މައި ޖަލާއި އިސްލާހީ ރަށް ހަދައިދޭ ބަޔަކަށް ދ. ވާނީ އާއި ފަޅުތަކެއް ދެނީ

އުތުރުތިލަފަޅުގައި ހަދާ މައި ޖަލާއި ކުށް ކުރާ ކުދިންގެ އިސްލާހީ މަރުކަޒު ނުވަތަ 'ހޯޕް އައިލެންޑް' ގާއިމްކުރާ ފަރާތަކަށް ދ. ވާނީ އާއި ދެ ފަޅު ދޭ ގޮތަށް އެ މަޝްރޫއު ހިންގަން ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ. 
ވީ ކިހިނެއް؟ - އުތުރުތިލަފަޅުގައި ތަރައްގީކުރާ ކުޑަކުދިންގެ އިސްލާހީ ސެންޓަރު ނުވަތަ 'ހޯޕް އައިލެންޑް' އަކީ:
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށް މި ސަރުކާރުން ހަދަން ނިންމާފައިވާ ތަނެއް
މައި ޖަލު ނުވަތަ ސެންޓްރަލް ޕްރިޒަން މަޝްރޫއުއަކީ:
ރާއްޖޭގައި މިވަގުތު ހުރި ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން އުތުރުފަޅުގައި ގާއިމުކުރާ 6،000 މީހުންގެ ޖާގައިގެ ޖަލެއް 
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެންމެ ވަރުގަދަ ސެކިއުރިޓީ ފީޗާސްތަކާއެކު ހަދާ މިޖަލާއެކު ސަރުކާރުގެ ވިސްނުމަކީ މި ސަރަހައްދުގެ އެހެން ޖަލުތައް ބަންދުކުރުން
ތަފްސީލް - މި ދެ މަޝްރޫއު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި އިސްލާހީ މަރުކަޒު ގާއިމްކުރާ ރަށް ތަރައްގީ ކުރަން ތިން ގޮތަކަށް ޕްރޮޕޯސަލް ހުށަހެޅިދާނެ އެވެ. އެއީ: 
ބިން ހިއްކުމާ އެއްކޮށް މުޅި މަޝްރޫއު ހިންގުން: ބަދަލުގެ ގޮތުގައި އިންވެސްޓަރަށް ދޭނީ ދ. ވާނީ އާއި އެ ރަށާ ގުޅިފައިވާ ފަޅު އަދި އިތުރު ދެ ފަޅެއް 
ބިން ނުހިއްކާ ހަމައެކަނި އިމާރާތްތައް ހެދުން
ހައިބުރިޑް މޮޑެލް: ބިން ހިއްކުން ހިމެނޭ ގޮތުން އިމާރާތް ކުރުމުގެ އެއްބައި ހިންގުމުން ދެ ފަޅު ލިބޭ ގޮތް 
ރަށް ހިއްކުމުގެ މޮޑެލް: އެ ރަށުގައި ތަރައްގީކުރާ ބައެއް ތަންތަން ހިންގައިގެން ފައިދާ ހޯދުމުގެ މޮޑެލް 
ހޯޕް އައިލެންޑުގައި ތަރައްގީ ކުރަން ޖެހެނީ 700 މީހުންނަށް ހިދުމަތް ދެވޭ ވަރަށެވެ. އަދި އެ މަޝްރޫއު އޮކްޓޯބަރު 2027އަށް ނިންމަން ވެސް ޖެހެ އެވެ. 
މީގެ އިތުރަށް މައި ޖަލު އެޅުމުގެ މަޝްރޫއު ހިންގާ ފަރާތްތަކަށް ދޭން ނިންމާފައި ވަނީ ފަޅުތަކެކެވެ. އެހެން ނަމަވެސް އެ ފަޅުތަކަކީ ކޮބައި ކަމެއް ބުނެފައެއް ނުވެ އެވެ. 
މި ދެ މަޝްރޫއަށް ވެސް ބޭރުގެ ފަރާތްތަކަށް ކުރިމަތިލެވެ އެވެ. އަދި އެ މަޝްރޫއު ހިިންގާނެ ބައެއް ނެގުމުގައި %50 މާކްސް ދޭން ނިންމާފައި ވަނީ މާލީ ގޮތުން އެންމެ ގާބިލް ފަރާތަކަށެވެ. އަދި ބާކީ %25 މަޝްރޫއު ނިންމާ އަވަސްކަން އަދި އަނެއް %25 މަޝްރޫއު ތަންފީޒުކުރަން ރާވާފައިވާ ގޮތަށް ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. 
އެ ދެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ނިޔަަލަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ. 
އެ އިއުލާންގައި ވާގޮތުން ކްރޮސް ސަބްސިޑައިޒޭޝަން މޮޑަލެއްގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއު ކުރިއަށް ގެންދަން ހޮވާ އިންވެސްޓަރު ވިޔަފާރީގެ ގޮތުން ފައިދާވާނެ ކަންކަން ހުށަހަޅައިގެން ފެސިލިޓީގެ ކެޕިޓަލް އަދި އޮޕަރޭޝަނަލް ކޮސްޓްސް ފޫބައްދަން ޖެހޭނެ އެވެ. 
ފާހަގަކޮށްލެވޭ ކަމެއް - މި ދެ މަޝްރޫއަކީ ވެސް ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ 25 މަޝްރޫއުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެކެވެ.
އެކަމާ ގުޅޭގޮތުން ރައީސް މުހައްމަދު މުއިއްޒު މިދިޔަ މާޗު މަސްތެރޭ ނެރުއްވާފައިވާ ގަރާރުގައި ވާގޮތުން ކުޑަކުދިންގެ އިސްލާހީ ސެންޓަރުގެ މަޝްރޫއާ ހަވާލުވާ ފަރާތުން އެ މަޝްރޫއަށް އެންމެ ދަށްވެގެން ޖުމްލަ 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ހަރަދުކުރަން ޖެހޭނެ އެވެ. އެވެ. އެއީ:
ހޯޕް އައިލެންޑް މަޝްރޫއުއަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ހިއްކުމަށް - 10 މިލިއަން ޑޮލަރު
ހޯޕް އައިލެންޑް ތަރައްގީކުރަން - 15 މިލިއަން ޑޮލަރު
މީގެ އިތުރުން، ސެންޓްރަލް ޕްރިޒަން މަޝްރޫއުއަށް އެންމެ ދަށްވެގެން ހަރަދުކުރަންޖެހޭ މިންވަރުގެ ގޮތުގައި ހިމަނާފައިވަނީ 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) އެވެ. އެއީ:
ސެންޓްރަލް ޕްރިޒަން މަޝްރޫއަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކުމަށް - 15 މިލިއަން ޑޮލަރު
ސެންޓްރަލް ޕްރިޒަން ތަރައްގީކުރަން - 15 މިލިއަން ޑޮލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ