މަޖިލިސް ރައީސް ކަމުގައި މި އިނީ މިނިވަންކަމާ އެކު: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އޭނާ އިންތިހާބުކޮށް ދެއްވީ މަޖިލީހުގެ މެންބަރުން ކަމަށާއި އެ ގޮނޑީގައި އިންނަވަނީ މިނިވަންކަމާ އެކު ނުފޫޒެއް ނެތި ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.
ތަފްސީލު - މީކާއިލް ވާހަކަ ދެއްކެވީ، އޭނާ މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ގަވައިދަށް ނުފެތޭ ކަމަށް ވިދާޅުވެ، އެ މައްސަލަ ހުށަނޭޅޭނެ ކަމަށް އަބްދުއްރަހީމް ނިންމެވުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިވަޑައިގެންނެވެ. އެގޮތުން:
މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައަކީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ބިލަކީ، ޝަރުއީ ދާއިރައަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ބައިވެރިވުމާ އެކު ހުށަހަޅާފައިވާ ބިލެއް ކަމަށް ތުހުމަތުކޮށް
މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއިލް ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި
އެ ބިލަށް ފާޑުވިދާޅުވެ މީކާއިލް ވާހަކަ ދައްކަވަން ފެއްޓެވުމުން ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އޭނާ ހުއްޓުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ، މީކާއިލް ވާހަކަ ދައްކަވަމުން ގެންދަވަނީ ކޮމިޓީ ރިޕޯޓަކަށް ނޫން ކަމަށެވެ. އަދި އެގޮތަށް މައުލޫއިން ބޭރުން ވާހަކަ ދައްކަވަން ފުރުސަތު ނާރުއްވާނެ ކަމަށް ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި މީކާއިލް ވިދާޅުވީ، މަޖިލިސް ރައީސް އަބްދުއްރަހީމްގެ ހާލުކޮޅާމެދު އޭނާ ހަމްދަރުވީވާ ކަމަށެވެ. އަދި އަބްދުއްރަހީމް މަޖިލިސް ރައީސް ކަމުގައި ބައިންދަވާފައި އިންނަވަނީ "ބަޑި ބައިންދައިގެން" ކަމަށް މީކާއިލް ވިދާޅުވި އެވެ.
އެއާ އެކު އަބްދުއްރަހީމް އަނެއްކާ ވެސް މީކާއިލްގެ ވާހަކަ ހުއްޓުވި އެވެ.
"ޢިއްޒަތްތެރި މެންބަރު އަނެއްކާ ވެސް މައުލޫއިން ބޭރަށް ތިޔަ ވަޑައިގަންނަވަނީ. އިއްޒަތްތެރި މެންބަރަކަށް އެނގިވަޑައިނުގަންނަވާނެ އަޅުގަނޑުގެ ސިއްހީ ހާލަތެއް ވެސް އަދި ދިރިއުޅުމުގެ ހާލަތެް ވެސް އެހެން ހާލަތެްވެސް. އެއަށް އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް ނޯންނާނެ،" މީކާއިލްއަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު މިއިނީ މިވަންކަމާ އެކު މި ގޮނޑީގައި. މި ގޮނޑިއަށް އަޅުގަނޑު އިންތިހާބުކޮށްދެއްވީ މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުން. އަޅުގަނޑަކަށް މިތާގައި އެއްވެސް ކަމަކަށް ހުރަހެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އަބްދުައްރަހީމް އެދިވަޑައިގެންނެވީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް މީކާއިލް ވާހަކަ ނުދެއްކެވުމަށެވެ. އަދި އެކަން ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މައިކް ބޭނުން ނުކުރެއްވުމަށް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަލޮޅު ދެކުނު ދާއިރާގެ މައިކްގައި އަޑު ހުރިހާ ހިނދަކު، މި އަޑު އިއްވާނަން،" މީކާއިލް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން [ހުށަހެޅި ބިލެއް އެއީ] އިއްޒަތްތެރި ރައީސްގެ ހާލުކޮޅު މިއަދު ދިވެހި ރައްޔިތުން ދަނޭ. އެއީ، ދިވެހި ރައްޔިތުން ދަންނަ ކަމެއް އިއްޒަތްތެރި ރައީސް. އިއްޒަތްތެރި ރައީސްގެ ދަރިފުޅަށް ހަދާލި ގޮތާއި އާއިލާގެ ބޭބޭފުޅުންނަށް ހަދާލަމުންދާ ގޮތާ އަދި އިއްޒަތްތެރި ރައީސް މެދުވެރިކޮށް އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތައް،" އެ ހިސާބަށް މީކާއިލް ވާހަކަ ދިޔުމުން އަނެއްކާވެސް އަބްދުއްރަހީމް އޭނާ ހުއްޓުވި އެވެ.
އަބްދުއްރަހީމް ތަކުރާރުކޮށް އެދިވަޑައިގެންނެވީ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށެވެ. މީކާއިލް ވިދާޅުވި ގޮތުގައި އަބްދުއްރަހީމް މަސައްކަތް ކުރައްވަނީ ބަހުސް ތެރެއަށް ވެންނެވުމަަށެވެ. އަދި ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމަށްޓަކައި އެ ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް މީކާއިލް ގޮވާލެއްވި އެވެ.
މީކާއިލް ވާހަކަ ދެން މެދުކަނޑާލަން ޖެހުނީ، އޭނާއާ ޖެހިގެން ވާތްފަރާތުގައި އިންނެވި މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު ނިޒާމީ ނުކުތާއެއް ނެންގެވުމުންނެވެ. އިބްރާހިމް މުހައްމަދު ވިދާޅުވީ، މީކާއިލް ރިޕޯޓަށް ބަހުސް ނުކޮށް ސަރުކާރުގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަމުންދަނީ ކަމަށެވެ.
"މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ވެސް އިންނެވީ ޑރ. މުއިއްޒު. މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައި ވެސް އިންނެވީ ޑރ. މުއިއްޒު،" އެ ނިޒާމީ ނުކުތާއަށް ފަހު، ފުރުސަތު ދެއްވުމުން މީކާއިލް ވިދާޅުވި އެވެ.
އެއާއެކުވެސް އަބްދުއްރަހީމް އަނެއްކާ ވެސް މީކާއިލްގެ ވާހަކަ ހުއްޓުވި އެވެ.
"ކަނޑައެޅިގެން އިތުރުފުޅެއް ހެއްދެވީމަ އަޅުގަނޑަށް ޖެހޭނެ ދެއްތޯ ހުއްޓަވަން. އެއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ޑރ. މުހައްމަދު މުއިއްޒެއް ނޫން އިންނެވީ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މި އިނީ އަޅުގަނޑު، އަބްދުއްރަހީމް އަބްދުﷲ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީކާއިލްގެ ވާހަކަ ނިމުމުން، ބިލާ ގުޅޭ ގޮތުން އޭނާ ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހަށް ބިލެއް ހުށަހެޅުމަކީ މަޖިލިސް ހަތިޔާރަކަށް ބޭނުން ކުރުމެއް ނޫން ކަމަށެވެ. އަދި އެއީ، މަޖިލިސް ބާރު ކަނޑާލުވުމެއް ވެސް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހަކީ، މުތުލަގަށް ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެނެސް [އަދި] ހަދައި، ގާނޫނުތައް އިސްލާހު ކުރުމުގެ ބާރު އޮންނަ މަޖިލީހެއް. އެހެންވީމަ މަޖިލީހަށް ބިލެއް ހުށަހެޅުމަކީ މަޖިލީސް ހަތިޔާރަކަށް ހެދުމޭ ވިދާޅުވާ ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" މިއީ މަޖިލީހުގެ ބަހުސްގައި ބައިވެރިވުން ނޫންކަން ފާހަގަ ކުރައްވައި، އަބްދުއްރަހީމް ވިދާޅުވި އެވެ.
އެއާ އެކު، މަޖިލިސްގެ ހެނދުނުގެ ދަންފަޅި ނިންމާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ