ލުއިތަކަކާއެކު ހއ. އަތޮޅަށް ބީއެމްއެލްގެ ގެސްޓު ހައުސް ފައިނޭންސިން ތައާރަފުކޮށްފި

ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ހއ. އަތޮޅުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގެސްޓު ހައުސް ފައިނޭންސިން މިއަދު ތައާރަފުކޮށްފިއެވެ. އެކަމަށްޓަކައި ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ގެސްޓު ހައުސް ފައިނޭންސިންއަކީ މިހާރުވެސް ބޭންކުން ފޯރުކޮށްދޭ ޚިދުމަތެއް ކަމަށެވެ. ނަމަވެސް ހއ. އަތޮޅުގައި ޓޫރިޒަމަށް ފަހި ފުރުސަތެއް އޮތް ކަމަށް ދެކިގެން، ބޭންކުން އެ ފުރުސަތު ފަހިކޮށްދެނީ ފަހުގެ ބަދަލުތަކަކާ ވެސް އެކު ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ޚިދުމަތުގެ ދަށުން ގެސްޓު ހައުސް ވިޔަފާރި އަލަށް ފެށުމަށް ބޭނުންވާ ނުވަތަ ވިޔަފާރި ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ ފައިނޭންސިންގައި ބޭންކުން އިތުރު ސެކިއުރިޓީއެއް ބޭނުމެއް ނުވާނެ ކަމަށާއި އެއީ ލިބޭނެ ލުޔެއް ކަމަށް އޭނާ ވިދާޅުވިއެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް -- ސަން ފޮޓޯ/ މޫސާ ނަދީމް "މާނައަކީ ގެސްޓު ހައުސް އަޅަން، އެ އިމާރާތެއް މޯގޭޖުކޮށްގެން އެހެން ސެކިއުރިޓީއަކާ ނުލައި، މިހާރު ގެސްޓު ހައުސްއަށް ފައިނޭންސިން ލިބޭނެ. މީގެކުރިން ގެދޮރު އިމާރާތްކުރި ކަމުގައިވީ ނަމަވެސް އަދި ގެސްޓު ހައުސެއް އަޅަން ޖެހުނު ނަމަވެސް ބޭންކުން އިތުރު ސެކިއުރިޓީއެއް [ބޭނުންވާނެ[،" ޝަރީފް ވިދާޅުވިއެވެ. ޓޫރިޒަމް ދާއިރާގެ އިތުރަށް ތިމާވެށީގެ ދާއިރާއިންނާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއަށް ޚާއްސަކޮށް ބޭނުންވާ މާލީ އެހީތެރިކަމަށް "ގްރީން ފައިނޭންސިން" ވެސް ދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް ފަސް އަހަރުތެރޭގައި ބޭންކުން ހަމައެކަނި ރިސޯޓު މަޝްރޫއުތަކަށް 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހޭދަކޮށްފައިވާ ކަމަށެވެ. އެކަމުން ވެސް ދޭހަވަނީ ޓޫރިޒަމްގެ ދާއިރާއަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ކަމަށް ޝަރީފް ވިދާޅުވިއެވެ. https://x.com/em_saeed/status/1904084592950436032 ބޭންކުން ގެސްޓު ހައުސް ފައިނޭންސިން މިއަދު ތައާރަފުކުރިއިރު، ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހއ. އަތޮޅުގައި އޭޓީއެމް ނެތް ރަށްތަކުގައި މިއަދު ވަނީ އޭޓީއެމް ވެސް ހުޅުވާފައެވެ. އެގޮތުން މިއަދު ވަނީ އެ އަތޮޅުގެ، މޮޅަދޫ، ތަކަންދޫ، ތުރާކުނު، އުލިގަމުގައި އޭޓީއެމް ހުޅުވައިފައެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްއެއް ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ