ފައިސާ ޗާޕް ކުރަން އުޅެނީ ހާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުން ފައިސާ ނުލިބުމުން: ޝާހިދު

މި ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް އެޗްޑީސީން ބިމެއް ގަތުމުގެ ނަމުގައި ފައިސާ ޗާޕް ކުރަން އުޅެނީ، ހާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުން ފައިސާ ނުލިބުމުން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި އެ ޕާޓީގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަރުކާރަށް ފައިސާ ބޭންވާތީވެ، އެމްއެމްއޭއިން 15 ބިލިއަން ރުފިޔާއަށް އެޗްޑީސީގެ ބިމެއް ގަންނަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރި އެއީ ފައިސާ ޗާޕްކުރުން ކަމަށް ބުނެ، އެކަމާ ގުޅިގެން އިގްތިސާދީ މާހިރުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. މި އަޑުތައް ފެތުރެން ފެށިތާ މިހާރު ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވީއިރު، ސަރުކާރާއި އެމްއެމްއޭއިން އެކަމާ ބެހޭ ގޮތުން އަދި އެއްޗެއް ނުބުނެ އެވެ.
ބުނީ ކީކޭ؟ - އެކްސްގައި ޝާހިދު ލިއުއްވި ޕޯސްޓެއްގައި ސަރުކާރަށް ފާޑުކިއުން އަމާޒުކުރެއްވި އެވެ.
"ސަރުކާރަށް މިވަރަށް ފައިސާއަށް ބޭނުން ޖެހިފައި މިނީ، ސަރުކާރުގެ ހާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުގެ ފައިނޭންސިން ނުލިބުމުން. ސަރުކާރުގެ ނާގާބިލުކަމާއި މިސްމެނޭޖްމަންޓްގެ އަގު ދިވެހިން ދައްކަން ޖެހިގެން ނުވާނެ،" އިނގިރޭސީ ބަހުން ލިއުއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ފައިސާ ޗާޕްކުރަން ނިންމި ނިންމުމަކީ ޒިންމާދާރުކަން ކުޑަ އަދި ބައިނަލްއަގުވާމީ މާލީ ޖަމިއްޔާތަކާއި އިގްތިސާދީ މާހިރުންގެ ލަފަޔާ ވެސް މުޅިން ހިލާފު ނިންމުމެކެވެ. މިއީ ދައުލަތުގެ ހަރަދު ކުޑަކޮށް އާމްދަނީ އިތުރުވާނެ ގޮތްތަކެއް ހޯދުން ބޭނުންތެރި ދަނޑިވަޅެއްކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ފައިސާ ޗާޕްކޮށްފި ނަމަ، އޭގެ ނޭދެވޭ އަސަރު ދިވެހި އިގްތިސާދަށް އިންތިހާއަށް ކުރާނެ ކަމަށެވެ.
އޭގެ ނަތީޖާއަކަށް ވާނީ، ޝާހިދު ވިދާޅުވި ގޮތުގައި:
އިންފްލޭޝަން މަތިވެ، ރުފިޔާގެ އަގު ވެއްޓުން؛ އޭގެ ސަބަބުން އިގްތިސާދަށް ލޮޅުން އަންނާނެ
އާހިރުގައި އޭގެ ދަތިކަން އަންނާނީ އާންމު ރައްޔިތުންނަށް؛ ކާޑު ބާވަތްތަކާއި ތެލާއި އަސާސީ ތަކެތީގެ އަގު އުފުލުމާއި ޑޮލަރު ލިބުން ތާށިވާނެ 
ދިގު މުއްދަތެއްގައި ޓެކްސް ބޮޑުވެގެން ދާނެ
އޭގެ އިތުރުން އޭނާ ވިދާޅުވީ އެމްއެމްއޭއަށް ބިމެއް ބޭނުން ނުވާނެ ކަމަށާއި ރިއަލްއެސްޓޭޓް ވިޔަފާރި ތެރެއަށް ވަނުމަކީ ވެސް އެ އިދާރާގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
މިކަން ސިފަކުރެއްވީ އެމްއެމްއޭގެ ގާނޫނާއި މާލީ ޒިންމާތަކާ ބެހޭ ގާނޫނާ ވެސް ހިލާފު ކަމެއްގެ ގޮތުގަ އެވެ. މިއީ މަރުކަޒީ ބޭންކުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ވިދާޅުވެ، އިއާދަނުކުރެވޭ ގެއްލުމެއް ލިބުމުގެ ކުރިން އެކަން ހުއްޓަން ވެސް ޝާހިދު ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ