އިމްޕޯޓު އެކްސްޕޯޓުގެ މުއާމަލާތްތަކަށް ހާއްސަ ޓްރޭޑިއަން ޕްލެޓްފޯމް ބޭނުންކުރަން ފަށައިފި އިމްޕޯޓު އެކްސްޕޯޓުގެ މުއާމަލާތްތަކަށް ހާއްސަ ޓްރޭޑިއަން ޕްލެޓްފޯމް ބޭނުންކުރަން ފަށައިފި

މުދާ އެތެރެކޮށް އަދި ބޭރުކުރުމުގެ ހުރިހާ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ގޮތަށް ތަރައްގީކޮށްފައިވާ "ޓްރޭޑިއަން" ޕްލެޓްފޯމް މިއަދު ބޭނުންކުރަން ފަށައިފި އެވެ.
ޓްރޭޑިއަންއަކީ އޭޝިއަން ޑިވެލޮޕްމަންޓު ބޭންކުން ފަންޑުކޮށްގެން ހިންގާ ނޭޝަނަލް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން ތަރައްގީކުރި ޕްލެޓްފޯމެކެވެ.
ޓްރޭޑިއަންއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި މުދާ ހިފައިގެން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ވެސްލް ރަޖިސްޓްރޭޝަނާއި އުޅަނދުތައް ލަފާފުރުމާ ގުޅޭ ހިދުމަތްތަކާއި ސީ ކާގޯ މެނިފެސްޓު ހުށަހެޅުމުގެ އިތުރުން ރަލާއި އޫރު މަސް އެތެރެކުރުމުގެ ހުއްދަ އާއި އިމާރާތްކުރާ ސާމާނު އެތެރެކުރުމުގެ ހުއްދައަށް އެދުން ހިމެނެ އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްލެޓްފޯމްގެ ހިދުމަތްތައް މިއަދު ލައިވްކޮށްފައިވާއިރު، މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މި މުއްދަތުގެ ތެރޭގައި ކުރިން ހޯދަމުން އައި ގޮތަށް ހިދުމަތްތައް ލިބުނު ނަމަވެސް، އެ މުއްދަތު ނިމޭ ފަހުން އެ ހުރިހާ ހިދުމަތަކަށް އެދެވޭނީ ޓްރޭޑިއަން މެދުވެރިކޮށް އެކަންޏެވެ. އެއީ ޖޫން 1، އިން ފެށިގެންނެވެ.
ޓްރޭޑިއަން ހިންގާ ސަރުކާރު ކުންފުނި، ޓްރޭޑް ނެޓުން މައުލޫމާތު ދިން ގޮތުގައި މި ޕޯޓަލްގެ ތެރެއިން ކަސްޓަމްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ޓްރާންސްޕޯޓު މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހިދުމަތްތައް ލިބޭނެ އެވެ. އަދި މި ހިދުމަތާއެކީ ވިިޔަފާރިތަކަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޓްރޭޑިއަންއާ އެކީ ވިޔަފާރިވެރިންގެ ވަގުތު ސަލާމަތްވެ، ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ލިބި، ހަރަދުތައް ވެސް ކުޑަކުރެވޭނެ ކަމަށް ވެސް ޓްރޭޑްނެޓުން ބުނެފައިވެ އެވެ. އަދި މިއީ އައިއެމްއޯ ސްޓޭންޑަޑަށް ޑޭޓާ ރައްކާކުރެވޭ ފުރަތަމަ ޕްލެޓްފޯމް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ބޭނުންކުރަން ފަށާ ގޮތަށް ލޯންޗުކުރި ޕްލެޓްފޯމެކެވެ. ނަމަވެސް މި މަސައްކަތް ދިގުލައިގެން ދިޔައީ ސިސްޓަމްތައް ތައްޔާރުކުރުމަށާއި އިދާރީ ގޮތުންނާއި އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ވަގުތު ނެގުމާ ގުޅިގެންނެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒް ކުރާށެވެ. މި އަމާޒަށް ވާސިލުވުމުގެ ގޮތުން ޓްރޭޑިއަންގެ އިތުރުން ވަންގަވް ތަރައްގީކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޓްރޭޑްނެޓުން ވަނީ ބުނެފަ އެވެ. މިހާރު އެ ކުންފުނިން ވަނީ ވަންގަވްގެ ދެ ވަނަ ވާޝަން ވެސް ލޯންޗުކޮށް، ބޭނުންކުރަން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ