ސޯލް ޑިސްޓްރިބިއުޓަރުކަން ކުރަނިކޮށް އެހެން ވިޔަފާރިތަކުން ކާސްޓްރޯލް އެތެރެކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނަން: އެމްޓީސީސީ

ސޯލް ޑިސްޓްރިބިއުޓަރުކަން ކުރަނިކޮށް އެހެން ކުންފުނިތަކުން ކާސްޓްރޯލް އެތެރެކުރާނަަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. އެހެން ކުންފުނިތަކުން ކާސްޓްރޯލް އެތެރެކޮށް ވިއްކާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޓީސީސީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ވަނީ، ކާސްޓްރޯލް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުންޏާ ދެމެދު އެއްބަސްވެ، އެ ކުންފުންޏަކީ ރާއްޖޭގެ ކާސްޓްރޯލްގެ ސޯލް ޑިސްޓްރިބިއުޓަރު ކަމަށެވެެ. އެހެންކަމުން އެއްވެސް ކުންފުންޏަކުން ކާސްޓްރޯލް މަރުކާގެ އެއްވެސް މުދަލެއް ރާއްޖެ އެތެރެކޮށް ވިއްކާ މާކެޓްކޮށް ހެދުމަކީ ގާނޫނާ ޚިލާފުކަމެއް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ. https://x.com/MTCCPlc/status/1903812773869731949 އެމްޓީސީސީއިން ވަނީ ކަސްޓަމަރުންނަށް އޮޅޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ކާސްޓްރޯލް ވިއްކާކަމުގެ ދޮގު މައުލޫމާތު ހިއްސާނުކުރުމަށް ވެސް ކުންފުނިތަކަށް އިލްތިމާސްކޮށްފައެވެ. އަދި އެގޮތަށް އަމަލުކުރުމަކީ ވިޔަފާރީގެ ރޫހާ މުޅީން ޚިލާފު ކަމެއް ކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެ ކުންފުނިން ވަނީ އެއްވެސް ކުންފުންޏަކުން އެ ކުންފުނީގެ ވިޔަފާރިއަށް ގެއްލުންވާނެ ގޮތަށް އަމަލުކުރިކަން ކުންފުނީގެ ސަމާލުކަމަށް އައިސްފިނަމަ، އެކަން ކުށްވެރިކޮށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން އެމްޓީސީސީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ގާނޫނީ ތަރަހައިގެ ތެރެއިން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެ ފަރާތާ ދެކޮޅަށް އެމްޓީސީސީއިން އަޅާނެކަމަށް ބުނެފައެވެ. އެމްޓީސީސީއިން ވަނީ އެހެން ކުންފުނިތަކުން ވިއްކަމުންދަނީ ކާސްޓްރޯލްގެ ނަކަލު އުފެއްދުންތަކެއްކަމުގެ ފުރުސަތު ވެސް ބޮޑުކަމަށް ބުނެފައެވެ. ކަސްޓަމަރުން މިކަމާމެދު ސަމާލުވާން ޖެހޭކަމަށާއި ކާސްޓްރޯލްގެ އަސްލު އުފެއްދުން ކަސްޓަމަރުންނަށް ލިބިގެންްދާނީ ހަމައެކަނި އެމްޓީސީސީ މެދުވެރިކޮށް ކަަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ