45 ދަރިވަރަކަށް މަސްވެރިކަމާ ބެހޭ ކޮލެޖުން ސްކޮލަރޝިޕް ފުރުސަތު ހުޅުވާލަނީ
މަސްވެރިކަމާ ބެހޭ ކޮލެޖުން 45 ދަރިވަރަކަށް ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ."ރައްޔިތުންނާއެކު" ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ކޮލެޖުން ބެޗެލާސް އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔެވުމަށް ފުލް ސްކޮލަރޝިޕް ދެމުންދާނެ ކަމަށެވެ. އަދި މިހާރު އެކަމަށް ހުރިހާ ތައްޔާރީތަކެއް ވަނީ ވެވިފައި ކަމަށާއި، ބަޖެޓު ހަމަޖެހިފައި އޮތް ގޮތުން 45 ކުއްޖަކަށް ސްކޮލަރޝިޕް ހަމަޖެއްސޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ."މީގެ އިތުރުން ވެސް ކުދި ކުދި ކޯސްތައް އެބަހުރި. އެނޫންވެސް ކުދިކުދި ކޯސްތައްވެސް އެބަ ހިންގާ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މި ކޮލެޖު ޤާއިމްކުރުމަކީ މަސްވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ކުރެވިގެންދާ ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އިތުރު ސްކޮލަރޝިޕް ފުރުސަތު ހޯދުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.މަސްވެރިކަމާއި ބެހޭ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަކީ ޤާނޫނީގޮތުން މަސްވެަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ނަމަވެސް، މިހާތަނަށް އެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ އެ މަސައްކަތް ފައްޓަވާފައެވެ.މި ސްކޮލަރޝިޕް ފުރުސަތުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުޤުވެރިވެ، ދާއިރާގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ