެ.
އޮގަސްޓު 2023 ގައި ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނު ފެށްޓެވީއްސުރެ މިއަދާ ހަމައަށްވެސް އެމަނިކުފާނު ގެންދަވަނީ ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވަމުންނެވެ. ޖުޑީޝަރީގެ ބާރަށް އެމަނިކުފާނާއި ރައީސް އޮފީހުން "އަތް ނުބާނާނެ" ކަމަށެވެ.
މި ވާހަކަތައް ރިޔާސީ ކެމްޕޭނާއި ވެރިކަމުގެ އެކި ދުވަސްވަރު އެކި ބަސްމަގު ބޭނުންކުރައްވައިގެން ރައީސް ތަކުރާރުކުރައްވާފައިވެ އެވެ. ބަހުން ބަހަށް ގެނެސްދޭނަމެވެ.
ނަމަވެސް، ސަރުކާރުން ހުށަހެޅި ބިލު އޮތީ ދިމާ އިދިކީލައަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރާއިރު، ވަކިކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމުގެ ބާރު އޮތީ ޖޭއެސްސީ އަދި މަޖިލީހަށެވެ.
މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 75 މެންބަރުން ނިސްބަތްވަނީ ޕީއެންސީއަށެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެ މަގާމު ދެއްވަން، ފާޅުގައި ނިންމެވީ ރައީސް މުއިއްޒު އެވެ. އެ ބާރު އޮތީ އެމަނިކުފާނުގެ މުށު ތެރޭގަ އެވެ.
ޖޭއެސްސީއަށް ބަލައިލާނަމަ އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު އެ ކޮމިޝަނުން ވަކިކުރަން ރައީސް ނިންމެވީ އިއްޔެ އެވެ. ބަދަލުގައި އައްޔަންކުރެއްވި ޔަޒްމީދު މުހައްމަދު އަކީ އެކައުންޓަންޓެކެވެ. ގާނޫނީ ދާއިރާގެ ތައުލީމެއް ތަޖުރިބާއެއް ނެތަސް، ރައީސްގެ އިތުބާރު އޮތް ބޭފުޅެކެވެ. ސީދާ ނުފޫޒު ފޯރުވޭނެ ގޮނޑިކޮއްކޮއެކެވެ.
މި ބިލުގެ ނުރައްކާތެރިކަން އިތުރުވަނީ މި ވަގުތު ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައިގެ ހައްސާސް ކަމެވެ.
ގާނޫނުއަސާސީ ބަދަލުކޮށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ލިބިދިން މާއްދާ ބާތިލްކުރަން ހުށަހެޅި މި މައްސަލަ ކޯޓުގެ ބެންޗުން ބަލައިގަތީ ސަރުކާރުގެ އެދުމާ ދެކޮޅަށެވެ. ސަރުކާރުގެ ފަރާތުން ކޯޓުގައި ވަކާލާތުކުރި ދައުލަތުގެ ވަކީލުން ނެގި ދިފާއަކީ, މި މައްސަލަ ބެލުމުގެ ބާރު އެ ކޯޓަށް ނުލިބޭ ކަމަށެވެ.
ކޯޓުތަކުގެ ގާނޫނު ބަދަލުކޮށް ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ސަރުކާރުން ހުށަހެޅީ، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ވެއްދި މައްސަލަ ބަލައިގަތްތާ ހަފުތާއެއް ނުވަނީހެވެ. އަލީ ގަބޫލުކުރައްވާ ގޮތުގައި މިއީ ސަރުކާރަށް މި މައްސަލަ ކާމިޔާބު ނުވާނެކަން އެނގުމާއެކު އެޅި ކަސިޔާރު ފިޔަވަޅެކެވެ. ޖުޑީޝަރީއަށް ސާފުކޮށް ދިން ހަމަލާއެކެވެ.
"ސަރުކާރުން މިހާރު ގަބޫލުކުރީތާ ހަގީގަތުގަ ސަރުކާރު ބަލިވެއްޖެ ކަމަށް. އަދި، އަޅުގަނޑު ހުށަހަޅާފައި އޮތް މައްސަލައިގެ ބަރުދަނެއް ހުރިކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިނިވަން ވާންޖެހޭއިރު އެ މީހުން ހިފަހައްޓައިގެން ތިބި ކަމަށް ސަރުކާރުން އެއްބަސްވެފަ މިވަނީ،" ގާނޫނީ ވަކީލުކަންވެސް ކުރައްވާ އަލީ މި ނޫހާ ވާހަކަދައްކަވަމުން ރޭ ވިދާޅުވި އެވެ.
މި މައްސަލާގައި އަލީގެ ވަކީލު، މަހްފޫޒު ސައީދުވެސް ދެކިލައްވަނީ އެ ބީދައިންނެވެ.
"ކޯޓަށް ހުށަހެޅިފައި އޮތީ ގާނޫނީ ބަހުސެއް އޮތް މައްސަލައެއް. ރައްޔިތުންގެ މަޖިލީހުން ކަންކޮށްފައި އޮތީ ރަނގަޅަށް ކަމަށް ދެކޭނަމަ އެ ނަތީޖާ ހޯދުމަށް ކޯޓުގައި ވަކާލާތުކުރެވޭނެ. އެ މަގު އިހުތިޔާރުނުކޮށް ބާރު ދައްކާލަން ކުރާ މަސައްކަތުގައި ތިޔަ ފުނޑާލެވެނީ މުޅި ޝަރުއީ ނިޒާމު," އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ލިޔުއްވާފައިވެ އެވެ.
މިހާރުގެ ހާލަތުގައި ވެސް އަލީ ގަބޫލުކުރައްވަނީ މައްސަލަ ކާމިޔާބުވާނެ ކަމަށެވެ. މިހާރު އޮތް ބެންޗުގެ ކޮންމެ ފަސް ފަނޑިޔާރަކު އައު ބެންޗުގައި ތިއްބެވި ނަމަވެސް، މި މައްސަލާގައި މަޖިލިސް މެންބަރުން ތަޅުން ނެއްޓި މިނިވަން ވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
ފެހި ގާނޫނުއަސާސީގެ ދަށުން އިންތިގާލީ މަރުހަލާގައި އެކުލަވާލި ސުޕްރީމް ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އޭގެ ފަހުން، އާ ސަރުކާރަކާއި އާ ރައްޔިތުންގެ މަޖިލީހެއް އިންތިހާބު ކުރުމަށް ފަހު، 2010 ވަނަ އަހަރު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލީ ނުވަ ފަނޑިޔާރުންގެ މައްޗަށެވެ.
ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2014 ގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރި އެވެ. އެ ފަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ދުރުކުރީ އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އެވެ.
ޔާމީނުގެ ވެރިކަން ފާހަގަވެގެން ދިޔައީ ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ އިންތިހާގެ ގޮތުގަ އެވެ. ސުޕްރީމް ކޯޓުގެ އަމުރެއް ބާތިލުކުރުމަށް އެ އިމާރާތުގެ ފުރާޅުން ޓިނު ނަގައިގެން ސިފައިން ވަތްތަން ދިވެހިން ބަލައިފި އެވެ. އެ ހަނދާންތަކަށް ފޮހެވޭހާ ދުވަހެއް އަދި ނުވެ އެވެ.
އިދިކޮޅުން ތުހުމަތުކުރަނީ، މި ސަރުކާރުގެ މިސްރާބު ވެސް ހުރީ އެ ދިމާލަށް ކަމަށެވެ. ސަރުކާރުގެ ބިލާއެކު އިދިކޮޅު ލީޑަރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ވެސް މި ވާހަކަ އެވެ.
"މި ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިޔުމަށް," ކަމަށެވެ.
ސަރުކާރުން ބޭނުންވަނީ، 2013 އިން 2018 އާ ދެމެދު އޮތް ސަރުކާރެކޭ އެއްގޮތަަށް ފަނޑިޔާރުންނަށް ބިރުދެއްކުމަށް ކަމަށެވެ. އޭރު ވަކިކުރި ދެ ފަނޑިޔާރުން ވަކިކުރީ ވެސް ސަބަބެއް ދެއްކުމެއް ނެތި އެވެ. މިފަހަރު ހުށަހެޅި ބިލުވެސް ފަރުމާ ކޮށްފައިވަނީ ހަމަ އެ މިސްރާބަށެވެ. މާޒީ އިއާދަވާނެ ގޮތަކަށެވެ.
އެމްޑީޕީ ދޫކޮށް ދިޔަ އިސްވެރިން އުފައްދާ ހިންގަމުންދާ، ދަ ޑިމޮކްރެޓްސް އިން ވެސް ދެކެނީ މިއީ ގޯސް ނިންމުމެއް ކަމަށެވެ. އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ވަހީދު އެކްސްގައި ލިޔުއްވާފައިވަނީ މި ސަރުކާރު މިހާރު މިދަނީ އިމުން ބޭރަށް ކަމަށެވެ.
އެ ޕާޓީން ނެރުނު ކުރު ބަޔާނެއްގައި ވެސް ސަރުކާރުގެ އަމަލު ކުށްވެރިކޮށް، އެއްބާރުން އަނެއް ބާރަށް ބާރުފޯރުވުން ހުއްޓާލަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
ދުސްތޫރީ މައްސަލައެއް ނާކާމިޔާބުވެދާނެ ކަމުގެ ބިރަށް ކޯޓުތަކަށް ނުބާނާން ބުނި އަތް ގަދަކަމުން ވައްދާ، ފަނޑިޔާރުންނަށް މަގާމުގެ ބިރު ދެއްކުމަކީ ހުދުމުހުތާރު ވެރިކަމެއްގެ ފެށުން ކަމަށް ދެކޭ ކިތަންމެ ރައްޔިތަކު ރޭއްސުރެން އެ ފަދައިން ބުނެފައިވެ އެވެ. ސޯޝަލް މީޑިއާގަ އެވެ. ކޮފީ މޭޒުތަކުގަ އެވެ.
ސިޔާސީންގެ ވިސްނުން ވެސް ހުރީ ދާދި އެ މިސްރާބަކަށެވެ. ކުރިމަގު ބަނަކަމަށާއި އަނިޔާވެރި، ހުދުމުހުތާރު ވެރިކަމެއްގެ ކޮޅުމަތި ފެންނަމުންދާ ކަމަށް އެމްޑީޕީ އާއި ޑިމޮކްރެޓުންގެ އިސްވެރިން ދަނީ ބުނަމުންނެވެ. މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންނެވެ. ކުރީގެ ވަޒީރުންނެވެ.
"ހުދުމުހުތާރު ވެރިޔެއްގެ ހުންނަންވާ ހުރިހާ ސިފައެއް ހަމަވަމުންދާ މަންޒަރު މި ފެންނަނީ. މިހާރު ނުފޫޒު ފޯރުވަމުން ދަނީ ނުސީދާކޮށެއް ނޫން. ރައްޔިތުންގެ މަޖިލީހާއި ވެރިކަން ކުރާ ފަރާތުން ސުޕްރީމް ކޯޓަށް އަތް ބާނަމުން އެދަނީ," އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު މެންބަރު މީކާއިލް ނަސީމު މިއަދު ވިދާޅުވި އެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވި މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަދެވަޑައިގަތުމުގެ ކުރިން، ހަމަ އެ ޕާޓީއަށް ނިސްބަތްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު މަސައްކަތްކުރައްވަނީ ހަމަ ސީދާ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރާށެވެ.
"ރާއްޖޭގެ ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ވެރިކަން ކޮށްދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ރައީސް މުއިއްޒުގެ ނެތް. އެހެންވެ މި ފެންނަނީ ގަދަ ބާރުން ވެރިކަން ހިފަހައްޓަން މަސައްކަތް ކުރަމުންދާ މަންޒަރު މި ފެނިގެންދަނީ،" އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ސަރުކާރާއެކު މަސައްކަތް ކުރަމުންދިޔަ އެމްޑީއޭގެ ނައިބު ރައީސް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް މި ބިލާ ދެކޮޅެވެ. އޭނާ ވިދާޅުވީ ސަރުކާރުތަކުން ކޯޓުތަކާއި ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ސިޔާސީންގެ ކަންބޮޑުވުންތަކަށް ބާރު ލިބެނީ މާޒީންނެވެ. ޔާމީނުގެ ވެރިކަމުގައި ކަން ހިނގި ގޮތެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެނައުމާއެކު ސިޔާސީންގެ މައްޗަށް އައި ހުކުމް ތަކެވެ. ރައްޔިތުންނަށް ކުރިމަތިވި އަނިޔާ އެވެ.
2014 ގެ ފަހުކޮޅު ސުޕްރީމް ކޯޓަށް ގެނައި ބަދަލާއެކު، ދެ އަހަރެއްގެ ތެރޭ އިދިކޮޅު ސިޔާސީ ލީޑަރުންނާއި އެ ބޭބޭފުޅުންގެ އަނބިދަރިން ވެސް ތިބީ ހައްޔަރުގަ އެވެ. ޖަލު ހުކުމްތަކުގަ އެވެ. ނޫނީ އަމިއްލައަށް އަރުވާލެވިގެން ގައުމުން ބޭރުގަ އެވެ.
--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ