އީކުއޭޓާ ވިލެޖުގެ މައްސަލަ ހައްލުކޮށް ޕްލޭނާ އެއްގޮތަށް ގަމުގެ މަގު ހެދޭނެ ކަމަށް ސަރުކާރުން ބުނެފި އީކުއޭޓާ ވިލެޖުގެ މައްސަލަ ހައްލުކޮށް ޕްލޭނާ އެއްގޮތަށް ގަމުގެ މަގު ހެދޭނެ ކަމަށް ސަރުކާރުން ބުނެފި

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަސޭހަކަމާއެކު ދެވޭ ގޮތަށް ހަދަން ނިންމި މަގުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އެ މަގު ހަދާ ޕްލޭނާ ފުށޫއަރާގޮތަށް އޮތް އީކުއޭޓާ ވިލެޖު ރިސޯޓާއެކު ޖެހުނު މައްސަލަ ހައްލުވެއްޖެ ކަމަށް ސަރުކާރުން ބުނެފި އެވެ.
އައްޑޫ އެއާޕޯޓު ތަރައްގީކުރަން ކުރިއަށް ގެންދާ މަޝްރޫއުގައި ހިމެނޭ މަގު ހެދުމަށް ހުރަސްއެޅުނީ، މަގުގެ ކުރެހުން އީކުއޭޓާ ވިލެޖުގެ ލޭބާ ކުއާޓާ ހުން ސަރަހައްދުގެ ތެރެއިން ދާތީ އެވެ. މިކަން ހައްލުކުރަން ކުރީ ސަރުކާރުންނާއި މި ސަރުކާރުންވެސް ގެންދިޔައީ އެ ރިސޯޓު ހިންގާ ކައިމޫ ޓްރެވެލްސް އެންޑް ހޮޓެލްސް ސާވިސަސް އާއެކު މަޝްވަރާކުރަމުންނެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިކަމާ ގުޅިގެން ކަމާބެހޭ ހުރިހާ ފަރާތަކާއި މަޝްވަރާކުރެވި، މައްސަލަ ހައްލު ވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
"އެހެންކަމުން، މި މަގު ހެދުމުގެ މަސައްކަތް އެއްބަސްވުމާއި އެއްގޮތަށް، ގަން އިންޓަރނެޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ވާހަކަ ދަންނަވަން،" މުއްތަލިބު އެކްސްގައި ލިޔުއްވާފައިވެ އެވެ.
ނަމަވެސް، މައްސަލަ ހައްލުވީ ކޮން ކަހަލަ އެއްބަސްވުމެއްގެ ދަށުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އެ ބިން ސަރުކާރަށް ދިނުމަށް ބޮޑު ބަދަލަކަށް ކައިމޫއިން އެދެމުންދިޔަ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ތަފުސީލު ނުދެއްވި ނަމަވެސް، މިކަން ހައްލުކުރުމަށް ކުރި މަސައްކަތަށާއި ދިން އެއްބާރުލުމަށް އައްޑޫގެ ރައްޔިތުންނާއި އައްޑޫ އެއާޕޯޓު ކުންފުނި އަދި ޓޫރިޒަމް މިނިސްޓްރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ އިންޑިއާ ސަރުކާރުން ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓުގެ ދަށުން 30 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިންގާ މަޝްރޫއެކެވެ. އެ ގައުމުގެ ރެނާޓަސް ކުންފުނިން ހިންގާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޖޫން 4، 2023، ގަ އެވެ.
މި މަޝްރޫއުގެ ދަށުން ގަމުގައި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖްތަކާއި، ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތަކާއި، ކޮންޓްރޯލް ޓަވަރު އަދި ފަޔާ ސްޓޭޝަނާއި، މަގުތަކާއި ޕާކިން ސަރަހައްދުތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ